1
އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެ نفس ގެ ކިބައިން އޭގެ އަނެއް جنس ހެއްދެވިއެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އެކަލާނގެއީ، އެކަލާނގެ މެދުވެރިކޮށް ތިޔަބައިމީހުން އެކަކު އަނެކަކާ سؤال ކޮށް، ކަންކަމަށް އެދިއުޅޭ ރަސްކަލާނގެއެވެ. އަދި، ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކަންތައް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި، اللَّه ވޮޑިގެންވެއެވެ.
2
يتيم ންނަށް (އެކުދިން تصرّف ފުދިއްޖެނަމަ) އެކުދިންގެ މުދާތައް ތިޔަބައިމީހުން ދޭށެވެ! އަދި، އޭގެތެރެއިން މޮޅުތަކެއްޗަށް ދެރަތަކެތި ބަދަލުކޮށް ނަހަދާށެވެ! އަދި، އެކުދިންގެ މުދާތައް، ތިޔަބައިމީހުންގެ މުދަލާއެކު ބޭނުންކޮށް، ކައި ނޫޅޭށެވެ! ހަމަކަށަވަރުން، ބޮޑުވެގެންވާ ފާފައެއް ކަމުގައި އެކަންތައްވިއެވެ.
3
يتيم ންނާމެދު، عدل ވެރި ނުވެވޭނެކަމަށް ތިޔަބައިމީހުންނަށް ހީވެ، ބިރުގެންފިނަމަ (އެބަހީ: ތިޔަބައިމީހުންގެ ބެލުމުގެ ދަށުގައިވާ يتيم އަންހެން ކުދިންނާ ކާވެނިކުރުމުގައި، عدل ވެރި ނުވެވޭނެކަމަށް ހީވާނަމަ، އެނޫން) އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުނާއެވެ. ނުވަތަ ތިންމީހުނާއެވެ. ނުވަތަ ހަތަރުމީހުނާއެވެ. ފަހެ، عدل ވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، އެކަކާއެވެ. ނުވަތަ، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުންނާއެވެ. އެގޮތް ތިޔަބައިމީހުން އަނިޔާވެރިނުވުމާ ގާތްކަން ބޮޑެވެ.
4
އަންހެނުންނަށް އެކަނބަލުންގެ ރަން، ތިޔަބައިމީހުން ހިތުންރުހުމުންދޭ ދިނުމެއްގެ ގޮތުގައި ދޭށެވެ! އޭގެތެރެއިން އެއްޗެއް އެކަނބަލުން ހިތުންރުހުމުން ތިޔަބައިމީހުންނަށް އަނބުރާ ދީފިނަމަ، حلال ރަނގަޅު އެއްޗެއްގެ ގޮތުގައި، ތިޔަބައިމީހުން އޭގެ ބޭނުންކުރާށެވެ!
5
އަދި، ދޯދިޔާ މީހުންނަށް، (އެބަހީ: ވިޔާނުދާ خرد ކޮށް، إسراف ކޮށް އުޅޭމީހުންގެ އަތަށް) ތިޔަބައިމީހުންގެ އަތުގައިވާ އެއުރެންގެ މުދާތައް ނުދޭށެވެ! އެ މުދަލަކީ، ދިރިއުޅުން ހިފަހައްޓައިދެނިވި ބާރެއްކަމުގައި اللَّه ތިޔަބައިމީހުންނަށް ލައްވާފައިވާ އެއްޗެކެވެ. އަދި، ތިޔަބައިމީހުން އެއިން، އެއުރެންނަށް ކާންދޭށެވެ! އަދި އެއުރެންނަށް އަންނައުނު ދޭށެވެ! އަދި، ތިޔަބައިމީހުން، އެއުރެންނަށް ހެޔޮބަސް ބުނާށެވެ!
6
އަދި، ތިޔަބައިމީހުން يتيم ކުދިންގެ ގޮތް ބަލާށެވެ! އެކުދިން ކާވެނި ފުރާވަރަށް ދާނދެނެވެ. ފަހެ، (މުދަލާމެދުގައި) ބުއްދި ފުރިހަމަކަން އެއުރެންގެ ކިބައިން ތިޔަބައިމީހުންނަށް ފެނިއްޖެނަމަ، އެއުރެންގެ މުދާތައް އެއުރެންނަށް ދޭށެވެ! އަދި، إسراف ގެ ގޮތުންނާއި، އެކުދިން ބޮޑެތި ވެދާނެތީ (ބިރުން) އަވަސްވެގަނެގެން، ތިޔަބައިމީހުން އެ މުދާ ނުކާށެވެ! މުއްސަންޖަކު ކަމުގައި ވެއްޖެމީހާ، عفة ތެރި ވާހުށިކަމެވެ! (އެބަހީ: އެ މުދަލުގައި ނުޖެހޭ ހުށިކަމެވެ!) އަދި، فقير އަކުކަމުގައި ވެއްޖެމީހާ، ހެޔޮ ރަނގަޅު ގޮތުގައި (އެ މުދަލުން) ކާހުށިކަމެވެ! ފަހެ، އެއުރެންގެ މުދާތައް، ތިޔަބައިމީހުން އެއުރެންނަށް ދޭހިނދު، އެއުރެންގެ މައްޗަށް ތިޔަބައިމީހުން ހެކިކުރާށެވެ! حساب ބައްލަވަނިވި ކަލަކު ކަމުގައި اللَّه ފުދެއެވެ.
7
މައިންބަފައިންނާއި، ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން، ފިރިހެނުންނަށް ބަޔެއް ވެއެވެ. އަދި، މައިންބަފައިންނާއި ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން އަންހެނުންނަށްވެސް ބަޔެއް ވެއެވެ. އެ ދޫކުޅަ ތަކެތީގެ ތެރެއިން މަދު އެއްޗަކުންނާއި، ގިނަ އެއްޗަކުންވެސް ކަނޑައެޅިގެންވާ ބަޔެއްގެ ގޮތުގައެވެ.
8
(ތަރިކަ މުދާ) ބަހާތަނަށް (އެ މުދަލުން ނުވާ) ގާތްތިމާގެ މީހުންނާއި، يتيم ންނާއި، مسكين ން حاضر ވެއްޖެނަމަ، (އެ މުދާ ބެހުމުގެ ކުރިން) އެއުރެންނަށް އެއިން އެތިކޮޅެއް ދޭށެވެ! އަދި، އެއުރެންނަށް ހެޔޮބަސް ބުނާށެވެ!
9
ނިކަމެތި ދަރިންކޮޅެއް އެއުރެންގެ ފަހަތަށް ދޫކުޅަނަމަ، އެކުދިންގެ މައްޗަށް ބިރުވެތިވާ ފަދައިން، އެއުރެން (اللَّه އަށް) ބިރުވެތި ވާހުށިކަމެވެ! އަދި، އެއުރެން اللَّه އަށް تقوى ވެރިވާހުށިކަމެވެ! އަދި، إنصاف ވެރި ސީދާ ބުނުމެއް އެއުރެން ބުނާހުށިކަމެވެ!
10
ހަމަކަށަވަރުން، އަނިޔާވެރިކަމުގެގޮތުން يتيم ންގެ މުދާ ކައިއުޅޭ މީހުން (ދަންނާށެވެ!) އެއުރެން ކައިއުޅޭކަން ކަށަވަރީ (ނަރަކައިގެ) އަލިފާނެވެ. އަދި، އަނދަ އަނދާާ ހުންނަ ނަރަކަޔަކަށް އެއުރެން ނިކަންހުރެ ވަންނާނެތެވެ.
11
ތިޔަބައިމީހުންގެ ދަރިންނާމެދު، اللَّه ތިޔަބައިމީހުންނަށް އަންގަވަތެވެ. އަންހެން ދެ ދަރިންގެ ބަޔާ އެއްފަދަ ބަޔެއް ފިރިހެން ދަރިޔަކަށް ވެއެވެ. އެ ދަރިންނަކީ ދޭކަށްވުރެ މަތީ عدد އެއްގެ އަންހެނުން ކަމުގައިވާނަމަ، މަރުވި މީހާ ދޫކުރި މުދަލުގެ ތިންބައިކުޅަ ދެބައި އެކަނބަލުންނަށެވެ. އަދި، އެއީ އެންމެ އަންހެން ދަރިޔަކު ކަމުގައި ވެއްޖެނަމަ، ފަހެ، އެކަނބުލޭގެޔަށް ދެބައިކުޅަ އެއްބަޔެވެ. އަދި، މަރުވިމީހާގެ ދަރިޔަކު ހުރިނަމަ، އޭނާގެ މަންމަޔާއި، ބައްޕަޔާއި، ދެމީހުންކުރެ ކޮންމެ މީހަކަށްމެ، އެ މަރުވި މީހާ ދޫކުޅަ މުދަލުގެ ހަބައިކުޅަ އެއްބަޔެވެ. ފަހެ، އޭނާޔަށް ދަރިޔަކު ނުވާނަމަ، އަދި، (ހަމައެކަނި) އޭނާގެ މަންމަޔާއި ބައްޕަޔަށް ވާރުތައަރާނަމަ، ފަހެ، އޭނާގެ މަންމަޔަށް ތިންބައިކުޅަ އެއްބަޔެވެ. (ދެންހުރި އެއްޗެއް ބައްޕަޔަށެވެ.) ފަހެ، އެ މަރުވި މީހާޔަށް أخ ންނާއި، أخت ން (އެކަކަށްވުރެ ގިނައިން) ތިބިނަމަ، ފަހެ، އޭނާގެ މަންމަޔަށް ހަބައިކުޅަ އެއްބަޔެވެެ. ކުރާ وصية އެއްވާނަމަ، އެ وصية އެއް تنفيذ ކުރުމަށްފަހުގައެވެ. ނުވަތަ، ދަރަންޏެއް ވާނަމަ، އެ ދަރަންޏެއް އަދާކުރުމަށް ފަހުގައެވެ. ތިޔަބައިމީހުންގެ މައިންބަފައިންނާއި، ތިޔަބައިމީހުންގެ ދަރިންކުރެ މަންފާކުރުމުގެ ގޮތުން ތިޔަބައިމީހުންނާ ގާތްކަންބޮޑީ ކޮންބަޔެއްކަން ތިޔަބައިމީހުންނަކަށް ނޭނގެއެވެ. (بيان ވެ ދިޔަގޮތަށް މުދާ ބެހުންއޮތީ) اللَّه ގެ حضرة ން ކަނޑައަޅުއްވައި އަންގަވާފައިވާ فرض އެއްގެ ގޮތުގައެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ.
12
ތިޔަބައިމީހުންގެ އަނބިން ދޫކުޅަ މުދަލެއްގެ ދެބައިކުޅަ އެއްބައި ތިޔަބައިމީހުންނަށެވެ. އެއީ، އެކަނބަލުންނަށް ދަރިޔަކު ނުވާނަމައެވެ. ފަހެ، އެކަނބަލުންނަށް ދަރިޔަކުވާނަމަ، އެކަނބަލުން ދޫކުޅަ މުދަލެއްގެ ހަތަރުބައިކުޅަ އެއްބައި ތިޔަބައިމީހުންނަށެވެ. އެއީ، އެކަނބަލުން ކުރާ وصية އެއްވާނަމަ، އެ وصية އެއް تنفيذ ކުރުމަށްފަހު، ނުވަތަ ދަރަންޏެއް ވާނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ. އަދި، ތިޔަބައިމީހުންނަށް ދަރިޔަކު ނުވާނަމަ، ތިޔަބައިމީހުން ދޫކުޅަ މުދަލެއްގެ ހަތަރުބައިކުޅަ އެއްބައި އެކަނބަލުންނަށެވެ. ފަހެ، ތިޔަބައިމީހުންނަށް ދަރިޔަކުވާނަމަ، ތިޔަބައިމީހުން ދޫކުޅަ މުދަލެއްގެ އަށްބައިކުޅަ އެއްބައި އެކަނބަލުންނަށެވެ. އެއީ، ތިޔަބައިމީހުންކުރާ وصية އެއްވާނަމަ، އެ وصية އެއް تنفيذ ކުރުމަށްފަހު، ނުވަތަ، ދަރަންޏެއްވާނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ. كلالة ގެ ގޮތުން (އެބަހީ: أصل އެއް فرع އެއްނެތި) ފިރިހެނަކު ނުވަތަ އަންހެނަކު (ކިބައިން) ވާރުތަކުރެވޭނަމަ، އަދި، އޭނާޔަށް أخ އަކު ނުވަތަ أخت އަކު ހުރިނަމަ، ފަހެ، އެއިން ކޮންމެ މީހަކަށް ހަބައިކުޅަ އެއްބަޔެވެ. ފަހެ، އެ أخ ންނާއި أخت ން އެއަށްވުރެ ގިނަނަމަ، އެއުރެންވަނީ ތިންބައިކުޅަ އެއްބައިގައި (ހަމަހަމަޔަށް) ބައިވެރިވެގެންނެވެ. އެއީ، (ވާރުތަވެރިންނަށް) ގެއްލުން ނުދޭގޮތުގައި ކުރާ وصية އެއްވާނަމަ، އެ وصية އެއް تنفيذ ކުރުމަށްފަހު، ނުވަތަ، ދަރަންޏެއްވާނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ. اللَّه ގެ حضرة ން އަންގަވާފައިވާ އެންގެވުމެއްގެ ގޮތުގައެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ حليم ވަންތަ ރަސްކަލާނގެއެވެ.
13
އެއީ، اللَّه ކަނޑައަޅުއްވައި އަންގަވާފައިވާ އިންތަކެވެ. اللَّه އަށާއި، އެކަލާނގެ رسول އާއަށް ކިޔަމަންތެރިވާ މީހާ، އެތާނގެ ދަށުން ފެންއާރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ވައްދަވާނެތެވެ. އެތާނގައި، އެއުރެން ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ.
14
އަދި، اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދި، އެކަލާނގެ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާމީހަކު، ނަރަކަޔަށް ވައްދަވާނެތެވެ. އެތާނގައި އެމީހަކު ދެމިހުންނަނިވި ގޮތުގައެވެ. އަދި، އެމީހަކަށް އިހާނަތްތެރިކަން ދެނިވި عذاب ހުށްޓެވެ.
15
ތިޔަބައިމީހުންގެ އަންހެނުންކުރެ ހުތުރުކަން ބޮޑުވެގެންވާ ފާފަ ގެނެސްގަންނަ މީހުންނާމެދު، (އެބަހީ: ޒިނޭކުރާ މީހުންނާމެދު) ތިޔަބައިމީހުންގެ ތެރެއިން ހަތަރު ހެކިން، އެކަނބަލުންގެ މައްޗަށް ހެކިކުރާށެވެ! ފަހެ، އެއުރެން ހެކިދީފިނަމަ، މަރު، އެކަނބަލުން އަތުލައިފުމަށް ދާނދެން (އެބަހީ: މަރުވެއްޖައުމަށް ދާނދެން) ނުވަތަ، އެކަނބަލުންނަށް اللَّه މަގެއް ދައްކަވައިފުމަށް ދާނދެން، ގޭގޭގައި އެކަނބަލުން ބަންދުކުރާށެވެ! (އިތުރު ބަޔާނެއް: މަގެއް ދެއްކެވުމޭ އޮތްބަސްފުޅުގެ مراد އަކީ، އެކަނބަލުންނަށް ދޭނެ عقوبات އެއް ކަނޑައަޅުއްވައި އެންގެވުމެވެ. އެކަންއޮތީ سورة النور ގެ ދެވަނަ آية ން އަންގަވާފައެވެ.)
16
އަދި، ތިޔަބައިމީހުންގެ ތެރެއިން فاحش ކަންތައް ގެނެސްގަންނަ ދެމީހުންނަށް ތިޔަބައިމީހުން އަދަބުދޭށެވެ! ފަހެ، އެދެމީހުން توبة ވެ، އަދި، އެއުރެންގެ عمل إصلاح ކޮށްފިނަމަ، އެ ދެމީހުންގެ ކިބައިން ދުރުވެގަންނާށެވެ! (އެބަހީ: އަދަބުދިނުން ހުއްޓައިލާށެވެ!) ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ.
17
توبة ލެއްވުން اللَّه ގެ حضرة ން އޮތްކަން ކަށަވަރީ، ނޭނގިތިބުމާއެކު ނުބައިކަންތައްކޮށް، ދެން، އެކަންތައް ކުރުމާ ގާތުގައި (ލަސްނުކޮށް) توبة ވެ އުޅޭމީހުންނަށެވެ. ފަހެ، اللَّه، އެއުރެންގެ މައްޗަށް توبة ލައްވަތެވެ. އަދި، މޮޅަށް ދެނެވޮޮޑިގެންވާ حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
18
އަދި، ނުބައިކަންތައް ކޮށްކޮށް ތިއްބާ އެއިންމީހެއްގެ ގާތަށް މަރު އައިސް حاضر ވެއްޖެނަމަ، އެހިނދު ތިމަން މިހާރު توبة ވެއްޖައީމޭ ބުނާ މީހުންނާއި، كافر ން ކަމުގައި ތިބެ މަރުވާ މީހުންނަކަށް توبة ލެއްވުމެއްނެތެވެ. އެއުރެންނަށްޓަކައި ވޭންދެނިވި عذاب ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.
19
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ނުރުހުމުގައި އަންހެނުން ވާރުތަކޮށް ގަތުމަކީ، ތިޔަބައިމީހުންނަށް حلال ވެގެންވާ ކަމެއްނޫނެވެ. އަދި، ފާޅުވެގެންހުރި ހުތުރުކަން ބޮޑުވެގެންވާ ފާފައެއް އެކަނބަލުން ގެނެސްގަންނަ ކަމުގައިވަންޏާ މެނުވީ އެކަނބަލުންނަށް ތިޔަބައިމީހުން ދީފައިވާ ތަކެތީގެ ތެރެއިން ބަޔެއް އަތުލައިގަތުމަށްޓަކައި އެކަނބަލުންނަށް ދަތިނުކުރާށެވެ! އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ! ތިޔަބައިމީހުން އެކަނބަލުންނާ ނުރުހުންތެރި ވެއްޖެނަމަ (ދަންނާށެވެ!) ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި، އެ އެއްޗެއްގައި اللَّه ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެތެވެ.
20
ތިޔަބައިމީހުން އެއް އަނތްބެއްގެ ޖާގަޔަށް އެހެން އަނތްބަކު ބަދަލުކުރަން އެދޭނަމަ، (އެބަހީ: އެކަކު ވަރިކޮށްފައި އަނެކަކާ އިންނަން قصد ކޮށްފިނަމަ) އަދި، އެ އަނތްބަށް (ރަނުގެ ގޮތުން) ކިތަންމެ ގިނަ މުދާތަކެއް ދީފައިވިޔަސް އޭގެތެރެއިން އެއްޗެއް ތިޔަބައިމީހުން އަތުނުލާ ހުށިކަމެވެ. باطل ގޮތުގައި، އަދި، ފާޅުވެގެންވާ ފާފައެއް ކުރުމުގެ ގޮތުގައި، ތިޔަބައިމީހުން އެތަކެތި އަތުލަނީހެއްޔެވެ؟
21
ތިޔަބައިމީހުން އެތަކެތި އަތުލަނީ ކޮންފަދަޔަކުން ހެއްޔެވެ؟ ތިޔަބައިމީހުންގެ ތެރެއިން އެއްބަޔަކުވަނީ އަނެއްބަޔަކާއެކު އެއްދާންކޮށްފައެވެ. އަދި، އެކަނބަލުންވަނީ، ތިޔަބައިމީހުންގެ ކިބައިން ގަދަވެގެންވާ عهد ހިފާފައެވެ.
22
އަންހެނުންގެ ތެރެއިން ތިޔަބައިމީހުންގެ ބަފައިން ކާވެނިކުޅަ އަންހެނަކާ، ތިޔަބައިމީހުން ކާވެނި ނުކުރާހުށިކަމެވެ! އިސްވެދިޔަތާނގައި މެނުވީއެވެ. (އެބަހީ: ޖާހިލީ ޒަމާނުގައި ހިނގާދިޔަ ކަންތައްވަނީ عفو ކުރައްވާފައެވެ.) ހަމަކަށަވަރުން، އެކަމަކީ، ހުތުރުކަންބޮޑު ފާފައެއް ކަމުގައްޔާއި، އަދި، ނުރުއްސަވާ ކަމެއްކަމުގައިވިއެވެ. އަދި އެއީ، ހާދަހާ ނުބައިވެގެންވާ މަގެކެވެ.
23
ތިޔަބައިމީހުންގެ މައިންނާއި، އަންހެން ދަރިންނާއި، أخت ންނާއި، ބަފައިފުށުގެ ބޮޑުދައިތައިންނާއި، މައިފުށުގެ ބޮޑުދައިތައިންނާއި، أخ ގެ އަންހެން ދަރިންނާއި، أخت ގެ އަންހެން ދަރިންނާއި، ތިޔަބައިމީހުންނަށް ކިރުދިން މައިންނާއި، ކިރުބުއިމުގެ ގޮތުން ތިޔަބައިމީހުންގެ أخت ންނާއި، ތިޔަބައިމީހުންގެ އަނބިންގެ މައިންނާއި، ތިޔަބައިމީހުން އެކަނބަލުންގެ ގާތުގައި ރޭކޮށްފައިވާ އަނބިންގެ ފަރާތުން އައިސް ތިޔަބައިމީހުންގެ އުނގުގައިވާ، (އެބަހީ: ބެލުމުގެ ދަށުގައިވާ) ތިޔަބައިމީހުންގެ ދޮންދަރިންނާއި، (މިމީސްމީހުންނާ) ކާވެނިކުރުން حرام ކުރެއްވިއެވެ. އެކަނބަލުންގެ ގާތުގައި ތިޔަބައިމީހުން ރޭކޮށްފައިނުވާ އަނބިންގެ އަންހެންދަރިންނާ ކާވެނިކުރުމަކުން، ފަހެ، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އަދި، ތިޔަބައިމީހުންގެ ބުރިކަށިތަކުން އުފެދިފައިވާ ތިޔަބައިމީހުންގެ އުފަންދަރިން އިން މީހުންވެސް حرام ކުރެއްވިއެވެ. އަދި، ވޭތުވެދިޔަ ޒަމާނުގައި މެނުވީ ދެ أخت ން ދެމެދު އެއްކުރުން (އެބަހީ: އެއްފަހަރާ ދެ أخت ންނާ އިނުން) ވެސް حرام ކުރެއްވިއެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ.
24
ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުން ފިޔަވައި، އަންހެނުންގެ ތެރެއިން ކާވެނީގެ ރައްކާތެރިކަން ލިބި (މީހުންނާ އިނދެގެން) ތިބި އަންހެނުންވެސް ތިޔަބައިމީހުންގެ މައްޗަށް حرام ކުރެއްވިއެވެ. (އެއީ) اللَّه ތިޔަބައިމީހުންގެ މައްޗަށް ކަނޑައަޅުއްވައި ލިޔުއްވާފައިވާ ގޮތެވެ. ކާވެނީގެ ރައްކާތެރިކަން ލިބޭގޮތުގައި، އަދި، ޒިނޭނުކުރާ ގޮތުގައި، ތިޔަބައިމީހުންގެ މުދަލުން ކާވެނީގެ ރަން ދީގެން، އެނޫން އަންހެނުންނާ އިނުން، ތިޔަބައިމީހުންނަށް ހުއްދަކުރެއްވިއެވެ. ފަހެ، އެކަނބަލުންގެ ތެރެއިން ތިޔަބައިމީހުން ކާވެނިކޮށް އެކަމުގެ އުފާ ތިޔަބައިމީހުން އެބަޔެއްގެ ކިބައިން ލިބިގަތް ބަޔަކަށް ރަނުގެ ގޮތުގައި އެކަނބަލުންނަށް ކަނޑައަޅުއްވާފައިވާ އުޖޫރަ ތިޔަބައިމީހުން އެކަނބަލުންނަށް ދޭށެވެ! ރަން ކަނޑައެޅުމަށްފަހު، ތިޔަބައިމީހުންގެ ދެފަރާތް ރުހި އެއްބަސްވީ ގޮތަކާމެދު، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ.
25
إيمان ވެގެންތިބި މިނިވަން އަންހެނުންނާ ކާވެނިކުރުމަށް، ތިޔަބައިމީހުންގެ ތެރެއިން އަތްމަތި ތަނަވަސްކަމުގެ ގޮތުން ކުޅަދާނަނުވި މީހާ، ތިޔަބައިމީހުންގެ إيمان ވެގެންތިބި އަންހެންކުދިންކުރެ، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުއަންހެނުންގެ ތެރެއިން މީހުންނާ، ކާވެނިކުރުން ހުށްޓެވެ. ތިޔަބައިމީހުންގެ إيمان ކަން ހުރިގޮތް اللَّه ދެނެވޮޑިގަތުން ބޮޑެވެ. ތިޔަބައިމީހުންގެ އެއްބަޔަކުވަނީ އަނެއްބަޔެއްގެ ތެރެއިންނެވެ. (އެބަހީ: دين ގެ ގޮތުން ތިޔަބައިމީހުންނެކޭ، އެ އަޅުއަންހެނުންނެކޭ އެއްގޮތެވެ.) ފަހެ، އެކަނބަލުންގެ ސާހިބުންގެ إذن އާއެކު، އެކަނބަލުންނާ ތިޔަބައިމީހުން ކާވެނިކުރާށެވެ! އަދި، އެކަނބަލުންގެ ރަން، ހިތްހެޔޮކަމާއެކު ހެޔޮގޮތުގައި އެކަނބަލުންނަށް ދޭށެވެ! ކާވެނީގެ ރައްކާތެރިކަންލިބި، އެކަނބަލުން عفة ތެރިވެގެންވާ ގޮތުގައެވެ. ޒިނޭކުރާ ގޮތުގައެއް ނޫނެވެ. އަދި، ވަންހަނާގޮތުގައި ޒިނޭކުރާ އެކުވެރިން ގެންގުޅޭ ގޮތުގައެއްވެސް ނޫނެވެ. ފަހެ، އެކަނބަލުން ކާވެނިކުރުމަށްފަހު، ހުތުރުކަން ބޮޑުވެގެންވާ ފާފަޔެއް ގެނެސްގެންފިނަމަ، (އެބަހީ: ޒިނޭކޮށްފިނަމަ) މިނިވަން އަންހެނުންގެ މައްޗަށް އޮތް އަދަބުގެ ދެބައިކުޅަ އެއްބައި އެކަނބަލުންގެ މައްޗަށް ހުށްޓެވެ. އެކަން، (އެބަހީ: އަޅުއަންހެނުންނާ ކާވެނިކުރުން) އޮތީ ތިޔަބައިމީހުންގެ ތެރެއިން ޒިނޭކުރެވިދާނެކަމަށް ބިރުގެންފި މީހަކަށެވެ. ތިޔަބައިމީހުން ކެތްތެރިވުން، ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ.
26
اللَّه އިރާދަކުރައްވަނީ، ތިޔަބައިމީހުންނަށް (مصلحة ހުރިގޮތް) بيان ކޮށްދެއްވުމަށެވެ. އަދި، ތިޔަބައިމީހުންގެ ކުރިން އުޅުނު (ރަނގަޅު) މީހުންގެ މަގުތަކަށް ތިޔަބައިމީހުންނަށް މަގުދެއްކެވުމަށެވެ. އަދި، ތިޔަބައިމީހުންގެ މައްޗަށް توبة ލެއްވުމަށެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ.
27
އަދި، اللَّه އިރާދަކުރައްވަނީ، ތިޔަބައިމީހުންގެ މައްޗަށް توبة ލެއްވުމަށެވެ. އަދި، އަމިއްލަ އެދުންތަކަށް تبع ވާ މީހުން އެދެނީ (حق ގެ މަގު ފިޔަވައި باطل ގެ މަގަށް) ބޮޑުވެގެންވާ ލެނބުމަކުން ތިޔަބައިމީހުން ލެނބިގަތުމަށެވެ.
28
اللَّه އިރާދަކުރައްވަނީ، ތިޔަބައިމީހުންނަށް ލުއިކޮށް ދެއްވުމަށެވެ. އަދި، އިންސާނާ ހައްދަވާފައިވަނީ، (އެދުންތަކުގެ ކުރިމަތީގައި) ނިކަމެތިވެގެންވާ މީހެއް ކަމުގައެވެ.
29
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.
30
ދެކޮޅުވެރިކަމާއި، އަނިޔާވެރިކަމުގެ ގޮތުން އެކަންތައް ކުރާމީހާ (ދަންނާށެވެ!) ފަހެ، ތިމަންރަސްކަލާނގެ އެމީހަކު ނަރަކަޔަށް ވައްދަވާހުށީމެވެ. އަދި، އެކަންތައް އެއީ، اللَّه އަށް ދާދި ފަސޭހަކަމެއް ކަމުގައިވެއެވެ.
Sonraki 30 ayet →