1
حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އުޑުތަކާއި، ބިމުގައިވާހާ އެއްޗަކާއި، ކަމެއް، އެކަލާނގެއަށް މިލްކުވެގެންވާ ރަސްކަލާނގެއެވެ. އަދި آخرة ދުވަހުންވެސް حمد ހުރީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ.
2
ބިމުގެ ތެރެޔަށް ވަދެގެންދާހާ ތަކެއްޗާއި، އެ ބިމުގެ ތެރެއިން ނިކުންނަހާ ތަކެއްޗާއި، އުޑުން ފައިބާހާ އެއްޗަކާއި، އެ އުޑަށް އަރައިގެންދާހާ އެއްޗެއް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.
3
كافر ވި މީހުން ބުނޫއެވެ. قيامة ވުމުގެ ވަގުތު ތިމަންމެންނާ ހަމަޔަކަށް ނާންނާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އަދި ކިއެއްތަ! އެހެންނަކުންނޫނެވެ. ތިމަންގެ ވެރިރަސްކަލާނގެ ގަންދެއްވަމެވެ. އެވަގުތު (އެބަހީ: قيامة ވުމުގެ ވަގުތު) ތިޔަބައިމީހުންނާ ހަމަޔަށް އަންނާނެކަން ކަށަވަރެވެ. އެކަލާނގެއީ، غيب ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އުޑުތަކާއި، ބިމުގައިވާ ذرّ އެއްގެ މިންވަރުވެސް، އަދި އެއަށްވުރެ ކުޑަޔަސް އަދި އެއަށްވުރެ ބޮޑަސް، އެކަލާނގެއަށް ވަންހަނާވެގެންނެއް ނުވެތެވެ. بيان ވެގެންވާ ފޮތެއްގައި އެތަކެތި ލިޔުއްވާފައިވާ ކަމުގައި މެނުވީ ނުވެތެވެ.
4
(އެއީ) إيمان ވެ صالح عمل ތައްކުޅަ މީހުންނަށް (ހެޔޮ) ޖަޒާ ދެއްވުމަށްޓަކައެވެ. އެއުރެންނަށް ފާފަފުއްސެވުމާއި، ދީލަތިވެގެންވާ رزق ހުށްޓެވެ.
5
ތިމަންރަސްކަލާނގެ (ބާވައިލެއްވި) آية ތަކާ ދެކޮޅުހަދަމުން ހިނގިމީހުން (ދަންނާށެވެ!) ވޭންދެވިނި އެންމެގަދަ عذاب ން އެއުރެންނަށް عذاب ހުށްޓެވެ.
6
ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވި ފޮތް އެއީ حق ބަސްފުޅު ކަމުގައި، އެއުރެންނަށް علم ލިބިގެންވާ މީހުން ދެކޭނެތެވެ. އަދި އެ ފޮތް މަގުދައްކަނީ، عزيز ވަންތަ، حمد ލިބިވޮޑިގެންވާ ރަސްކަލާނގެ މަގަށެވެ.
7
كافر ވިމީހުން ބުނޫއެވެ. ތިޔަބައިމީހުން މަރުވެ، ކުދިކުދި އެތިކޮޅުތަކަކަށް ވަކިވެދާހިނދު، އަލުން އާ އުފެއްދުމެއްގައި ހަމަކަށަވަރުން، ތިޔަބައިމީހުން އުފެދިގެންދާނެކަމަށް ތިޔަބައިމީހުންގެ ގާތުގައި ބުނެ، خبر ދޭމީހަކު ތިޔަބައިމީހުންނަށް ތިމަންމެން ދައްކަންހެއްޔެވެ؟
8
އޭނާ اللَّه އާމެދު ހަދައިގެން ދޮގެއް ބުނީހެއްޔެވެ؟ ނުވަތަ އޭނާގެ ކިބައިގައި މޮޔަކަމެއް ހުންނަނީ ހެއްޔެވެ؟ އަދި ކިއެއްތަ! آخرة އަށް إيمان ނުވާ މީހުން (آخرة ގައި) ވަނީ عذاب ގައެވެ. އަދި (ދުނިޔޭގައި އެއުރެންވަނީ) ދުރުވެގެންވާ މަގުފުރެދުމެއްގައެވެ.
9
އަދި އުޑާއި، ބިމުން އެއުރެންގެ ކުރިމަތީގައިވާތަނާއި، އެއުރެންގެ ފުރަގަހުގައިވާތަން، އެއުރެންނަށް ނުފެންނަނީ ހެއްޔެވެ؟ ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، ބިންގަނޑު އެއުރެންނާއިގެން ގަންބަވައިގެންފާހުށީމެވެ. ނުވަތަ އުޑުން ތަންތަންގަނޑު އެއުރެންގެ މައްޗަށް ވައްޓަވައިފާހުށީމެވެ. ހަމަކަށަވަރުން، އެކަމުގައި އެކަލާނގެއަށް توبة ވެ، رجوع ވާ ކޮންމެ އަޅަކަށް ހެތްކެއްވާކަން ކަށަވަރެވެ.
10
އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ داود ގެފާނަށް ތިމަންރަސްކަލާނގެ حضرة ން فضل ވަންތަކަން (އެބަހީ: ނަބީކަމާއި ފޮތް) ދެއްވީމެވެ. (އަދި ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ.) އޭ ފަރުބަދަތަކާއެވެ! އެކަލޭގެފާނާއެކު ތިޔަ ފަރުބަދަތައް تسبيح ކިޔާށެވެ! އަދި ދޫނިސޫފާސޫތްޕާ އެކުގައެވެ. އަދި އެކަލޭގެފާނަށް ތިމަންރަސްކަލާނގެ ދަގަނޑު، މަޑުއެއްޗަކަށް ހެއްދެވީމެވެ.
11
(ތިމަންރަސްކަލާނގެ އެކަލޭގެފާނަށް وحى ކުރެއްވީމެވެ.) ތިމާމެންގެ ހަށިތައް ނިވައިކޮށް ރައްކާތެރިކުރާ ދަހަނާތައް ހައްދަވާށެވެ! އަދި ދަހަނާތައް ހެއްދެވުމުގައި، މިންތައް ބައްލަވައި، ރަނގަޅަށް ހަމަކުރައްވާށެވެ! އަދި ތިޔަބައިމީހުން صالح عمل ކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
12
އަދި سليمان ގެފާނަށް ތިމަންރަސްކަލާނގެ ވައިރޯޅި ކިޔަމަންކުރެއްވީމެވެ. އެ ވައިރޯޅީގެ ހެނދުނުގެ (އެބަހީ: މެންދުރުކުރީގެ) ދަތުރަކީ މަސްދުވަހުގެ ރާސްތާއެވެ. އަދި އެ ވައިރޯޅީގެ ހަވީރުގެ (އެބަހީ: މެންދުރުފަހުގެ) ދަތުރަކީ މަސްދުވަހުގެ ރާސްތާއެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ރަތުލޯވިރުވައި ދެއްވީމެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ أمر ފުޅާއެކު، އެކަލޭގެފާނުގެ ކުރިފުޅުމަތީގައި މަސަައްކަތްކުރާ ބަޔަކު، ޖިންނީންގެ ތެރެއިން ލެއްވީމެވެ. އެ ޖިންނީންގެ ތެރެއިން، ތިމަންރަސްކަލާނގެ أمر ފުޅުން އެއްކިބާވެ، ނުކިޔަމަންތެރިވާ ބަޔަކަށް، ނަރަކައިގެ ހުޅުގަނޑުގެ عذاب ގެ ރަހަ ތިމަންރަސްކަލާނގެ ދައްކަވާހުށީމެވެ. (ނޯޓު: ވައިރޯޅީގެ މަސްދުވަހުގެ ދަތުރޭ ބުނެވުނީ ފައިމަގުގައި ހިނގާ ދަތުރުވެރިޔަކަށް މަސްދުވަހުން ދެވޭހާހިސާބަށް ވައިރޯޅީގެ ބޭނުންކުރައްވައިގެން ހެނދުނު ދަތުރެއް، ހަވީރު ދަތުރެއް ކުރެއްވޭނެގޮތް، اللَّه، سليمان ގެފާނަށް މެދުވެރިކޮށްދެއްވުމަށެވެ.)
13
އުސްވެގެންވާ ބިނާތަކާއި، ސިފަސިފައިގެ ބުދުތަކާއި، ބޮޑެތި ބިލިގާތަކެއްފަދަ ތަށިތަކާއި، ހަރުލައި ހުންނަ ބިޔަ ތެލިތަކާއި، މިތަކެތީގެ ތެރެއިން އެކަލޭގެފާނު އެދިވަޑައިގަންނަވާ އެއްޗެއް އެއުރެން އެކަލޭގެފާނަށް ހަދައިދެތެވެ. އޭ داود ގެފާނުގެ آل ންނޭވެ! (އެކަލާނގެއަށް) شكر ވެރިވުމުގެގޮތުން ތިޔަބައިމީހުން (ހެޔޮ) عمل ކުރާށެވެ! އަދި ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ގިނައިން شكر ވެރިވާ މީހުން ވަރަށްމަދެވެ.
14
ދެންފަހެ، އެކަލޭގެފާނު އަވަހާރަވުމަށް ތިމަންރަސްކަލާނގެ ނިޔާކުރެއްވިހިނދު، ކަތުރުފަނި ނޫންއެއްޗެއް އެއުރެންނަށް އެކަލޭގެފާނު އަވަހާރަވެއްޖެކަމަށް ނޭންގިއެވެ. އެ ކަތުރުފަނި އެކަލޭގެފާނުގެ އަސާކޮޅު ކަމުންގެންދިޔައެވެ. ދެންފަހެ، އެކަލޭގެފާނު ވެއްޓިވަޑައިގަތުމުން، ޖިންނީންނަށް އެނގިއްޖައޫއެވެ. ހަމަކަށަވަރުން، އެއުރެންނަށް غيب އެނގޭނަމަ، އިހާނަތްތެރިކަން ދެނިވި عذاب ގައި (އެބަހީ: ގަދަ މަސައްކަތުގައި) އެއުރެން ނުތިބީހެވެ.
15
ހަމަކަށަވަރުން، سبإ ގެ أهل ވެރިން އުޅުނުތާނގައި، އެއުރެންނަށް ކަލާނގެ ކުޅަދުންވަންތަކަމުގެ ހެތްކެއްވިއެވެ. (އެއީ) ދެ ބަގީޗާއެކެވެ. (އެރަށުގެ) ކަނާތްފަރާތުންނާއި، ވާތްފަރާތުންނެވެ. (އަންގަވާފަދައެވެ.) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ދެއްވި رزق ން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން އެކަލާނގެއަށް شكر ވެރިވާށެވެ! (ތިޔަބައިމީހުންގެ ރަށަކީ) ރަނގަޅު، މޮޅު ރަށެކެވެ. އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.
16
ދެން އެއުރެން (އެކަލާނގެ نعمة އަށް) ފުރަގަސްދިނޫއެވެ. ދެން ތިމަންރަސްކަލާނގެ އެއުރެންގެމައްޗަށް ފައިބައިގެން އަންނަ ބޮޑުވެގެންވާ ފެންގަނޑު (އެބަހީ: سيل العرِم) ފޮނުއްވީމެވެ. އަދި އެއުރެންގެ ދެ ބަގީޗާގެ ބަދަލުގައި، އެއުރެންނަށް ތިމަންރަސްކަލާނގެ އެހެން ދެ ބަގީޗާ ދެއްވީމެވެ. ކާންނުކެރޭފަދަ ހިތި މޭވާގެ ގަސްތަކަކާއި، މޭވާއެއްނެތް ކަށިގަސްތަކަކާއި، އެތަންމިތާނގައި ވަރަށްމަދު ކުންނާރު ގަސްތަކެއްހުރި ދެ ބަގީޗާއެވެ.
17
އެ ޖަޒާ އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވީ، އެއުރެން كافر ވުމުގެ ސަބަބުންނެވެ. كافر ވާ މީހުންނަށް މެނުވީ، ތިމަންރަސްކަލާނގެ އެފަދަ ޖަޒާ ދެއްވަމުހެއްޔެވެ؟
18
އަދި ތިމަންރަސްކަލާނގެ އެ ރަށްތަކުގައި بركات ލެއްވި ރަށްތަކާއި، އެއުރެންނާ ދެމެދުގައި (ލޮލަށް ފެންނަހާ ކައިރީގައި) ފާޅުވެގެންވާ ރަށްތަކެއް ލެއްވީމެވެ. އަދި އެ ރަށްތަކުގައި ހިނގާބިނގާއުޅުން ތިމަންރަސްކަލާނގެ މިންވަރު ކުރެއްވީމެވެ. (ތިމަންރަސްކަލާނގެ އެއުރެންނަށް وحى ކުރެއްވީމެވެ.) ރޭތަކަކާއި، ދުވަސްތަކެއް ވަންދެން އަމާންކަން ލިބިގެންވާ حال، ތިޔަބައިމީހުން އެ ރަށްތަކުގައި ހިނގާބިނގާ ދަތުރުފަތުރުކޮށް އުޅޭށެވެ!
19
ފަހެ، އެއުރެން (دعاء ކޮށް) ދެންނެވޫއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ދަތުރުތަކުގެ ދެމެދުތައް މިއަށްވުރެން ދުރުކުރައްވައިފާނދޭވެ! އަދި އެއުރެން، އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވޫއެވެ. ދެންފަހެ، އެއުރެންނީ (މީސްތަކުންގެ މެދުގައި) ދެކެވޭ ވާހަކަތަކެއް ކަމުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި އެތަންމިތަނަށް ތިމަންރަސްކަލާނގެ އެއުރެން ވަކިކުރައްވައި ވިއްސިވިހާލި ކުރެއްވީމެވެ. ހަމަކަށަވަރުން، އެކަމުގައި ބޮޑަށް ކެތްތެރިވެ، ގިނަގިނައިން شكر ވެރިވާ ކޮންމެ މީހަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.
20
ހަމަކަށަވަރުން، إبليس، އޭނާގެ ހީ، އެއުރެންގެ މައްޗަށް ސީދާކޮށްފިއެވެ. ފަހެ، مؤمن ންކުރެ ބަޔަކުމެނުވީ، އެ އެންމެން، إبليس އާ تبع ވޫއެވެ.
21
އަދި آخرة އަށް إيمان ވާ މީހުންނާއި، آخرة އާމެދު شك ކަމެއްގައިވާ މީހުން ތިމަންރަސްކަލާނގެ ދެނެވޮޑިގެން، އެކަން ހާމަކުރެއްވުމަށްޓަކައިމެނުވީ، އެއުރެންގެ މައްޗަށް އެއްވެސް ބާރެއް، އެ إبليس އަކަށް ލިބިގެނެއް ނުވެތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ކޮންމެ އެއްޗެއްގެމައްޗަށް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
22
ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ފިޔަވައި ތިޔަބައިމީހުން އެކަލާނގެއަށް شريك ކޮށްއުޅުނު ފަރާތްތަކަށް ތިޔަބައިމީހުން ގޮވައިބަލާށެވެ! އުޑުތަކާއި، ބިމުގައި ذرّ އެއްގެ މިންވަރުވެސް އެއުރެންނަކަށް މިލްކުވެގެނެއް ނުވެތެވެ. އަދި އެ ދެތާނގައި އެއުރެންނަކަށް ބައިވެރިވުމެއްވެސްނެތެވެ. އަދި އެކަލާނގެއަށް އެއްވެސް އެހީތެރިޔަކު އެއުރެންގެ ތެރެޔަކުން ނުވެތެވެ.
23
އަދި އެމީހަކަށް އެކަލާނގެ إذن ދެއްވައިފި މީހަކަށްމެނުވީ، އެކަލާނގެ حضرة ގައި شفاعة ތެރިކަމުން މަންފާއެއް ނުކުރާނެތެވެ. އެއުރެންގެ ހިތްތަކުން ބިރުވެރިކަން ކެނޑިއްޖައުމަށް ދާނދެނެވެ. (އެހިނދު) އެއުރެން (އެކަކުއަނެކަކަށް) ބުނާނެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحى ކުރެއްވީ ކީކޭހެއްޔެވެ؟ އެއުރެން (އެކަކު އަނެކަކަށް) ބުނާނެތެވެ. (އެކަލާނގެ وحى ކުރެއްވީ) حق ބަސްފުޅެވެ. އެކަލާނގެއީ، އެންމެ މަތިވެރި، އެންމެ عظمة ތެރި ރަސްކަލާނގެއެވެ.
24
ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުން ތިޔަބައިމީހުންނަށް رزق ދެއްވަނީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! (رزق ދެއްވަނީ) اللَّه އެވެ. އަދި ހަމަކަށަވަރުން، ތިމަންމެން ނުވަތަ ތިޔަބައިމީހުންވަނީ، ތެދުމަގުގައި، ނުވަތަ ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ.
25
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންމެން ކުޅަ ފާފަޔާމެދު ތިޔަބައިމީހުންނާ سؤال އެއްް ނުކުރައްވާނެތެވެ. އަދި ތިޔަބައިމީހުން ކުރަމުންގެންދާ (ނުބައި) عمل ތަކާމެދުވެސް، ތިމަންމެންނަކާ سؤال އެއް ނުކުރައްވާނެތެވެ.
26
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންމެންގެ ވެރިރަސްކަލާނގެ (قيامة ދުވަހުން) ތިމަންމެން އެންމެން އެއްތަނަކަށް އެއްކުރައްވާނެތެވެ. ދެން ތިމަންމެންގެ މެދުގައި އެކަލާނގެ حق އަށް ނިޔާކުރައްވައި، حكم ކުރައްވާނެތެވެ. އަދި އެކަލާނގެއީ، މޮޅަށް حكم ކުރައްވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
27
ކަލޭގެފާނު ވިދާޅުވާށެވެ! ބައިވެރިން ކަމުގައި އެކަލާނގެއަށް ތިޔަބައިމީހުން ނިސްބަތްކުރި ފަރާތްތައް ތިމަންނާއަށް ތިޔަބައިމީހުން ދައްކައިބަލާށެވެ! ހަމަހިލާ އެހެންނަކުން ނޫނެވެ! އަދި ކިއެއްތަ! އެކަލާނގެއީ، عزيز ވަންތަ حكيم ވަންތަ اللَّه އެވެ.
28
އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައިމެނުވީ، ތިމަންރަސްކަލާނގެ، އެންމެހާ މީސްތަކުންގެ ގާތަކަށް ކަލޭގެފާނު ނުފޮނުއްވަމެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.
29
އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، ތިޔަ (ބުނާ عذاب ގެ) وعد އަންނާނީ ކޮންއިރަކުން ހެއްޔެވެ؟
30
ކަލޭގެފާނު ވިދާޅުވާށެވެ! އެ وعد އަށް ކަނޑައަޅުއްވާފައިވާ ދުވަހެއް ތިޔަބައިމީހުންނަށްވެއެވެ. އެދުވަހަށްވުރެ އެންމެހިނދުކޮޅަކަށްވެސް ތިޔަބައިމީހުންނަކަށް ލަހެއް ނުކުރައްވާހުށްޓެވެ. އަދި އިހެއްވެސް ނުމެކުރައްވާހުށްޓެވެ.
Sonraki 24 ayet →