1
މިއީ عزيز ވަންތަ، حكيم ވަންތަ اللَّه ގެ حضرة ން ބާވައިލެއްވި ފޮތެވެ.
2
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حق ގޮތުގައި ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. ފަހެ، اللَّه އަށް دين خالص ކުރާ حال، ކަލޭގެފާނު އެކަލާނގެއަށް އަޅުކަން ކުރައްވާށެވެ!
3
ދަންނާށެވެ! خالص ވެގެންވާ دين ވަނީ اللَّه އަށެވެ. އަދި އެކަލާނގެ ފިޔަވައި އެހީތެރިންތަކެއް ހިފިމީހުން ބުނޫއެވެ. اللَّه ގެ حضرة އަށް ތިމަންމެން ކުއްތަންކޮށްދިނުމަށްމެނުވީ، ތިމަންމެން އެތަކެއްޗަކަށް (އެބަހީ: ބުދުތަކަށް) އަޅުކަމެއް ނުކުރަމުއެވެ. ހަމަކަށަވަރުން، އެއުރެން އެކަމާމެދު خلاف ވެގެންއުޅޭ ކަންތަކާދޭތެރޭގައި اللَّه، އެއުރެންގެ މެދުގައި حكم ކުރައްވާނެތެވެ. ހަމަކަށަވަރުން، ދޮގުހަދާ كافر އަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.
4
اللَّه ދަރިކަލަކު ހިއްޕެވުމަށް އިރާދަކުރެއްވިނަމަ، އެކަލާނގެ ހައްދަވާ ތަކެތީގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ އެއްޗެއް خيار ކުރައްވައިފީހެެވެ. އެކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އެކަލާނގެއީ، އެއްކައުވަންތަ، ބާރުވެރިވަންތަ، اللَّه އެވެ.
5
އެކަލާނގެ އުޑުތަކާއި، ބިން حق ގޮތުގައި ހެއްދެވިއެވެ. އެކަލާނގެ ދުވާލުގެ މައްޗަށް ރޭގަނޑު އޮޅައިލައްވަތެވެ. އަދި ރޭގަނޑުގެ މައްޗަށް ދުވާލު އޮޅައިލައްވަތެވެ. އަދި އިރާއިހަނދު خدمة ތެރިކުރެއްވިއެވެ. އެއިންކޮންމެ އެއްޗެއްމެ ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގާނެތެވެ. ދަންނާށެވެ! އެކަލާނގެއީ، عزيز ވަންތަ ރަސްކަލާނގެއެވެ. ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.
6
އެކަލާނގެ ތިޔަބައިމީހުން ހެއްދެވީ، އެއް نفس އަކުންނެވެ. (އެއީ آدم ގެފާނެވެ.) ދެން އެ نفس ން އެކަލޭގެފާނުގެ އަނބިކަނބަލުން (حوّاء ގެފާނު) ހެއްދެވިއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، نعم ސޫފީގެ އަންހެން ފިރިހެން އަށެތި އުފެއްދެވިއެވެ. ތިޔަބައިމީހުންގެ މައިންގެ ބަނޑުގައި ތިން އަނދިރިކަމެއްގެ ތެރޭގައި، އެއްއުފެއްދެވުމަކަށްފަހު، އަނެއްއުފެއްދެވުމަކުން، އެކަލާނގެ ތިޔަބައިމީހުން ހައްދަވަތެވެ. އެއީ ތިޔަބައިމީހުންގެ ވެރި اللَّه އެވެ. ވެރިކަންވަނީ އެކަލާނގެއަށެވެ. އެކަލާނގެ ފިޔަވައި إله އަކުނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް އަޅުކަންކުރުން ފިޔަވައިި) އެނބުރިދަނީ ކޮންފަދައަކުން ހެއްޔެވެ؟
7
ތިޔަބައިމީހުން كافر ވާނަމަ، ފަހެ اللَّه އީ، ތިޔަބައިމީހުންގެ ކިބައިންދުރުވެ، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ އަޅުން كافر ވުމަކަށް އެކަލާނގެ ނުރުއްސަވަތެވެ. އަދި ތިޔަބައިމީހުން شكر ކުރާނަމަ، އެކަލާނގެ އެކަމަށް ތިޔަބައިމީހުންނަށް ރުހިވޮޑިގެންވެއެވެ. އަދި ފާފަވެރި އެއްވެސް نفس އެއް އެހެން نفس އެއްގެ ފާފައެއް ނުއުފުލާނެތެވެ. ދެން ތިޔަބައިމީހުން رجوع ވާހުށީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ خبر، ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައިވާހާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
8
އިންސާނާއަށް އުނދަގުލެއްޖެހޭހިނދު (އެކަމެއް ފިއްލަވާތޯ) އޭނާގެ ވެރިރަސްކަލާނގެ حضرة އަށް رجوع ވެ دعاء ކުރެތެވެ. ދެން، އޭނާއަށް نعمة އެއް ދެއްވައިފިނަމަ، އެފަރާތަކަށް އޭނާ دعاء ކޮށް އުޅުނުފަރާތް (އެބަހީ: اللَّه) ހަނދާން ނައްތައިލައެވެ. އަދި اللَّه އަށް شريك ންތަކެއްލައެވެ. އެއީ އެކަލާނގެ މަގުން (މީހުން) ފުރެއްދުމަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭގެ ތިޔަ كافر ކަމާއެކު ކުޑަދުވަސްކޮޅަކަށް ދުނިޔޭގައި އަރާމުކުރާށެވެ! ހަމަކަށަވަރުން، ކަލޭވަނީ ނަރަކައިގެ أهل ވެރިންގެ ތެރެއިންނެވެ.
9
ރޭގަނޑުގެ ވަގުތުތަކުގައި (ނަމާދުކޮށް) سجدة ގައްޔާއި، قيام ގައި މަޑުމޮޅިވެ، آخرة ދުވަހަށް ބިރުވެތިވެ، އޭނާގެ ވެރިރަސްކަލާނގެ رحمة އަށް އެދޭމީހަކު (އެނޫންމީހަކާ) އެއްފަދަވާނެހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟ نصيحة ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ أهل ވެރިންނެވެ.
10
ކަލޭގެފާނު ވިދާޅުވާށެވެ! އޭ إيمان ވި، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! މިދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަމީހުންނަށް ހެޔޮދަރުމަހުށްޓެވެ. އަދި اللَّه ގެ ބިންވަނީ ތަނަވަސްވެގެންނެވެ. ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ.
11
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އަހުރެންނަށް أمر ކުރައްވާފައިވަނީ، اللَّه އަށް دين خالص ކުރާ حال، އެކަލާނގެއަށް އަޅުކަންކުރުމަށެވެ.
12
އަދި އަހުރެންނަށް أمر ކުރައްވާފައިވަނީ (މި أمّة ގެ) مسلم ންގެ ތެރެއިން އެންމެފުރަތަމަ މީހާކަމުގައި އަހުރެން ވުމަށެވެ.
13
ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެންގެ ވެރިރަސްކަލާނގެއަށް އަހުރެން އުރެދިއްޖެނަމަ، ބޮޑުވެގެންވާ ދުވަހެއްގެ عذاب އަށް ހަމަކަށަވަރުން، އަހުރެން ބިރުގަންނަމެވެ.
14
ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއަށް އަހުރެންގެ دين خالص ކުރާ حال، އަހުރެން އަޅުކަންކުރަނީ، ހަމައެކަނި اللَّه އަށެވެ.
15
ފަހެ، އެކަލާނގެ ފިޔަވައި ތިޔަބައިމީހުން އެދޭ އެއްޗަކަށް ތިޔަބައިމީހުން އަޅުކަން ކޮށްބަލާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ގެއްލުންވެގެންވާ ބަޔަކީ قيامة ދުވަހުން އެއުރެންގެ އަމިއްލަ نفس ތަކާއި، އެއުރެންގެ أهل ވެރިން ގެއްލެނިކުޅަ މީހުންނެވެ. ދަންނާށެވެ! ފާޅުވެ ބަޔާންވެގެންވާ ގެއްލުންވުމަކީ ހަމައެއީއެވެ.
16
(ނަރަކައިގައި) އެއުރެންނަށް އެއުރެންގެ މަތީގައި އަލިފާނުގެ ފަށަލަތަކެއްވެއެވެ. އަދި އެއުރެންގެ ދަށުގައިވެސް (އަލިފާނުގެ) ފަށަލަތަކެއްވެއެވެ. اللَّه އެތަކެތިން އެކަލާނގެ އަޅުތަކުން ބިރުގަންނަވަތެވެ. އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ފަހެ، ތިޔަބައިމީހުން، ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ!
17
شيطان އާއަށް އަޅުކަންކުރުމުން ދުރުވެގަނެ، اللَّه ގެ حضرة އަށް رجوع ވާމީހުންނަށް އުފާވެރިކަމުގެ خبر ހުށްޓެވެ. ފަހެ، ކަލޭގެފާނު، ތިމަންރަސްކަލާނގެ އަޅުތަކުންނަށް އުފާވެރިކަމުގެ خبر ދެއްވާށެވެ!
18
އެއުރެންނީ، ބުނެވޭބަސް އަޑުއަހާ، އޭގެތެރެއިން އެންމެރަނގަޅު ތަކެއްޗަށް تبع ވާ މީހުންނެވެ. އެއުރެންނަށް اللَّه ތެދުމަގު ދެއްކެވި މީހުންނީ އެއީއެވެ. އަދި ބުއްދީގެ أهل ވެރިންނީވެސް، ހަމައެއުރެންނެވެ.
19
ފަހެ، عذاب ގެ كلمة ފުޅު حق ވެއްޖެމީހަކު (އެ عذاب ން ކަލޭގެފާނަށް ސަލާމަތް ކުރެއްވޭނެތޯއެވެ؟) ފަހެ، ނަރަކައިގައިވާ މީހަކު ކަލޭގެފާނަށް ސަލާމަތް ކުރެއްވޭނެތޯއެވެ؟
20
އެހެނެއްކަމަކު، އެއުރެންގެ ވެރިރަސްކަލާނގެއަށް تقوى ވެރިވިމީހުންނަށް (ސުވަރުގޭގައި) ކޮޓަރިތަކެއްވެއެވެ. އޭގެމަތީގައިވެސް ބިނާކުރައްވާފައިވާ ކޮޓަރިތައްވެއެވެ. އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނާނެތެވެ. އެކަމަށް اللَّه ވަނީ وعد ކުރައްވައިފައެވެ. اللَّه وعد އާ خلاف ވެވޮޑިއެއް ނުގަންނަވަތެވެ.
21
ހަމަކަށަވަރުން، اللَّه އުޑުން ފެން ވެއްސަވައި، ދެން ބިމުގެ ތެރޭގައިވާ ފެންފެންގަނޑަށް އެ ފެން ފޮނުއްވައި، ދެން އެ ފެނުން ކުލަތައް ތަފާތުވެގެންވާ ގޮވާމުގެ ބާވަތްތައް ނެރުއްވާތީ ތިބާ ނުދެކެމުހެއްޔެވެ؟ ދެން އެތަކެތި ހިކި، ރީނދޫކުލައިގައިވާތީ ތިބާއަށް ފެންނާނެތެވެ. ދެން އެކަލާނގެ އެތަކެތި ކުނޑިކުނޑި އެތިއެތިކޮޅުތަކެއް ކަމުގައި ލައްވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ބުއްދީގެ أهل ވެރިންނަށް ހަނދާންކޮށްދިނުން ވާކަންކަށަވަރެވެ.
22
ފަހެ، إسلام دين އަށް އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވައި އޭނާގެ ވެރިރަސްކަލާނގެ حضرة ން نور އެއް ލިބިފައިވާމީހަކު (އެނޫންމީހަކާ އެއްފަދަ ހެއްޔެވެ؟) ފަހެ، اللَّه ހަނދާންކުރުން ފިޔަވައި، އެއުރެންގެ ހިތްތައް ހަރުކަށިވެފައިވާ މީހުންނަށް ހަލާކުހުށްޓެވެ. އެއުރެންވަނީ، ފާޅުވެގެންވާ މަގުފުރެދުމެއްގައެވެ.
23
اللَّه، އެންމެ ރިވެތިބަސްތައް ފޮތެއްގެ ސިފައިގައި ބާވައިލެއްވިއެވެ. (ފުރިހަމަކަމުގައި) އެއްފަދަވެގެންވާ، ތަކުރާރުކޮށް ކިޔެވޭ ފޮތަކަށްވާ حال ގައެވެ. އެ ފޮތް ކިޔެވޭހިނދު، އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާމީހުންގެ ގައިގެހަންތައް ތުރުތުރު އަޅައިގެންދެއެވެ. ދެން އެއުރެންގެ ގައިގެހަންތަކާއި، ހިތްތައް اللَّه ހަނދުމަކުރުމަށް މަޑުމޮޅިވެދެތެވެ. އެއީ اللَّه ގެ ތެދުމަގެވެ. އެކަލާނގެ އިރާދަކުރައްވާމީހަކަށް، އެއިން މަގުދައްކަވަތެވެ. އަދި اللَّه މަގުފުރައްދަވާ މީހަކަށް، ފަހެ ތެދުމަގު ދައްކާނޭ ހަމައެކަކުވެސް ނުވެތެވެ.
24
ފަހެ، قيامة ދުވަހުން، ގަދަފަދަ عذاب އަށް އެމީހެއްގެ މޫނު ކުރިމަތިކުރާމީހަކު (އެދުވަހުން އަމާންކަމާއެކު އަންނަމީހަކާ އެއްފަދަވާނޭ ހެއްޔެވެ؟) އަދި އެދުވަހުން އަނިޔާވެރިންނަށް އަންގަވާނެތެވެ. ތިޔަބައިމީހުން ހޯދައިއުޅުނު عمل ތަކުގެ ރަހަ، ތިޔަބައިމީހުން ލިބިގަންނާށެވެ!
25
އެއުރެންގެ ކުރިން އުޅުނުމީހުންވެސް (رسول ން) ދޮގުކުރޫއެވެ. ފަހެ، އެއުރެން ހީވެސްނުކުރާ ދިމާޔަކުން، އެއުރެންނަށް عذاب އައެވެ.
26
ފަހެ، اللَّه އެއުރެންނަށް ދުނިޔޭގެ حياة ގައި ދެރަކަމާއި، ނިކަމެތިކަމުގެ ރަހަ ދެއްކެވިއެވެ. އަދި ހަމަކަށަވަރުން، آخرة ގެ عذاب މާބޮޑެވެ. އެއުރެންނަށް އެކަން އެނގޭނޭނަމައެވެ.
27
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މި قرآن ގައި މީސްތަކުންނަށް، ހުރިހާ ބާވަތަކުން مثال ޖެއްސެވީމެވެ. (އެއީ) އެއުރެން ހަނދުމަކުޅައުމަށްޓަކައެވެ.
28
އެއްވެސް ގުދުކަމެއްނުވާ، عرب ބަހުން އޮތް قرآن އެއްގެގޮތުގައެވެ. (އެއީ) އެއުރެން تقوى ވެރިވުމަށްޓަކައެވެ.
29
އެއުރެންގެ މެދުގައި ދެކޮޅުވެރިކަން އުފެދިފައިވާ، އެތައްބަޔަކު ބައިވެރިވާ (އަޅު) ފިރިހެނަކާއި ހަމަ އެންމެމީހަކަށް خاص ވެގެންވާ (އަޅު) ފިރިހެނެއްގެ مثال اللَّه ޖެއްސެވިއެވެ. مثال ގެގޮތުން އެ ދެމީހުން ހަމަހަމަވާނޭ ހެއްޔެވެ؟ حمد ހުރީ اللَّه އަށެވެ. އަދި ކިއެއްތަ! އެއުރެންކުރެ ގިނަމީހުންނަކަށް ނޭނގެތެވެ.
30
ހަމަކަށަވަރުން ކަލޭގެފާނީ، އަވަހާރަވާނޭ ބޭކަލެކެވެ. އަދި ހަމަކަށަވަރުން، އެއުރެންނީވެސް މަރުވާނޭ ބަޔެކެވެ.
Sonraki 30 ayet →