1
(މިއީ) سورة އެކެވެ. ތިމަންރަސްކަލާނގެ، އެ سورة ބާވައިލެއްވީ އަދި އެ سورة ގައިވާ ކަންތައްތައް ކަނޑައަޅުއްވައި فرض ކުރެއްވީ، އަދި ފާޅުވެ بيان ވެގެންވާ ހެކިތައް، ތިމަންރަސްކަލާނގެ އެ سورة ގައި ބާވައިލެއްވީ، ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.
2
ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (حد) ޖަހާށެވެ! އަދި اللَّه އަށާއި آخرة ދުވަހަށް ތިޔަބައިމީހުން إيمان ވާކަމުގައިވަނީނަމަ، اللَّه ގެ دين ގައި އެ ދެމީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭ عقوبات، مؤمن ންގެ ބަޔަކު ދެކޭހުށިކަމެވެ!
3
ޒިނޭކުރާ ފިރިހެނާ، ޒިނޭކުރާ އަންހެނަކާ، ނުވަތަ شريك ކުރާ އަންހެނަކާނޫނީ ނުއިންނާނެތެވެ. އަދި ޒިނޭކުރާ އަންހެނާ (ދަންނާށެވެ!) ޒިނޭކުރާ ފިރިހެނަކު ނުވަތަ شريك ކުރާ ފިރިހެނަކު ނޫނީ އެކަނބުލޭގެއަކާ ނުއިންނާނެތެވެ. އަދި مؤمن ންގެ މައްޗަށް އެކަން حرام ކުރައްވާފައިވެއެވެ. (ނޯޓު: މި آية ގައިވާ حكم ވަނީ މި سورة ގެ 32ވަނަ آية ން نسخ ވެފައިކަމަށް علم ވެރިން ދެކެވަޑައިގަންނަވައެވެ.)
4
عفّة ތެރި އަންހެނުންނަށް قذف ކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެގައިގައި އަށްޑިހަ އެތިފަހަރުން (حد) ޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން قبول ނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، فاسق ންނެވެ.
5
އެއަށްފަހު توبة ވެ (عمل ތައް) إصلاح ކޮށްފިމީހުން މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.
6
އަދި އެއުރެންގެ އަމިއްލަ نفس ތައް މެނުވީ ހެކިދޭބަޔަކު އެއުރެންނަށް ލިބިގެންނުވާ حال، އެއުރެންގެ އަނބީންނަށް قذف ކުރާމީހުން (ދަންނާށެވެ!) ފަހެ، އެއިން ކޮންމެ މީހަކު، اللَّه ގަންދީ ހަތަރު ހުވައިން ހުވާކުރުން ހުށްޓެވެ. ހަމަކަށަވަރުން، އޭނާއީ ތެދުވެރިންގެ ތެރެއިންވާ މީހަކު ކަމަށެވެ.
7
އަދި ފަސްވަނަ ހުވާކުރުން ހުށްޓެވެ. އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ހަމަކަށަވަރުން، اللَّه ގެ لعنة އޭނާގެ މައްޗަށް ހުރިކަމަށެވެ.
8
ހަމަކަށަވަރުން، އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހެއްކަމަށް اللَّه ގަންދީ އެކަނބުލޭގެ ހަތަރުހުވައިން ހުވާކުރުމުން، އެކަނބުލޭގެ ކިބައިން عقوبات (އެބަހީ: حد ޖެހުން) ކެނޑޭނެތެވެ.
9
އަދި ފަސްވަނަ ހުވާކުރުން ހުށްޓެވެ. އޭނާއަކީ ތެދުބުނާ މީހުންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ހަމަކަށަވަރުން، اللَّه ގެ ކޯފާ އެކަނބުލޭގެ މައްޗަށް ހުރިކަމަށެވެ.
10
އަދި اللَّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ވަންތަކަން ތިޔަބައިމީހުންގެ މައްޗަށް ނުވާނަމައެވެ. (އެބަހީ: އެކަލާނގެ رحمة ވަންތަކަން ނުވާނަމަ، ތިޔަބައިމީހުން فضيحة ކުރައްވައި ހަލާކުކުރައްވައިފީހެވެ.) އަދި ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ، حكيم ވަންތަ ރަސްކަލާނގެއެވެ.
11
ހަމަކަށަވަރުން، ބޮޑުވެގެންވާ ދޮގުވާހަކައާއިގެން އައި މީހުންނަކީ، ތިޔަބައިމީހުންގެ ތެރެއިންވާ ބަޔަކު މީހުންނެވެ. އެއީ ތިޔަބައިމީހުންނަށްހުރި ނުބައެއްކަމުގައި ތިޔަބައިމީހުން ހީނުކުރާށެވެ! އަދި ކިއެއްތަ! އެއީ ތިޔަބައިމީހުންނަށްހުރި ހެވެކެވެ. އެއުރެންކުރެ ކޮންމެމީހަކަށްމެ، ފާފައިގެ ތެރެއިން އެމީހަކު ހޯދައިގަތްކަމެއް ވެއެވެ. އަދި އެއުރެންގެ ތެރެއިން އެކަމުގެ ބޮޑުބައި ލިބިގަތްމީހާ (ދަންނާށެވެ!) އޭނާއަށް ބޮޑުވެގެންވާ عذاب ހުށްޓެވެ.
12
އެވާހަކަ އިވުނުހިނދު، مؤمن ފިރިހެނުންނާއި، مؤمن އަންހެނުން އެއުރެންގެ އަމިއްލަ نفس ތަކާމެދުގައި ހެޔޮކޮށް ހީނުކުޅައީ ކީއްވެގެން ބާވައެވެ؟ އަދި މިއީ، بيان ވެ ފާޅުވެގެންހުރި ބޮޑުދޮގެކޭ ނުބުނީ ކީއްވެގެން ބާވައެވެ؟
13
އެކަމުގެ މައްޗަށް އެއުރެން ހަތަރުހެކިން ނުގެނައީ ކީއްވެގެން ހެއްޔެވެ؟ ފަހެ، އެއުރެން (އެކަން ދެނެހުރި) ހެކިން ނުގެނައިހިނދު، ފަހެ، اللَّه ގެ حضرة ގައި އެއުރެންނީ ހަމަ ދޮގުހަދާ މީހުންނެވެ.
14
ދުނިޔެއާއި، آخرة ގައި ތިޔަބައިމީހުންގެ މައްޗަށް اللَّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ވަންތަކަން ނެތްނަމަ، ތިޔަބައިމީހުން ދައްކަމުން ގެންދިޔަ ވާހަކަތަކާމެދު، ބޮޑުވެގެންވާ عذاب އެއް، ތިޔަބައިމީހުންގައި ބީހިއްޖައީސްކަން ކަށަވަރެވެ.
15
ތިޔަބައިމީހުންގެ ދޫތަކުން އެ ވާހަކަތައް ލިބިގަންނަމުންދިޔަ ހިނދުގައެވެ. އަދި ތިޔަބައިމީހުންނަށް އެކަމާމެދު އެނގުމެއްނުވާ ކަންތަކުގެ ވާހަކަ، ތިޔަބައިމީހުންގެ އަނގަތަކުން ބުނަމުއެވެ. އަދި اللَّه ގެ حضرة ގައި އެކަންތައް ބޮޑުކަމެއްކަމުގައިވާ حال، އެއީ ކުޑަ ކަމެއްކަމުގައި ތިޔަބައިމީހުން ހީކުރަމުއެވެ.
16
ތިޔަބައިމީހުންނަށް އެވާހަކަ އަޑުއިވުނުހިނދު (މިހެން) ތިޔަބައިމީހުން ނުބުނީ ކީއްވެގެން ހެއްޔެވެ؟ މިވާހަކަ ދެއްކުމަކީ ތިމަންމެން ކޮށްގެންވާނެ ކަމެއްނޫނެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! މިއީ ބޮޑުވެގެންވާ بهتان ދޮގެކެވެ.
17
ތިޔަބައިމީހުންނީ مؤمن ން ކަމުގައިވާނަމަ، އެފަދަކަމަކަށް ދުވަަހަކުވެސް އެނބުރި ނުދިއުމަށް اللَّه ތިޔަބައިމީހުންނަށް وعظ އިއްވަވަތެވެ.
18
އަދި اللَّه ތިޔަބައިމީހުންނަށްޓަކައި آية ތައް بيان ކޮށްދެއްވަތެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ.
19
ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.
20
ތިޔަބައިމީހުންގެ މައްޗަށް اللَّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ވަންތަކަން ނުވާނަމަ، އަދި ހަމަކަށަވަރުން، اللَّه އީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ކަލާނގެކަމުގައި ނުވާނަމަ (ތިޔަބައިމީހުންގެ މައްޗަށް ވަގުތުން ކޯފާ ފޮނުއްވައިފީހެވެ.)
21
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން شيطان އާގެ ފިޔަވަޅުތަކަށް تبع ނުވާށެވެ! އަދި شيطان އާގެ ފިޔަވަޅުތަކަށް تبع ވާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ شيطان އާ ހުތުރުކަންބޮޑު ފާފައާއި، ނުބައިކަންތަކަށް އަމުރުކުރެތެވެ. އަދި اللّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ވަންތަކަން ތިޔަބައިމީހުންގެ މައްޗަށް ނުވާނަމަ، ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް، ދުވަހަކުވެސް ފާފަތަކުން طاهر ވެ ސާފެއްނުވީހެވެ. އެހެނެއްކަމަކު، اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކު طاهر ކުރައްވައި، ސާފުކުރައްވަތެވެ. اللّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
22
ތިޔަބައިމީހުންގެ ތެރެއިން ދީލަތިކަމާއި، ތަނަވަސްކަމުގެ ވެރިން، ގާތްތިމާގެ މީހުންނަށާއި، مسكين ންނަށާއި، اللَّه ގެ މަގުގައި هجرة ކުޅަ މީހުންނަށް، ނުދިނުމަށް ހުވާނުކުރާހުށިކަމެވެ! އަދި އެއުރެން عفو ކޮށް މާފުކުރާހުށިކަމެވެ! اللَّه ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.
23
ހަމަކަށަވަރުން، عفة ތެރި، غفلة ތެރި (އެބަހީ: ފާފަކުރުމުގެ خيال ވެސްނެތް) مؤمن އަންހެނުންނަށް قذف ކުރާ މީހުންނަށް، ދުނިޔެއާއި، آخرة ގައި لعنة ލައްވާފައިވެއެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ.
24
އެއުރެންގެ މައްޗަށް އެއުރެންގެ ދޫތަކާއި، އަތްތަކާއި ފައިތައް، އެއުރެން ކޮށްއުޅުނު ކަންތައްތަކާމެދު ހެކިވާ ދުވަހުންނެވެ.
25
އެދުވަހުން اللَّه، އެއުރެންނަށް، އެއުރެންގެ حق ޖަޒާ ހަމަޔަށް ދެއްވާނެތެވެ. އަދި ހަމަކަށަވަރުން، اللَّه އީ، بيان ވެގެންވާގޮތުގައި، ހަމަ حق ވަންތަ ކަލާނގެކަން އެއުރެންނަށް އެނގޭނެތެވެ.
26
ނުބައި އަންހެނުން ނުބައި ފިރިހެނުންނަށެވެ. ނުބައި ފިރިހެނުން ނުބައި އަންހެނުންނަށެވެ. ރަނގަޅު އަންހެނުން ރަނގަޅު ފިރިހެނުންނަށެވެ. ރަނގަޅު ފިރިހެނުން ރަނގަޅު އަންހެނުންނަށެވެ. އެއުރެން (އެބަހީ: ނުބައިމީހުން) ބުނާ ބުނުންތަކުން އެއުރެން (އެބަހީ: ރަނގަޅުމީހުން) ބަރީއަވެގެންވެއެވެ. ފާފަފުއްސެވުމާއި، ދީލަތިވެގެންވާ رزق އެއުރެންނަށް ހުށްޓެވެ.
27
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ أهل ވެރިންނަށް سلام ކޮށް إذن ލިބިގެންފުމަށްދާނދެން ނުވަންނާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.
28
ފަހެ، އެ ގެތަކުން ތިޔަބައިމީހުންނަށް އެކަކުވެސް ނުފެނުނުނަމަ، ތިޔަބައިމީހުންނަށް إذن ދެވިއްޖައުމަށްދާނދެން އެ ގެތަކަށް ތިޔަބައިމީހުން ނުވަންނާށެވެ! އަދި ތިޔަބައިމީހުން އެނބުރި ހިނގައިދާށޭ ތިޔަބައިމީހުންނަށް ބުނެވިއްޖެނަމަ، ފަހެ، ތިޔަބައިމީހުން އެނބުރި ހިނގައިދާށެވެ! އެގޮތް ތިޔަބައިމީހުންނަށް ސާފުކަންބޮޑެވެ. اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
29
އެ ގެތަކުގައި ތިޔަބައިމީހުންނަށް ބޭނުމެއްވާ، އަދި މީހުންނޫޅޭ ގެތަކަށް ތިޔަބައިމީހުން ވަނުމަކުން، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތަކާއި، ވަންހަނާކުރާ ކަންތައް اللَّه ދެނެވޮޑިގެންވެތެވެ.
30
مؤمن ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި، طاهر ކަން ބޮޑެވެ. ހަމަކަށަވަރުން، اللَّه އީ، އެއުރެން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
Sonraki 30 ayet →