1
ط س م (މި އަކުރުތަކުގެ مراد ދެެނެވޮޑިގެންވަނީ اللَّه އެވެ.)
2
މިއީ (ކަންތައްތައް) بيان ވެގެންވާ ފޮތުގެ (އެބަހީ: قرآن ގެ) آية ތަކެވެ.
3
އެއުރެން مؤمن ން ކަމުގައި ނުވުމުން (އެކަމުގެ ހިތާމައިގައި) ކަލޭގެފާނުގެ نفس ހަލާކުކޮށްލައްވަނީތޯއެވެ. (އެބަހީ: އެހެން ނަހައްދަވާށެވެ!)
4
ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެންގެ މައްޗަށް އުޑުން معجزة އެއް ބާވައިލައްވައިފީމުހެވެ. ފަހެ، އޭރުން އެއުރެންގެ ކަނދުރާތައް އެއަށް ކިޔަމަންވެ، މަޑުމައިތިރިވާނެތެވެ.
5
رحمن ވަންތަ ރަސްކަލާނގެ حضرة ން އެމީހުންގެ ގާތަށް އަންނަ ކޮންމެ އައު آية އަކަށް ފުރަގަސްދޭބަޔަކު ކަމުގައި މެނުވީ، އެއުރެން ނުވެތެވެ.
6
ފަހެ، ހަމަކަށަވަރުން، އެއުރެން (އެތަކެތި) ދޮގުކުރޫއެވެ. ފަހެ، އެއުރެން އެކަންތަކަށް ފުރައްސާރަކޮށްއުޅުނު ކަންތަކުގެ خبر ތައް، ނިކަންހުރެ އެއުރެންގެ ގާތަށް އަންނަހުށްޓެވެ.
7
ބިމުގެ (عجائب) ކަންތައްތަކަށް އެއުރެން ނުބަލަނީހެއްޔެވެ؟ އެ ބިމުގައި މަންފާގިނަ ރަނގަޅު ހުރިހާ ބާވަތަކުން ތިމަންރަސްކަލާނގެ ކިހާގިނަ ގަސްތަކެއް ފެޅުއްވީން ހެއްޔެވެ؟
8
ހަމަކަށަވަރުން، އެކަންތަކުގައި (اللَّه ގެ ކުޅަދުންވަންތަކަމުގެ) ހެތްކެއް ވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން إيمان ވާ ބަޔަކު ކަމުގައި ނުވެތެވެ.
9
އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
10
ކަލޭގެފާނުގެ ވެރިރަސްކަލާނގެ موسى ގެފާނަށް ނިދާ އިއްވެވިހިނދު ހަނދުމަކުރައްވާށެވެ! އަނިޔާވެރި قوم ގެމީހުންގެ ގާތަށް ކަލޭގެފާނު (رسول ކަމާއިގެން) ވަޑައިގަންނަވާށެވެ!
11
އެއީ فرعون ގެ قوم ގެމީހުންނެވެ. އެއުރެން اللَّه އަށް ބިރުވެތި ނުވަނީހެއްޔެވެ؟
12
އެކަލޭގެފާނު (އެބަހީ: موسى ގެފާނު) ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ތިމަންކަލޭގެފާނު ދޮގުކޮށްފާނެކަމަށް ހަމަކަށަވަރުން، ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ.
13
އަދި (އެއުރެން ތިމަންކަލޭގެފާނު ދޮގުކޮށްފާނެކަމަށް) ތިމަންކަލޭގެފާނުގެ ހިތްޕުޅު ދަތިވެއެވެ. އަދި (ތިމަންކަލޭގެފާނު އެދިވަޑައިގަންނަވާފަދަ ފަސޭހަކަމާއެކު) ތިމަންކަލޭގެފާނުގެ ދޫފުޅެއް ނުހިނގައެވެ. ފަހެ، (ތިމަންކަލޭގެފާނަށް ވާގިވެރިވުމަށް) هارون ގެފާނުގެ އަރިހަށް (وحى އާއިގެން جبريل ގެފާނު) ފޮނުއްވައި ދެއްވާށެވެ!
14
އެއުރެންނާ ބެހޭގޮތުން، ތިމަންކަލޭގެފާނުގެ މައްޗަށް ކުށެއްވެސް އެބައޮތެވެ. ފަހެ، އެއުރެން ތިމަންކަލޭގެފާނު قتل ކޮށްފާނެކަމަށް ތިމަންކަލޭގެފާނު ބިރުފުޅު ގަނެތެވެ.
15
އެކަލާނގެ وحى ކުރެއްވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެތެވެ. ފަހެ، ތިޔަދެބޭކަލުން ތިމަންރަސްކަލާނގެ آية ތަކާއިގެން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަދެބޭކަލުންނާއެކު، ތިމަންރަސްކަލާނގެ އައްސަވާވޮޑިގެންވަމެވެ.
16
ފަހެ، ތިޔަދެބޭކަލުން فرعون ގެގާތަށް ވަޑައިގެން ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންމެންނީ عالم ތަކުގެ ވެރިރަސްކަލާނގެ ފޮނުއްވި رسول ންނެވެ.
17
إسـرآءيـل ގެދަރިން (ދޫކޮށްލައި) ތިމަންބޭކަލުންނާއެކު ފޮނުވާށެވެ!
18
އޭނާ (އެބަހީ: فرعون، موسى ގެފާނަށް) ދެންނެވިއެވެ. ކަލޭގެފާނު އުފަންވީއްސުރެން ފެށިގެން އަހުރެމެންގެ ތެރޭގައި ކަލޭގެފާނު ބަލައިބޮޑުކުރީ އަހުރެމެން ނޫންހެއްޔެވެ؟ އަދި ކަލޭގެފާނުގެ عمر ފުޅުން އެތައް އަހަރެއްވަންދެން އަހުރެމެންގެ ތެރޭގައި ކަލޭގެފާނު ހުންނެވީމުއެވެ.
19
އަދި ކަލޭގެފާނު (ތިމަން ކޮށްދިން ހެޔޮކަންތަކަށް) ދެކޮޅުވެރިވާ حال، ކަލޭގެފާނު އެ ކުރެއްވިކަމެއް ކުރެއްވީމުއެވެ.
20
އެކަލޭގެފާނު ވިދާޅުވިއެވެ. އެހެންވިއްޔާ ތިމަންކަލޭގެފާނަށް އެކަންތައް އޭރު އެ ކުރެއްވުނީ، މަގު ގެއްލިފައިވާ މީހުންގެ ތެރެއިންވާ حال ގައެވެ.
21
ފަހެ، ތިޔަބައިމީހުން ދެކެ ތިމަންކަލޭގެފާނު ބިރުފުޅުގަތްހިނދު، ތިޔަބައިމީހުންނަށް ފިއްލަވައިގެން (مدين އަށް) ވަޑައިގަތީމެވެ. ފަހެ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ، ތިމަންކަލޭގެފާނަށް حكمة އާއި، ވިސްނުން ދެއްވިއެވެ. އަދި رسول ންގެ ތެރެއިން ތިމަންކަލޭގެފާނު ލެއްވިއެވެ.
22
އަދި ތިމަންކަލޭގެފާނަށް ކަލޭ ދިން نعمة އެއްކަމުގައި ތިޔަ ކަލަގޮވާ نعمة އަކީ، ކަލޭ إسـرآءيـل ގެދަރިން އަޅުވެތިކޮށްލިކަމެވެ. (އެބަހީ: އަހުރެން އަޅުވެތިނުކޮށް ދޫކޮށްލިނަމަވެސް، އެއުރެންނަށް ކަލޭ ކުޅަ އަނިޔާއިން، ކަލެޔަށް ދެވިފައި އޮތީ ކޮން نعمة އެއް ހެއްޔެވެ؟)
23
فرعون ދެންނެވިއެވެ. (ކަލޭގެފާނު އެފަރާތަކުން رسول ކަމާއިގެން ވަޑައިގެންނެވި) عالم ތަކުގެ ވެރިރަސްކަލާނގެއަކީ ކޮބައިހެއްޔެވެ؟
24
އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ އެއްޗެއްގެ ވެރިރަސްކަލާނގެއެވެ. ތިޔަބައިމީހުން އެކަން يقين ކުރާ ކަމުގައިވާނަމައެވެ.
25
އޭނާގެ ވަށައިގެންތިބި (ބޮޑުންގެ) މީހުންނަށް އޭނާ ބުންޏެވެ. ކަލޭމެންނަކަށް ނީވޭހެއްޔެވެ؟
26
އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެވެސް ވެރިރަސްކަލާނގެއެވެ.
27
އޭނާ ބުންޏެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ ތިޔަބައިމީހުންގެ رسول އަކީ، މޮޔައެއްކަން ކަށަވަރެވެ.
28
އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ مشرق އާއި، مغرب އާއި، އެދެމެދުގައިވާހާ ތަކެއްޗެއްގެ ވެރިރަސްކަލާނގެއެވެ. ތިޔަބައިމީހުން އެކަން ވިސްނާކަމުގައި ވާނަމައެވެ.
29
އޭނާ ދެންނެވިއެވެ. ކަލޭގެފާނު ތިމަންފިޔަވައި އެހެން إله އަކު ހިއްޕަވައިފިނަމަ، ހަމަކަށަވަރުން، ހުރަގޭގައި ހައްޔަރުކުރެވިގެންވާ މީހުންގެ ތެރެއަށް ކަލޭގެފާނު ލާހުށީމެވެ.
30
އެކަލޭގެފާނު ވިދާޅުވިއެވެ. (ތިމަންކަލޭގެފާނުގެ رسول ކަމުގެ މައްޗަށް) بيان ވެގެންވާ دليل އެއް ކަލޭގެ ގާތަށް ގެންނެވި ނަމަވެސް ހެއްޔެވެ؟
Sonraki 30 ayet →