1
އޭ ނަބިއްޔާއެވެ! ކަލޭގެފާނު اللَّه އަށް تقوى ވެރިވެވަޑައިގަންނަވާށެވެ! އަދި كافر ންނާއި، منافق ންނަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.
2
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ންކަލޭގެފާނަށް އިއްވަވާ وحى އަށް ކަލޭގެފާނު تبع ވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
3
އަދި ކަލޭގެފާނު اللَّه އަށް وكيل ކުރައްވާށެވެ! وكيل އަކު ކަމުގައި اللَّه ފުދިވޮޑިގެންވެއެވެ.
4
އެއްވެސް މީހަކަށް، އެމީހެއްގެ އެތެރެހަށީގައި، اللَّه ދެ ހިތެއް ނުލައްވައެވެ. އަދި ތިޔަބައިމީހުންގެ އަނބިންގެ ތެރެއިން، ތިޔަބައިމީހުން ظهار ކުރާ (އެބަހީ: މަޔަކާ ހަމަކުރާ) އަނބިންނަކީ، ތިޔަބައިމީހުންގެ މައިން ކަމުގައިވެސް ނުލައްވަތެވެ. އަދި ތިޔަބައިމީހުންގެ ދަރިން ކަމުގައި ހަދައިގެންއުޅޭ ދަރިންނަކީ، ތިޔަބައިމީހުންގެ ދަރިިން ކަމުގައިވެސް ނުލައްވަތެވެ. އެއީ ތިޔަބައިމީހުންގެ އަނގަތަކުން ބުނާ ބުނުމެކެވެ. އަދި اللَّه حق ބަސްފުޅު وحى ކުރައްވަތެވެ. އަދި އެކަލާނގެ ތެދުމަގަށް މަގު ދައްކަވަތެވެ.
5
އެ ދަރިން އެއުރެންގެ ބަފައިންނަށް ނިސްބަތްކުރާށެވެ! އެގޮތް اللَّه ގެ حضرة ގައި عدل ވެރިކަން ބޮޑެވެ. އެ ދަރިންގެ ބަފައިން ތިޔަބައިމީހުންނަށް ނޭނގޭނަމަ، ފަހެ، އެއީ دين ގެ ފަރާތުން ތިޔަބައިމީހުންގެ أخ ންނެވެ. އަދި ތިޔަބައިމީހުންގެ އެހީތެރިންނެވެ. އަދި ތިޔަބައިމީހުންނަށް ނޭނގިގެން (ކުށުން) ކުރެވުނު ކަމެއްގެ ފާފައެއް ތިޔަބައިމީހުންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، ފާފަވެރިކަން އޮންނާނީ ތިޔަބައިމީހުންގެ ހިތްތައް قصد ކުޅަ ކަމަކާ މެދުގައެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
6
مؤمن ންނަށް އެއުރެންގެ އަމިއްލަ نفس ތަކަށްވުރެން، ނަބިއްޔާ أولى ކަން ބޮޑެވެ. އަދި އެ ނަބިއްޔާގެ އަނބިއަނބިކަނބަލުންނީ، އެއުރެންގެ މައިންނެވެ. مؤمن ންނާއި، مهاجر ންގެ ތެރެއިންވާ މީހުންނަށްވުރެން اللَّه ގެ ފޮތުގައި ކަނޑައަޅުއްވާފައިވާ ގޮތުގައި، ގާތްތިމާގެ މީހުން އޭގެއެއްބަޔަކު އަނެއްބަޔަކާ أولى ކަން ބޮޑެވެ. ތިޔަބައިމީހުންގެ އެކުވެރިންނަށް ހެޔޮކަމެއް ކުރުމުގެގޮތުން ބާއްވާ ގުޅުމެއް މެނުވީއެވެ. ފޮތުގައި (އެބަހީ: اللوح المحفوظ ގައި) ލިޔުއްވާފައިވާ ކަމެއްކަމުގައި އެކަންތައް ވިއެވެ.
7
ނަބީބޭކަލުންގެ ކިބައިންނާއި، ކަލޭގެފާނާއި نوح ގެފާނާއި، إبراهيم ގެފާނާއި، موسى ގެފާނާއި، مريم ގެފާނުގެ ދަރިކަލުން عيسى ގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ކަށަވަރުވެގެންވާ عهد ހިއްޕެވިހިނދު ހަނދުމަކުރާށެވެ! އަދި އެބޭކަލުންގެ ކިބައިން ގަދަވެ ކަށަވަރުވެގެންވާ عهد، ތިމަންރަސްކަލާނގެ ހިއްޕެވީމެވެ.
8
(އެއީ) ތެދުވެރިންގެ ކިބައިން، އެބޭކަލުންގެ ތެދުވެރިކަމާމެދު سؤال ކުރެއްވުމަށްޓަކައެވެ. އަދި كافر ންނަށްޓަކައި ވޭންދެނިވި عذاب އެކަލާނގެ ތައްޔާރު ކުރައްވާފައިވެއެވެ.
9
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! لشكر ތަކެއް ތިޔަބައިމީހުންނާ ހަމަޔަށް އައިހިނދު، اللَّه ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދާންކުރާށެވެ! ފަހެ، އެހިނދު އެއުރެންގެ މައްޗަށް ގަދަ ވަޔަކާއި، ތިޔަބައިމީހުންނަށް ނުފެންނަ لشكر ތަކެއް ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. ތިޔަބައިމީހުން ކަންތައްކުރާގޮތް މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.
10
ތިޔަބައިމީހުންގެ މަތިންނާއި، ތިރިން (އެބަހީ: نجد ކަރަވީ ފަރާތާއި مكة ވީފަރާތުން) އެއުރެން އައިހިނދެވެ. އަދި ލޯތައް ބޮޑުވެ (ކަންބޮޑުވުމުގެ ސަބަބުން) ލަގޮނޑިވަޅުތަކާ ހަމަޔަށް ހިތްތައް އައިހިނދެވެ. އަދި ތިޔަބައިމީހުން اللَّه އާމެދު ހީތައް ކުޅަހިނދެވެ.
11
އެވަގުތު مؤمن ން امتحان ކުރެއްވިއެވެ. އަދި ގަދަވެގެންވާ ގުޑުމަކުން އެއުރެންނަށް ގުޑުން އަރައިގެން ދިޔައެވެ. (އެބަހީ: އެއުރެންގެ ސާބިތުކަން ގެއްލި، އެގޮތް މިގޮތް ވެގެންދިޔައެވެ.)
12
އަދި منافق ންނާއި، އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުން ބުނާހިނދެވެ. اللَّه އާއި، އެކަލާނގެ رسول އާ، ތިމަންމެންނަށް ކެހިވެރި وعد އަކުން މެނުވީ وعد އެއް ނުކުރައްވަތެވެ.
13
އަދި އެއުރެންގެ ތެރެއިން ބަޔަކު ބުނިހިނދު، ހަނދުމަކުރާށެވެ! އޭ يثرب ގެ (އެބަހީ: المدينة ގެ) أهل ވެރިންނޭވެ! ތިޔަބައިމީހުންނަކަށް ތިބުމުގެ ތަނެއް ނެތެވެ. ފަހެ، ތިޔަބައިމީހުން އެނބުރި ހިނގައިދާށެވެ! އަދި އޭގެތެރެއިން ބަޔަކު ނަބިއްޔާގެ އަރިހުން إذن އަށް އެދެތެވެ. އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ތިމަންމެންގެ ގެތަކަކީ ނިވަލެއްނެތް ތަނެކެވެ. އެއީ ނިވަލެއްނެތް ތަނެއްނޫނެވެ. ފިލައިގެންދިޔުން މެނުވީ އެއުރެން ނޭދެތެވެ.
14
އެއުރެންގެ ކައިރިޔަށް އެރަށުގެ ހުރިހާ ފަރާތަކުން عدوّ ން އަރައި، ދެން އެއުރެންގެ ކިބައިން ފިތުނަވެރިކަމަށް އެދުނުނަމަ، އެކަން އެއުރެން ގެނެސްގަތީހެވެ. އަދި އެއުރެން އެރަށުގައި ކުޑަހިނދުކޮޅަކަށް މެނުވީ ލަސްވެ ނުތިބީހެވެ.
15
އަދި ހަމަކަށަވަރުން، އެއުރެން ފުރަގަސްދީ ނުދާނެކަމަށް މީގެކުރިން اللَّه ގެ حضرة އަށް عهد ކޮށްފައިވިއެވެ. އަދި اللَّه އަށް ކުރާ عهد އަކީ (އެއާމެދު) سؤال ކުރައްވާނެ ކަމެއްކަމުގައި ވެއެވެ.
16
ކަލޭގެފާނު ވިދާޅުވާށެވެ! ފިލައިދިއުމަކުން ތިޔަބައިމީހުންނަކަށް މަންފާއެއް ނުކުރާނެތެވެ. ތިޔަބައިމީހުން މަރުން ނުވަތަ قتل ވުމުން ފިލިޔަސް، ކުޑަހިނދުކޮޅަކަށް މެނުވީ ދުނިޔޭގައި އަރާމެއް ނުކުރެވޭނެތެވެ.
17
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ނުބައިގޮތެއް މެދުވެރިކުރެއްވުމަށް اللَّه އިރާދަކުރައްވައިފިނަމަ، ނުވަތަ ތިޔަބައިމީހުންނަށް رحمة އެއް ލެއްވުމަށް އެކަލާނގެ އިރާދަކުރައްވައިފިނަމަ، އެކަލާނގެ حضرة ން ތިޔަބައިމީހުން ރައްކާތެރިކޮށް މަނާކުރާނެ މީހަކީ ކާކުހެއްޔެވެ؟ އަދި اللَّه ފިޔަވައި އެއުރެންނަށް ވާގިދޭނެ މީހަކު ނުވަތަ نصر ދޭނެމީހަކުވެސް އެއުރެންނަކަށް ނުފެންނާނެތެވެ.
18
ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ހުރަސްއަޅާ މީހުންނާއި، އަދި އެއުރެންގެ أخ ންގެ ގާތުގައި ތިމަންމެންގެ ކައިރިޔަށް އަންނާށޭ ބުނާ މީހުން اللَّه ދެނެވޮޑިގެންވެތެވެ. އަދި އެއުރެން ވަރަށް މަދުން މެނުވީ ހަނގުރާމަޔަކަށް ނާންނާނެތެވެ.
19
(އެއީ) ތިޔަބައިމީހުންގެ މައްޗަށް (ހޭދައެއް ކުރުމަށް، ނުވަތަ އެހީއެއް ވުމަށް) بخيل ވުމަށްޓަކައެވެ. ފަހެ، އެއުރެންނަށް ބިރުވެރިކަމެއް އަންނަހިނދު، މަރުގެ ސަކަރާތުގައި ހޭނެތިފައިވާ މީހަކު ފަދައިން، އެއުރެންގެ ލޯތައް އެނބުރި އެނބުރި ހުންނަ حال ގައި، ކަލޭގެފާނާ ދިމާޔަށް އެއުރެން ބަލާތީ ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ. އަދި ބިރުވެރިކަން ފިލައިދިއުމުން (ޖެއްސުމާއި މަލާމާތުގެ) ތޫނު ދޫތަކަކުން ތިޔަބައިމީހުންނަށް އެއްޗެހި ގޮވާނެތެވެ. (غنيمة މުދަލާއި، އެހެނިހެން) މުދަލަށް ދަހިވެތިވާ حال ގައެވެ. އެއުރެން إيمان އެއް ނުވެތެވެ. ފަހެ، اللَّه އެއުރެންގެ عمل ތައް باطل ކުރެއްވިއެވެ. އަދި އެކަމަކީ، اللَّه އަށް ދާދިފަސޭހަކަމެއް ކަމުގައިވެއެވެ.
20
(كافر ންގެ) جماعة ތައް އެނބުރި (مكة އަށް) ނުދާކަމަށް އެއުރެން (އެބަހީ: منافق ން) ހީކުރެތެވެ. އަދި އެ جماعة ގެ މީހުން އަތުވެއްޖެނަމަ، أعرابى ންގެ ތެރޭގައި ސަހަރާގައި އެއުރެންވީނަމަ، ކިހާރަނގަޅުވީސްހޭ ބުނެ، އެއުރެން އުންމީދުކުރެއެވެ. އެއުރެން ތިޔަބައިމީހުންގެ خبر ތައް އަހައި އޮޅުންފިލުވަތެވެ. އަދި ތިޔަބައިމީހުންގެ ތެރޭގައި އެއުރެންވީނަމަ، ވަރަށްމަދުން މެނުވީ، އެއުރެން ހަނގުރާމައެއް ނުކުރީހެވެ.
21
ހަމަކަށަވަރުން، اللَّه ގެ رسول އާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) اللَّه ގެ ދަރުމައާއި، آخرة ގެ ثواب އަށް އެދޭ، އަދި ގިނަގިނައިން اللَّه ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.
22
އަދި (كافر ންގެ) جماعة ތައް مؤمن ންނަށް ފެނުނުހިނދު، އެއުރެން ބުނޫއެވެ. މިއީ ތިމަންމެންނަށް اللَّه އާއި، އެކަލާނގެ رسول އާ وعد ކުރެއްވި ކަންތަކެވެ. އަދި اللَّه އާއި، އެކަލާނގެ رسول އާ އިއްވެވީ ތެދުބަހެވެ. އަދި އެއުރެންނަކަށް އެކަމުގެ ސަބަބުން إيمان ކަމާއި، ކިޔަމަންތެރިކަން މެނުވީ އިތުރެއް ނުވެތެވެ.
23
اللَّه އަށް އެއުރެން عهد ވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއް مؤمن ންގެ ތެރެއިންވެއެވެ. ފަހެ، އެއުރެންގެ ތެރެއިން (شهيد ވެ) މަރުވެގެންދިޔަބަޔަކު ވެއެވެ. އަދި (شهيد ވުމަށް) انتظار ކުރާ ބަޔަކުވެސް އެއުރެންގެ ތެރެއިން ވެއެވެ. އަދި އެއުރެން (އެ عهد އަކަށް) އެއްވެސްކަހަލަ ބަދަލެއް ނުގެނެތެވެ.
24
(އެއީ) ތެދުވެރިވީ މީހުންނަށް، އެއުރެން ތެދުވެރިވީކަމަށްޓަކައި، اللَّه ހެޔޮ ޖަޒާދެއްވުމަށާއި، އެކަލާނގެ އިރާދަކުރައްވައިފިނަމަ، منافق ންނަށް عذاب ދެއްވުމަށް، ނުވަތަ އެއުރެންގެ މައްޗަށް توبة ލެއްވުމަށެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ.
25
كافر ވި މީހުން އެއުރެންގެ ރުޅިވެރިކަމާއެކު اللَّه (އެއުރެން) ރައްދުކުރެއްވިއެވެ. އެއުރެންނަކަށް އެއްވެސް ހެވެއް ނުލިބުނެވެ. އަދި اللَّه مؤمن ންނަށް ހަނގުރާމަކުރުން ފުއްދަވައި ދެއްވައިފިއެވެ. (އެބަހީ: އެއުރެން ގަދަހަނގުރާމައެއް ނުކޮށް އެކަން ނިމިއްޖެއެވެ.) އަދި اللَّه އީ، ބާރުވެރިވަންތަ، عزيز ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ.
26
އަދި އެކަލާނގެ، ފޮތުގެ أهل ވެރިންކުރެ އެއުރެންނަށް ވާގިދިން މީހުން، އެއުރެންގެ ކިއްލާތަކުން ބޭލުއްވިއެވެ. އަދި އެއުރެންގެ ހިތްތަކަށް ބިރުވެރިކަން ވެއްދެވިއެވެ. ތިޔަބައިމީހުން (އޭގެ) އެއްބަޔަކު قتل ކުރަމުން ގެންދިޔައީމުއެވެ. އަދި އަނެއްބަޔަކު ހައްޔަރުކުރަމުން ގެންދިޔައީމުއެވެ.
27
އަދި އެއުރެންގެ ބިމާއި، އެއުރެންގެ ގެދޮރާއި، އެއުރެންގެ މުދަލާއި، ތިޔަބައިމީހުން އެ ބިމުގައި ފައިތިލަވެސް ޖައްސައިނުލާ ބިމެއް ތިޔަބައިމީހުންނަށް އެކަލާނގެ ލިބިދެއްވިއެވެ. އަދި اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކު ކަމުގައި ވެއެވެ.
28
އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ވިދާޅުވާށެވެ! ތިޔަކަނބަލުން ދުނިޔޭގެ حياة އާއި، އެތާނގެ ޒީނަތްތެރިކަން އެދޭކަމަށްވާނަމަ، އަންނާށެވެ! ތިޔަކަނބަލުންނަށް متعة ދެއްވާހުށީމެވެ. އަދި ރިވެތިވެގެންވާ ވަރިކުރެއްވުމަކުން ތިޔަކަނބަލުން ވަރިކުރައްވާ ހުށީމެވެ.
29
އަދި ތިޔަކަނބަލުން، اللَّه އާއި، އެކަލާނގެ رسول އާއާއި، آخرة ގެ ގޮވަތި އެދޭކަމުގައިވާނަމަ، ފަހެ، ހަމަކަށަވަރުން، اللَّه، ތިޔަކަނބަލުންކުރެ إحسان ތެރިންނަށް ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރައްވާފައިވެއެވެ.
30
އޭ ނަބިއްޔާގެ އަނބިއަނބިކަނބަލުންނޭވެ! ތިޔަކަނބަލުންކުރެ ފާޅުވެގެންހުރި ހުތުރުކަން ބޮޑު ފާފަޔެއްކުރި މީހަކަށް ދެގުނަޔަށް عذاب އިތުރުކުރައްވާ ހުށްޓެވެ. އަދި އެކަންތަކަކީ، اللَّه އަށް ދާދިފަސޭހަ ކަމެއް ކަމުގައިވެއެވެ.
Sonraki 30 ayet →