1
عالم ތަކަށް إنذار ކުރައްވާ ބޭކަލަކު ކަމުގައިވުމަށް، އެކަލާނގެ އަޅާއަށް قرآن ބާވައިލެއްވި ކަލާނގެ، މަތިވެރިވެވޮޑިގެންފިއެވެ.
2
އެކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިކަން އެކަލާނގެއަށް ملك ވެގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ ދަރިކަލަކު ނުހިއްޕަވައެވެ. އަދި ވެރިކަމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އަދި އެކަލާނގެ ކޮންމެ އެއްޗެއް ހެއްދެވިއެވެ. ފަހެ، އެކަލާނގެ އެތަކެތި ވަރަށް ފުރިހަމަޔަށް މިންވަރު ކުރެއްވިއެވެ.
3
އެއުރެން، އެކަލާނގެ ފިޔަވައި އެހެން إله ންތަކެއް ހިފޫއެވެ. އެއްވެސް އެއްޗެއް ނެހެދޭ إله ންތަކެކެވެ. އަދި އެތަކެއްޗަކީ، ހައްދަވާފައިވާ ތަކެއްޗެވެ. އެތަކެތީގެ އަމިއްލަ نفس ތަކަށް ގެއްލުމެއް ދިނުމެއްވެސް، އަދި މަންފާއެއް ކުރުމެއްވެސް އެތަކެއްޗަކަށް މިލްކުވެގެނެއް ނުވެތެވެ. އަދި މަރުހިފުމެއްވެސް، އަދި ދިރުވުމެއްވެސް، އަދި އަލުން ދިރުމަކަށް ފޮނުވުމެއްވެސް، އެތަކެއްޗަށް މިލްކުވެގެނެއް ނުވެތެވެ.
4
كافر ވި މީހުން ބުނޫއެވެ. އެކަލޭގެފާނު (އަމިއްލަފުޅަށް) އުފައްދަވައިގެން އުޅުއްވާ ދޮގެއްކަމުގައި މެނުވީ، މި قرآن ނުވެއެވެ. އަދި އެކަމުގެމައްޗަށް އެހެން ބަޔަކު އެކަލޭގެފާނާ އެހީވޫއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެން އެ ގެނައީ، އަނިޔާވެރިވުމެކެވެ. އަދި ބޮޑުވެގެންވާ ދޮގެކެވެ.
5
އަދި އެއުރެން ބުނޫއެވެ. (އެއީ) އެކަލޭގެފާނު މީހުންލައްވައި ލިޔުއްވާފައިވާ، އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެކެވެ. ފަހެ، އެތަކެތި ހެނދުނާއި ހަވީރު، އެކަލޭގެފާނަށް ކިޔައިދެތެވެ.
6
ކަލޭގެފާނު ވިދާޅުވާށެވެ! އެ قرآن ބާވައިލެއްވީ، އުޑުތަކާއި، ބިމުގައިވާ ސިއްރުތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި، އެކަލާނގެ ވޮޑިގެންވެއެވެ.
7
އަދި އެއުރެން ބުނޫއެވެ. މި رسول އާއަށްވީ ކީއްހެއްޔެވެ؟ އެކަލޭގެފާނު ކާތަކެތި ފަރީއްކުޅުއްވަތެވެ. އަދި ބާޒާރުތަކުގައި ހިންގަވައި އުޅުއްވަތެވެ. ފަހެ، އެކަލޭގެފާނުގެ އަރިހުގައި إنذار ކުރައްވައި އުޅުއްވުމަށް، އެކަލޭގެފާނުގެ އަރިހަށް ملائكة އަކު ބާވައިނުލެއްވީ ކީއްވެގެން ހެއްޔެވެ؟
8
ނުވަތަ އެކަލޭގެފާނަށް خزانة އެއް ބާވައިނުލެއްވީ، ނުވަތަ އެކަލޭގެފާނު އެތަނުން ފަރީއްކުޅުއްވައި އުޅުއްވުމަށް، އެކަލޭގެފާނަށް ބަގީޗާއެއް ނެތީ ކީއްވެގެން ހެއްޔެވެ؟ އަދި އަނިޔާވެރިން ބުނޫއެވެ. ޖާދޫޖެހި، ބުއްދި އޮޅިފައިވާ މީހަކަށް މެނުވީ ތިޔަބައިމީހުން تبع އެއް ނުވަމުއެވެ.
9
ކަލޭގެފާނާމެދު އެއުރެން މިސާލުޖެހީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ފަހެ، އެއުރެން މަގުފުރެދިއްޖައޫއެވެ. ފަހެ، މަގެއް ހޯދުމަކަށް އެއުރެންނަކަށް ކުޅަދާނަވެގެނެއް ނުވެތެވެ.
10
އެކަލާނގެ އިރާދަކުރައްވައިފިނަމަ، އެއަށްވުރެ ހެޔޮގޮތް ކަލޭގެފާނަށް ލައްވައިދެއްވާ ރަސްކަލާނގެ މަތިވެރިވެވޮޑިގެންފިއެވެ. (އެއީ) އެތާނގެ ދަށުން ކޯރުތައް ހިނގައިހިނގާ ހުންނަ ސުވަރުގެތަކެވެ. އަދި އެކަލާނގެ (އެތާނގައި) ކަލޭގެފާނަށްޓަކައި ގަނޑުވަރުތައް ލައްވާނެތެވެ.
11
އަދި ކިއެއްތަ! އެއުރެން قيامة ގެ ވަގުތު ދޮގުކުޅައޫއެވެ. އަދި قيامة ގެ ވަގުތު ދޮގުކުޅަމީހަކަށް، އަނދައަނދާ ހުންނަ ނަރަކަ ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.
12
ދުރުހިސާބަކުން އެ ނަރަކަޔަށް އެއުރެން ފެންނަހިނދު، ރުޅިއައިސް ކެކިއަރާ އަޑާއި، މާނޭވާގެ އަޑު، އެ ނަރަކައިން އެއުރެންނަށް އިވޭނެތެވެ.
13
އަދި އެއުރެންގެ އަތްތަކުގައި، ކަސްތޮޅު އަޅުއްވާފައިވާ حال، އެ ނަރަކައިގެ ތެރެއިން ދަތިތަނަކަށް އެއުރެން އެއްލަވާހިނދު، އެއުރެން އެތާނގައި ހަލާކުވުމަށްއެދި ގޮވާނެތެވެ.
14
މިއަދު ތިޔަބައިމީހުން އެންމެ ހަލާކަކަށްއެދި ނުގޮވާށެވެ! އަދި އެތައް ހަލާކުތަކަކަށްއެދި ތިޔަބައިމީހުން ގޮވާށެވެ!
15
ކަލޭގެފާނު ވިދާޅުވާށެވެ! ހެޔޮކަންބޮޑީ އެގޮތްހެއްޔެވެ؟ ނުވަތަ تقوى ވެރިންނަށް وعد ކުރައްވާފައިވާ، ދެމިތިބުމުގެ ސުވަރުގެ ހެއްޔެވެ؟ އެއުރެންނަށް ޖަޒާއެއްކަމުގައި އެ ސުވަރުގެ ވެއެވެ. އަދި އެންމެފަހުން رجوع ވަނިވި ތަނެއްކަމުގައިވެސް (އެތަން) ވޭމެއެވެ.
16
އެއުރެން އެދޭހާ ކަމެއް އެ ސުވަރުގޭގައި އެއުރެންނަށް ހުށްޓެވެ. ދެމިތިބެނިވި ގޮތުގައެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން (އެއުރެންނަށް) ފުއްދަވާނޭ وعد އެއް ކަމުގައި އެކަންތައް ވިއެވެ.
17
އަދި اللَّه ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗާއެކު، އެއުރެން محشر އަށް ފޮނުއްވާ ދުވަސް ހަނދުމަކުރާށެވެ! ފަހެ، އެކަލާނގެ وحى ކުރައްވާނެތެވެ. ތިމަންރަސްކަލާނގެ މިތިބަ އަޅުން މަގުފުރެއްދީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ އެއުރެން (އަމިއްލައަށް) މަގުފުރެދުނީ ހެއްޔެވެ؟
18
އެއުރެން ދަންނަވާނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އިބަރަސްކަލާނގެ ފިޔަވައި އެހެން އެހީތެރިފަރާތްތަކެއް ހިފުމަކީ، ތިމަންމެންނަށް އެކަށީގެންވާ ކަމެއްކަމުގައި ނުވެއެވެ. އެހެނެއްކަމަކު، އިބަރަސްކަލާނގެ އެއުރެންނަށާއި، އެއުރެންގެ ކާބަފައިންނަށް ފަސޭހަ ދިރިއުޅުމާއި، نعمة ދެއްވީމުއެވެ. وعظ އާއި نصيحة ގެ މަތިން އެއުރެން ހަނދާން ނައްތައިފުމަށް ދާނދެނެވެ. އަދި ގެއްލި ހަލާކުވި ބަޔަކުކަމުގައި، އެއުރެން ވޫއެވެ.
19
ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ބުނެއުޅުނު ބަސްތަކުން (އެބަހީ: އެއުރެންނަކީ، ތިޔަބައިމީހުންގެ إله ން ކަމަށް ބުނެއުޅުނު ބަސްތަކުން) އެއުރެން (އެބަހީ: އެއަޅުކަންވެވުނު ފަރާތްތައް) ތިޔަބައިމީހުން ދޮގުކުރޫއެވެ. ފަހެ، عذاب ދުރުކުރުމަކަށް، ނުވަތަ نصر ލިބިގަތުމަކަށް، ތިޔަބައިމީހުންނަކަށް ކުޅަދާނަވެގެނެއް ނުވެތެވެ. ތިޔަބައިމީހުންކުރެ އަނިޔާވެރިވާ މީހާ (ދަންނާށެވެ!) ބޮޑުވެގެންވާ عذاب ގެރަހަ، ތިމަންރަސްކަލާނގެ އެމީހަކަށް ދައްކަވާހުށީމެވެ.
20
ހަމަކަށަވަރުން، ކާތަކެތި ފަރީއްކުޅުއްވައި، ބާޒާރުތަކުގައި ހިންގަވައި އުޅުއްވާ ބޭކަލުން މެނުވީ، ކަލޭގެފާނުގެ ކުރިންވެސް رسول ންގެ ތެރެއިން އެއްވެސް رسول އަކު ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް امتحان އެއްކަމުގައި ލެއްވީމެވެ. ތިޔަބައިމީހުން ކެތްކުރަމުހެއްޔެވެ؟ އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކުކަމުގައިވެއެވެ.
21
ތިމަންރަސްކަލާނގެއާ ބައްދަލުވުމަށް ނޭދޭމީހުން ބުނޫއެވެ. ތިމަންމެންގެ މައްޗަށް ملائكة ން ބާވައިނުލެއްވީ، ނުވަތަ ތިމަންމެންގެ ވެރިރަސްކަލާނގެ ތިމަންމެންނަށް ނުފެންނަނީ ކީއްވެގެންހެއްޔެވެ؟ ހަމަކަށަވަރުން، އެއުރެންގެ نفس ތަކާމެދު އެއުރެން ބޮޑާވެގަތޫއެވެ. އަނިޔާވެރިކަމުގައި ބޮޑުވެގެންވާ ހައްދުފަހަނަޅައިދިޔުމަކުން އެއުރެން ހައްދުފަހަނަޅައިދިޔައޫއެވެ.
22
އެއުރެން ملائكة ން ދެކޭ ދުވަސް ހަނދުމަކުރާށެވެ! އެދުވަހުން ކުށްވެރިންނަކަށް އުފާވެރިخبر އެއް ނެތެވެ. އަދި އެ ملائكة ން ވިދާޅުވާނެތެވެ. حرام ން حرام އެވެ. (އެބަހީ: ތިޔަބައިމީހުންގެ މައްޗަށް ސުވަރުގެއާއި، مغفرة އާއި، އުފާވެރި خبر، حرام ވެގެންވެއެވެ.)
23
އަދި عمل ގެ ތެރެއިން އެއުރެންކުޅަ ކަންތަކަށް، ތިމަންރަސްކަލާނގެ ބައްލަވައި، އެ عمل ތައް ވަޔާބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ.
24
އެދުވަހުން ހަމަޖެހި ތިބޭތަނުގެ ގޮތުން، ސުވަރުގޭގެ أهل ވެރިން ހެޔޮކަންބޮޑެވެ. އަދި އަރާމުކުރަންތިބޭ ތަނުގެ ގޮތުންވެސް ރަނގަޅުކަން ބޮޑުމެއެވެ.
25
ވިލާތަކާއެކު އުޑު ފަޅަފަޅައިގެންދާ ދުވަސް ހަނދުމަކުރާށެވެ! އަދި ގިނަ عدد އަކަށް އެދުވަހު ملائكة ން ބާވައިލައްވާނެތެވެ.
26
އެދުވަހު حقيقى ވެރިކަންވަނީ، رحمن ވަންތަ ރަސްކަލާނގެއަށެވެ. އަދި كافر ންގެ މައްޗަށް ދަތިކަން ބޮޑު ދުވަހެއްކަމުގައި އެދުވަސްވެއެވެ.
27
އަނިޔާވެރިޔާ އޭނާގެ ދެއަތުގައި ދަތްއަޅާ ދުވަސް ހަނދުމަކުރާށެވެ! އޭނާ (އެދުވަހުން) ބުނާނެތެވެ. އޭ ސަހަރޯއެވެ! رسول އާގެ އަރިހުން މަގެއް ހިފައި، ބޭނުންކުޅަނަމަ، ތިމަންނާއަށް ކިހާ ރަނގަޅުވީސްހެއްޔެވެ؟
28
އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ސަހަރޯއެވެ! ތިމަން އެވެނި މީހަކު މިތުރަކު ކަމުގައި ނުހިފިނަމަ، ކިހާ ރަނގަޅުވީސްހެއްޔެވެ!
29
ހަމަކަށަވަރުން، ތިމަންނާއާހަމަޔަށް އެ قرآن އައުމަށްފަހު، އޭނާ ތިމަން އެއިން އެއްކިބާކޮށް މަގުފުރައްދައިފިއެވެ. އިންސާނާއަށް އޭނާ ދެރަކޮށް ނިކަމެތިކޮށްލާ އެއްޗެއްކަމުގައި شيطان އާ ވެއެވެ.
30
رسول އާ ވިދާޅުވިއެވެ. އޭ އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންއަޅާގެ قوم ގެމީހުން، މި قرآن އަކީ އެއްކިބާކޮށްލާފައިވާ އެއްޗެއްކަމުގައި ހަދައިފޫއެވެ.
Sonraki 30 ayet →