1
(މިއީ) مشرك ންގެ ތެރެއިން ތިޔަބައިމީހުން معاهدة އެއްކޮށް އެ معاهدة އުވާލާފައިވާ ބަޔަކުގެ ކިބައިން اللَّه އާއި، އެކަލާނގެ رسول އާ ބަރީއަވެގެންވާކަމުގެ އެންގެވުމެކެވެ.
2
ފަހެ، ތިޔަބައިމީހުން (އެބަހީ: مشرك ން) ހަތަރު މަސްވަންދެން ބިމުގައި ހިނގާބިނގާ އުޅޭށެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުންނަށް اللَّه، ނުކުޅައްދައި ނުލެވޭނެކަމާއި، ހަމަކަށަވަރުން اللَّه، كافر ތަކުން ދެރަކޮށްލައްވާހުށިކަން، ތިޔަބައިމީހުން ދަންނާށެވެ!
3
އަދި މިއީ ބޮޑުވެގެންވާ حج ގެ ދުވަހު، اللَّه އާއި، އެކަލާނގެ رسول އާގެ ކިބައިން، މީސްތަކުންނަށް އޮތް އެންގެވުމެކެވެ. (މިއަދަށްފަހު) ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ رسول އާ ވަނީ، مشرك ންގެ ކިބައިން ބަރީއަވެގެންނެވެ. ފަހެ، ތިޔަބައިމީހުން (مشرك ން) توبة ވެއްޖެނަމަ (ދަންނާށެވެ!) ފަހެ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ފުރަގަސްދީފިނަމަ، ފަހެ، ތިޔަބައިމީހުންނަށް اللَّه ނުކުޅައްދައެއް ނުލެވޭނެކަން ތިޔަބައިމީހުން ދަންނާށެވެ! كافر ވި މީހުންނަށް ވޭންދެނިވި عذاب ހުރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ!
4
مشرك ންގެ ތެރެއިން އެބަޔަކާ، ތިޔަބައިމީހުން معاهدة ކޮށްފައިވާ، އަދި އެއުރެން (އެ معاهدة އާމެދު) ތިޔަބައިމީހުންނަށް އެއްވެސްކަމެއް އުނިކޮށްފައިނުވާ އަދި ތިޔަބައިމީހުންނާ ދެކޮޅަށް އެއްވެސްމީހަކަށް އެހީވެ، ވާގިދީފައިނުވާ މީހުން މެނުވީއެވެ. ފަހެ، ތިޔަބައިމީހުން އެއުރެންގެ މުއްދަތު ހަމަވަންދެން އެއުރެންގެ عهد ފުރިހަމަކުރާށެވެ! ހަމަކަށަވަރުން، تقوى ވެރިންދެކެ، اللَّه ލޯބިވެވޮޑިގެންވެއެވެ.
5
حرمة ތެރި މައްސަރުތައް ވޭތުވުމުން، ފަހެ، ތިޔަބައިމީހުންނަށް مشرك ން ފެނުނު ކޮންމެ ތަނަކުން، ތިޔަބައިމީހުން އެއުރެން قتل ކުރާށެވެ! އަދި ތިޔަބައިމީހުން އެއުރެން ހިފާށެވެ! އަދި އެއުރެން حصار ކުރާށެވެ! އަދި (އެއުރެން އަތުލައިގަނެވޭނެ) ކޮންމެތަނެއްގައި އެއުރެން އަތުލައިގަތުމަށްޓަކައި، ހުޝިޔާރުވެ ފިލައިތިބޭށެވެ! ފަހެ، އެއުރެން توبة ވެ، ނަމާދު قائم ކޮށް، زكاة ދީ އުޅެފިނަމަ، ދެން އެއުރެން މިނިވަންކަމާއެކު ދޫކޮށްލާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ.
6
އަދި مشرك ންގެ ތެރެއިން އެއްވެސްމީހަކު، ކަލޭގެފާނުގެ އަރިހުން ރައްކާތެރިކަމަކަށް އެދިއްޖެނަމަ، ފަހެ، އެމީހަކު اللَّه ގެ كلام ފުޅު އަހައިފުމަށްދާނދެން އެމީހަކަށް ރައްކާތެރިކަން ދެއްވާށެވެ! ދެންފަހެ، އަމާންކަން ލިބިގެންވާ ތަނަކާ ހަމަޔަށް އެމީހަކު ގެންގޮސްދެއްވާށެވެ! އެއީ ހަމަކަށަވަރުންވެސް، އެއުރެންނީ ނުދަންނަ ބަޔެކެވެ.
7
اللَّه ގެ حضرة ގައްޔާއި، އެކަލާނގެ رسول އާގެ އަރިހުގައި، مشرك ންނަށް عهد އެއް އޮންނާނީ، ކޮންފަދައަކުން ހެއްޔެވެ؟ حرمة ތެރި މިސްކިތުގެ ކައިރީގައި ތިޔަބައިމީހުން އެބަޔަކާ عهد ކުރި މީހުންނަށް މެނުވީއެވެ. ފަހެ، އެއުރެން ތިޔަބައިމީހުންނަށް ސީދާވެގެންތިބިހާ ހިނދަކު ތިޔަބައިމީހުންވެސް އެއުރެންނަށް ސީދާވާށެވެ! ހަމަކަށަވަރުން، تقوى ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ.
8
(އެއުރެންނަށް އެފަދަ عهد އެއް އޮންނާނީ) ކިހިނަކުންހެއްޔެވެ؟ އެހެނީ ތިޔަބައިމީހުންގެ މައްޗަށް އެއުރެން ގަދަވެގެންފިނަމަ، ގާތްތިމާގެ ކަމުގެ ގުޅުމަކަށްވެސް، އަދި عهد އަކަށްވެސް، ތިޔަބައިމީހުންނާމެދު އެއުރެން ނުބަލާނެތެވެ. އެއުރެންގެ އަނގައިން ތިޔަބައިމީހުން ރުއްސާނެތެވެ. އެއުރެންގެ ހިތްތައް ނުރުހިގެންވާ حال ގައެވެ. އޭގެތެރެއިން ގިނަމީހުންނީ، فاسق ންނެވެ.
9
އެއުރެން اللَّه ގެ آية ތަކަށް ކުޑަ އަގެއް ގަތެވެ. ފަހެ، އެއުރެން އެކަލާނގެ މަގުން (މީސްތަކުން) އެއްކިބާކުޅައެވެ. ހަމަކަށަވަރުން، އެއުރެން ކޮށްއުޅުނު ކަންތައް ހާދަހާ ނުބައިވެގެންވެއެވެ.
10
ގާތްތިމާގެ ކަމުގެ ގުޅުމަކަށްވެސް، އަދި عهد އަކަށްވެސް، އެއުރެން مؤمن އަކާމެދު ނުބަލާނެތެވެ. އަދި އެއުރެންނީ، ހަމަ، ހައްދުފަހަނަޅައިދާ މީހުންނެވެ.
11
ފަހެ، އެއުރެން توبة ވެ، ނަމާދު قائم ކޮށް، زكاة ދީފިނަމަ، ފަހެ، އެއުރެންނަކީ، دين ގައި ތިޔަބައިމީހުންގެ أخ ންނެވެ. އެނގޭބަޔަކަށް ތިމަންރަސްކަލާނގެ آية ތައް تفصيل ކޮށްދެއްވަމެވެ.
12
އަދި އެއުރެން عهد ކުރުމަށްފަހު، އެއުރެންގެ ހުވާތައް އުވާލައި، އަދި ތިޔަބައިމީހުންގެ ދީނަށް عيب ބަސް ބުނެއުޅެނީނަމަ، ތިޔަބައިމީހުން كافر ކަމުގެ ބޮޑުންނާ ހަނގުރާމަކުރާށެވެ! ހަމަކަށަވަރުން، ހުވަޔަކީ، އެއުރެންނަށް އެއްވެސް އެއްޗެއްނޫނެވެ. (ހަނގުރާމަ ކުރަންވީ) އެއުރެން އެކަންތައް ހުއްޓާލާތޯއެވެ.
13
އެއުރެންގެ ހުވާތައް އުވާލައި، رسول އާ (ރަށުން) ބޭރުކޮށްލުމަށް ރޭވި ބަޔަކާ ތިޔަބައިމީހުން ހަނގުރާމަ ނުކުރާންވީ ކީއްވެގެންހެއްޔެވެ؟ ފުރަތަމަ ތިޔަބައިމީހުންނަށް حملة ދިނީ އެއުރެންނެވެ. ތިޔަބައިމީހުން، އެއުރެންދެކެ ބިރުގަންނަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން مؤمن ން ކަމުގައިވާނަމަ، ތިޔަބައިމީހުން ބިރުވެތިވުން حق ކަން ބޮޑީ، اللَّه އަށެވެ.
14
ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަކުރާ ހުށިކަމެވެ! އޭރުން اللَّه އެއުރެންނަށް ތިޔަބައިމީހުންގެ އަތްތަކުން عذاب ދެއްވާނެތެވެ. އަދި އެއުރެން ނިކަމެތި ކޮށްލައްވާނެތެވެ. އަދި ތިޔަބައިމީހުންނަށް، އެއުރެންގެ މައްޗަށް نصر ދެއްވާނެތެވެ. އަދި مؤمن ބަޔެއްގެ ހިތްތަކަށް شفاء ދެއްވާނެތެވެ.
15
އަދި އެއުރެންގެ (އެބަހީ: مؤمن ންގެ) ހިތްތަކުގައިވާ ރުޅިވެރިކަން ފިއްލަވާނެތެވެ. اللَّه އިރާދަކުރައްވާ ބަޔެއްގެ މައްޗަށް توبة ލައްވާނެތެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ.
16
ތިޔަބައިމީހުންކުރެ جهاد ކޮށް، اللَّه އާއި، އެކަލާނގެ رسول އާއާއި، مؤمن ން ފިޔަވައި، އެކުވެރިން ބޭނުންނުކުރާ މީހުން، اللَّه ދެނެވޮޑިގެންވާކަން އެންގެވުމުގެ ގޮތުން، امتحان ކުރެއްވުމަކާނުލައި، ތިޔަބައިމީހުން ދޫކޮށްލައްވާނެކަމަށް ތިޔަބައިމީހުން ހީކުރީހެއްޔެވެ؟ اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
17
އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް كافر ކަމަށް ހެކިވެތިބި حال ގައި، اللَّه ގެ މިސްކިތްތައް ފަޅުފިލުވައި ބެލެހެއްޓުމަކީ، مشرك ންނަށް އޮތްކަމެއްނޫނެވެ. އެއުރެންނަކީ، އެއުރެންގެ عمل ތައް باطل ވެފައިވާ މީހުންނެވެ. އަދި ހަމަ، އެއުރެންނީ، ނަރަކައިގައި ދެމިތިބޭނޭ ބަޔެކެވެ.
18
اللَّه ގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ، اللَّه އަށާއި، آخرة ދުވަހަށް إيمان ވެ، ނަމާދު قائم ކޮށް، زكاة ދީ، اللَّه އަށް މެނުވީ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ، އެއުރެންނަކީ، ތެދުމަގު ލިބިގެންވާ މީހުން ކަމުގައިވުން ގާތްބަޔެކެވެ.
19
حج ވެރިންނަށް ބޯފެންދީ، حرمة ތެރިވެގެންވާ މިސްކިތް ފަޅުފިލުވައި، ބަލަހައްޓައިއުޅޭ މީހަކާއި، اللَّه އަށާއި، آخرة ދުވަހަށް إيمان ވެ، اللَّه ގެ މަގުގައި جهاد ކޮށްއުޅޭ މީހަކާ ދެމީހުން، އެއްފަދަކަމަށް ތިޔަބައިމީހުން ހަދަނީހެއްޔެވެ؟ اللَّه ގެ حضرة ގައި އެ ދެބައިމީހުން، ހަމަހަމައެއް ނުވާނެތެވެ. އަނިޔާވެރި ބަޔަކަށް، اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.
20
إيمان ވެ، هجرة ކޮށް، اللَّه ގެ މަގުގައި އެއުރެންގެ މުދާތަކާއި، نفس ތަކުން جهاد ކޮށް އުޅުނު މީހުންނީ، اللَّه ގެ حضرة ގައި ދަރަޖަ އެންމެ މަތިވެރިވެގެންވާ މީހުންނެވެ. އަދި އެއުރެންނީ، ހަމަ، نصيب ލިބިގެންވާ މީހުންނެވެ.
21
އެއުރެންގެ ވެރިރަސްކަލާނގެ، އެކަލާނގެ حضرة ން އެއުރެންނަށް رحمة އާއި، ރުހިވޮޑިގަތުމާއި، ސުވަރުގެތައް ހުރިކަމުގެ އުފާވެރި خبر، އެއުރެންނަށް ދެއްވަތެވެ. އެތާނގައި، އެއުރެންނަށް އަބަދަށް ދެމިހުންނަނިވި نعمة ތައް ވެއެވެ.
22
އެތާނގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ބޮޑުވެގެންވާ ދަރުމަހުށްޓެވެ.
23
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މައިންބަފައިންނާއި، އެއްބަނޑުއެއްބަފާ މީހުން (ވިޔަސް) އެއުރެން إيمان ކަމަށްވުރެ ބޮޑަށް، كافر ކަމަށް ލޯބިކުރާނަމަ، އެއީ ތިޔަބައިމީހުންގެ އެހީތެރި، އެކުވެރިން ކަމުގައި ނުހިފާށެވެ! އަދި އެއުރެންނަކީ، އެހީތެރި އެކުވެރިން ކަމުގައި، ތިޔަބައިމީހުންގެ ތެރެއިން ބަލާމީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ، އަނިޔާވެރިންނެވެ.
24
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައިންބަފައިންނާއި، ދަރިންނާއި، أخ ންނާއި، އަނބިންނާއިި، ގާތްތިމާގެ މީހުންނާއި، ތިޔަބައިމީހުން ހޯދާފައިވާ މުދާތަކާއި، ގެއްލުންވެދާނެކަމަށް ތިޔަބައިމީހުން ބިރުގަންނަ ވިޔަފާރިއާއި، ތިޔަބައިމީހުން ހިތްރުހޭ ގެދޮރާއި (މިހުރިހައި ތަކެތި) اللَّه އާއި، އެކަލާނގެ رسول އާއާއި، އެކަލާނގެ މަގުގައި جهاد ކުރުމަށްވުރެން، ތިޔަބައިމީހުންނަށް ލޯބިވެތި ކަމުގައިވާނަމަ، اللَّه ގެ އަމުރުފުޅު އަތުވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ބަލަބަލައި ތިބޭށެވެ! فاسق ވީ މީހުންނަށް، اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.
25
ހަމަކަށަވަރުން، އެތައްއެތައް ތަނެއްގައި، اللَّه ތިޔަބައިމީހުންނަށް نصر ދެއްވިއެވެ. އަދި حُنين (ހަނގުރާމައިގެ) ދުވަހު، ތިޔަބައިމީހުންގެ ބައިގިނަކަމުގެ ސަބަބުން، ތިޔަބައިމީހުން ހެއްލުންތެރިވީހިނދު، ހަނދުމަކުރާށެވެ! ފަހެ، އެ ބައިގިނަކަން، ތިޔަބައިމީހުންނަށް އެއްވެސްކަމެއް ފުއްދައެއްނުދިނެވެ. އަދި (އެހިނދު) ތަނަވަސްކޮށް އޮތް ބިން، ތިޔަބައިމީހުންނަށް ދަތިވެގެންދިޔައެވެ. ދެން ތިޔަބައިމީހުން، ފުރަގަސްދީ، ފިލާން ދުއްވައިގަތީމުއެވެ.
26
ދެން اللَّه އެކަލާނގެ رسول އާއަށާއި، إيمان ވި މީސްތަކުންގެ މައްޗަށް އެކަލާނގެ (حضرة ން) ހިތްހަމަޖެހުން ބާވައިލައްވައި، އަދި ތިޔަބައިމީހުންނަށް ނުފެންނަ لشكر އެއް ބާވައިލެއްވިއެވެ. އަދި كافر ވި މީހުންނަށް އެކަލާނގެ عذاب ދެއްވިއެވެ. އެއީ كافر ންގެ ޖަޒާއެވެ.
27
ދެން އޭގެފަހުން، اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކަށް توبة ލައްވަތެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.
28
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! مشرك ންނަކީ، ނަޖިސް ބަޔެއްކަން ކަށަވަރެވެ. ފަހެ، މިއަހަރަށްފަހު، حرمة ތެރިވެގެންވާ މިސްކިތާ އެއުރެން، ކައިރިވިޔަ ނުދޭހުށިކަމެވެ! އަދި ތިޔަބައިމީހުން، فقير ވެދާނޭކަމަށް ބިރުގަންނަނަމަ، ފަހެ، اللَّه އިރާދަކުރައްވައިފިއްޔާ، އެކަލާނގެ فضل ވަންތަކަމުން، ތިޔަބައިމީހުން މުއްސަނދި ކުރައްވައިފާނެތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ.
29
ފޮތް ލިބުނު މީހުންކުރެ، اللَّه އަށާއި، آخرة ދުވަހަށް إيمان ނުވާ، އަދި اللَّه އާއި، އެކަލާނގެ رسول އާ حرام ކުރެއްވި ކަންތައް حرام ނުކުރާ، އަދި حق دين އަށް تبع ނުވާ މީހުންނާ ތިޔަބައިމީހުން ހަނގުރާމަ ކުރާށެވެ! (އެއީ) އެއުރެން ނިކަމެތިވެ، ދެރަވެގެންވާ حال، އަމިއްލައަތުން جزية ދީފުމަށް ދާނދެނެވެ.
30
يهودى ން ބުނޫއެވެ. عُزَير ގެފާނަކީ، اللَّه ގެ ދަރިކަލުންނެވެ. އަދި نصارى އިން ބުނޫއެވެ. المسيح (عيسى ގެފާނު) އަކީ، اللَّه ގެ ދަރިކަލުންނެވެ. އެއީ (ހަމައެކަނި) އެއުރެންގެ އަނގައިން ބުނެލާ ބަހެކެވެ. އެއުރެން އެ تقليد ކުރަނީ، އެއުރެންގެ ކުރިން كافر ވި މީހުން ބުނެއުޅުނުފަދަ ބަހަކަށެވެ. اللَّه، އެއުރެންނަށް لعنة ލައްވާހުށްޓެވެ. އެއުރެން حق ން އެއްކިބާވަނީ، ކޮންފަދައަކުން ހެއްޔެވެ؟
Sonraki 30 ayet →