1
ا ل م (މިއަކުރުތަކާއި ބައެއް سورة ފެށޭތާނގައިވާ އަލިފުބާގެ މިފަދަ އަކުރުތަކުގެ މާނައާމެދު، علم ވެރިންގެމެދުގައި خلاف ހުށްޓެވެ. ބައެއް علم ވެރިން ވިދާޅުވަނީ، ކީރިތި قرآن އެކުލެވިގެންވަނީ، عربى ންގެ އެންމެން ވާހަކަ ދައްކައިއުޅޭ އަލިފުބާގެ މިފަދަ އަކުރުތަކުން ކަމުގައި ވުމާއެކުވެސް، އެ އަކުރުތަކަކީ، قرآن ގެ އެންމެ سورة އަކާ އެއްފަދަ އެއްޗެއް ކީއްކުރަންތޯ، އެންމެ آية އަކާ އެއްފަދަ އެއްޗެއްވެސް، އެއުރެންނަށް ގެނެސް ނުގަނެވޭނެކަމަށް ގޮންޖެއްސެވުމުގެ ގޮތުން އައިސްފައިވާ އަކުރުތަކެއް ކަމުގައެވެ.)
2
މިއީ އެ ފޮތެވެ. އެ ފޮތާމެދަކު شك އެއް ނެތެވެ. (މިފޮތަކީ) تقوى ވެރިންނަށްހުރި هداية އެކެވެ.
3
އެއުރެންނީ، غيب އަށް إيمان ވާ، އަދި ނަމާދު قائم ކުރާ، އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ހޭދަކުރާ މީހުންނެވެ.
4
އަދި އެއުރެންނީ، ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި ކަލޭގެފާނުގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް إيمان ވާ މީހުންނެވެ. އަދި އެއުރެންނީ، ހަމަ آخرة ދުވަހާ މެދުގައި يقين ކުރާ މީހުންނެވެ.
5
އެއުރެންވަނީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އައި ތެދުމަގުގެ މަތީގައެވެ. އަދި ދިންނަވާނޭ މީހުންނީ، ހަމަ އެއުރެންނެވެ.
6
ހަމަކަށަވަރުން كافر ވި މީސްތަކުންނަށް، ކަލޭގެފާނު އެއުރެންނަށް إنذار ކުރެއްވިޔަސް ނުވަތަ إنذار ނުކުރެއްވިޔަސް ހަމަހަމަވެގެން ވެއެވެ. އެއުރެން إيمان އެއް ނުވާނެތެވެ.
7
اللَّه، އެއުރެންގެ ހިތްތަކުގައްޔާއި އެއުރެންގެ ކަންފަތްތަކުގައި ވަނީ ސިއްކަގައްސަވައި، ބަންދުކުރައްވާފައެވެ. އަދި އެއުރެންގެ ލޯތަކުގެ މަތީގައިވަނީ، ފަރުދާއެކެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ.
8
އަދި إيمان ވެގެންވާ ބަޔަކު ކަމުގައި ނުވެތިބެ، ތިމަންމެން اللَّه އަށާއި آخرة ދުވަހަށް إيمان ވެއްޖައީމުއޭ ބުނާބަޔަކު، މީސްތަކުންގެ ތެރެއިންވެއެވެ.
9
(އެއުރެން ހީކުރާގޮތުގައި) اللَّه އަށާއި إيمان ވެގެންތިބި މީހުންނަށް އެއުރެން އޮޅުވައިލަނީއެވެ. އެއުރެން އެ އޮޅުވައިލަނީ، އެއުރެންގެ އަމިއްލަ نفس ތަކަށް ކަމުގައި މެނުވީ ނުވެއެވެ. އެއުރެންނަށް (އެކަންވެސް) ނޭނގެނީއެވެ.
10
އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވެއެވެ. އެކަމުން، اللَّه، އެއުރެންނަށް އެ ބަލިމަޑުކަން އިތުރު ކުރެއްވިއެވެ. އަދި އެއުރެން ދޮގުހަދައި އުޅުނުކަމުގެ ސަބަބުން، އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ.
11
އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ، އެއުރެންނާދިމާއަށް ބުނެފިނަމަ، ތިމަންމެންނީ، ހަމަ إصلاح ކުރަންއުޅޭ ބަޔަކީމުއޭ، އެއުރެން ބުނެތެވެ.
12
ދަންނާށެވެ! ހަމަކަށަވަރުން، އެއުރެންނީ، ހަމަ ފަސާދަ އުފައްދާ މީހުންނެވެ. އެހެނެއްކަމަކު، އެއުރެންނަށް އެކަން ނޭނގެނީއެވެ.
13
އަދި މީހުން إيمان ވި ފަދައިން ތިޔަބައިމީހުން إيمان ވާށޭ، އެއުރެންނާ ދިމާއަށް ބުނެފިނަމަ، މޮޔައިން إيمان ވި ފަދައިން އަހަރެމެން إيمان ވާނެހެއްޔޭ، އެއުރެން ބުނެތެވެ. ދަންނާށެވެ! ހަމަކަށަވަރުން މޮޔައިންނަކީ ހަމަ އެއުރެންނެވެ. އެހެނެއްކަމަކު، އެއުރެންނަށް އެކަން ނޭނގެނީއެވެ.
14
އަދި إيمان ވި މީހުންނާ އެއުރެން ބައްދަލުވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެން މިތިބީ إيمان ވެގެންނެވެ. އެއުރެންގެ شيطان ންނާ (އެބަހީ: ދެކޮޅުވެރިކަމާއި كفر ވެރިކަމުގައި އެއުރެންގެތެރެއިން ކުރިޔަށް ތިބިމީހުންނާ) އެއުރެން އެއްތަންވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެންވަނީ، ކަށަވަރުންވެސް ތިޔަބައިމީހުންނާ އެކުގައެވެ. ހަމަކަށަވަރުން ތިމަންމެންނީ، ފުރައްސާރަކުރާ ބަޔަކީމުއެވެ.
15
اللَّه، އެއުރެން ކުޅަ ފުރައްސާރައިގެ ޖަޒާ އެއުރެންނަށް ދެއްވާހުށްޓެވެ. އަދި ދެފުށުއެޅޭ حال ގައި، އެއުރެންގެ އުރެދުމުގައި އުޅުމަށް އެއުރެންނަށް މުއްދަތު ދިގުކުރައްވާނެތެވެ.
16
އެއުރެންނީ، ތެދުމަގުގެ ބަދަލުގައި މަގުފުރެދުން ގަތް މީހުންނެވެ. (އެބަހީ: ތެދުމަގަށް ފުރަގަސްދީ، މަގުފުރެދުން ހޯދި މީހުންނެވެ.) ފަހެ، އެއުރެންގެ އެ ވިޔަފާރިޔަކުން، އެއުރެންނަކަށް ފައިދާއެއް ނުވިއެވެ. އަދި އެއުރެންނަކީ، ތެދުމަގު ލިބިގެންވާ ބަޔަކުކަމުގައިވެސް ނުވެތެވެ.
17
އެއުރެންގެ މިސާލަކީ، އަލިފާންގަނޑެއް ރޯކޮށްގެންތިބި ބަޔެއްގެ މިސާލެވެ. ފަހެ އެ އަލިފާންގަނޑު، އެއުރެންގެ ވަށައިިގެންވާތަނަށް އަލިކޮށްލިހިނދު، اللَّه އެއުރެންގެ (އެ އަލިފާންގަނޑުގެ) އަލިިކަން ގެންދަވައި އެއުރެންނަށް އެއްޗެއް ނުފެންނަފަދަ އަނދިރިތަކެއްގެ ތެރެޔަށް އެއުރެން ދޫކުރެއްވީއެވެ.
18
(އެއުރެންނީ) ބީރު ބަޔެކެވެ. މަންމަން ބަޔެކެވެ. ކަނު ބަޔެކެވެ. ފަހެ، އެއުރެން (حق ގެ މަގަކަށް) رجوع އެއް ނުވާނެތެވެ.
19
ނުވަތަ އެއުރެންގެ މިސާލަކީ، އެ ވިލާގަނޑެއްގައި އަނދިރިތަކަކާއި ގުގުރުމާއި ވިދުން (އެކުލެވިފައި) ވާގޮތުގައި އުޑުމަތީގައިވާ ވާރޭވިލާގަނޑެއްގެ މިސާލެވެ. ހޮނުގެ ސަބަބުން މަރުވެދާނެކަމަށް ބިރުން، އެއުރެންގެ ކަންފަތްތަކުގައި އެއުރެންގެ އިނގިލިތައް އަޅަތެވެ. اللَّه އީ، އެ كافر ންގެ ހުރިހައި ކަމެއް ފުރިހަމައަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
20
އެ ވިދުން، އެއުރެންގެ ލޯތަކުގެ ފެނުން ޖަހައިގަނެގެން އަތުލާފާނެ ކަހަލައެވެ. އެ ވިދުން އެއުރެންނަށް އަލިކޮށްލި ކޮންމެހިނދަކު އެ އަލީގައި އެއުރެން ހިނގައިގަނެތެވެ. އަދި އެއުރެންނަށް އަނދިރިއަޅާލައިފިނަމަ، ހުއްޓުންއަރާފައި ތިބެތެވެ. اللَّه އިރާދަކުރައްވައިފިނަމަ، އެއުރެންގެ ކަންފަތްތަކުގެ އިވުމާއި، އެއުރެންގެ ލޯތަކުގެ ފެނުން ގެންދަވައިފީހެވެ. ހަމަކަށަވަރުން اللَّه އީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
21
އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރިން އުޅުނު މީހުން ހެއްދެވި ރަސްކަލާނގެއެވެ. (އަޅުކަންކުރަންވީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.
22
އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ތަންމައްޗެއް ކަމުގައި ބިން ލައްވައި، އަދި ބިނާއެއްކަމުގައި އުޑު ލައްވައި، އުޑުން ފެން ވެއްސަވައި، އެއިން ތިޔަބައިމީހުންނަށް رزق އެއްކަމުގައި މޭވާގެ ބާވަތްތައް ނެރުއްވި ރަސްކަލާނގެއެވެ. ފަހެ، (އެކަލާނގެ خالق ވަންތަކަން) ތިޔަބައިމީހުން ދެނެތިބެ، اللَّه އަށް شريك ންތަކެއް ތިޔަބައިމީހުން ނުލާށެވެ!
23
ތިމަންރަސްކަލާނގެ އަޅާއަށް (އެބަހީ: محمد ގެފާނަށް) ތިމަންރަސްކަލާނގެ ބާވައިލެއްވި އެއްޗަކާމެދު (އެބަހީ: قرآن އާމެދު) ތިޔަބައިމީހުން شك ކަމެއްގައި ވަނީނަމަ، ފަހެ ތިޔަބައިމީހުން އޭގައިވާފަދަ سورة އެއް ނިކަން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައި ވަނީނަމަ، اللَّه ފިޔަވައި ތިޔަބައިމީހުންނަށް نصر ދޭނޭ އެހީތެރިން (ތިބިނަމަ، އެއުރެން) ނަށް ނިކަން ގޮވައި، ގެނެސްބަލާށެވެ!
24
ފަހެ، ތިޔަބައިމީހުންނަށް އެކަން ނުކުރެވުނުނަމަ - އަދި ތިޔަބައިމީހުންނަކަށް ހަމަ ހިލާ އެކަންތަކެއް ނުމެ ކުރެވޭނެއެވެ. - (އެކަން ނުކުރެވުނުނަމަ) ފަހެ، ތިޔަބައިމީހުން ނަރަކަޔަށް ބިރުވެތިވެ، ރައްކާތެރިވާށެވެ! އެނަރަކަޔަކީ، މީހުންނާއި ހިލަ، އޭގެ ދަރުކަމުގައިވާ ނަރަކައެވެ. އެ ނަރަކަ ތައްޔާރު ކުރައްވާފައިވަނީ، كافر ންނަށްޓަކައެވެ.
25
އަދި إيمان ވެ صالح عمل ތައް ކުޅަ މީހުންނަށްޓަކައި، ހަމަކަށަވަރުން ސުވަރުގެތަކެއް ހުރިކަމުގެ އުފާވެރި خبر ކަލޭގެފާނު އެއުރެންނަށް ދެއްވާށެވެ! އެ ސުވަރުގެތަކުގެ ދަށުން ފެންކޯރުތައް ހިނގަހިނގައި ހުރެތެވެ. އެ ސުވަރުގެތަކުން ރޯއްޖެއްގެ ގޮތުގައި މޭވާގެ ކޮންމެވެސް ބާވަތެއް، އެއުރެންނަށް ލިބޭ ކޮންމެ ފަހަރަކު، އެއުރެން ބުނާނެތެވެ. މިއީ ކުރިންވެސް އަހަރެމެންނަށް ލިބުނު މޭވާއެވެ. އެއުރެންނަށް އެފަދަ މޭވާ ދެއްވާހުށީ (ބޭރުފުށުން) އެއްވައްތަރުވާ حال ގައެވެ. އަދި އެ ސުވަރުގެ ތަކުގައި އެއުރެންނަށްޓަކައި طاهر ވެގެންވާ އަނބިން ފިރިންތަކެއް ވެއެވެ. އަދި އެއުރެންނީ، އެ ސުވަރުގެތަކުގައި ދެމިތިބޭނޭ ބަޔެކެވެ.
26
ހަމަކަށަވަރުން މަދިރިއަކުން، ނުވަތަ އެއަށްވުރެ ބޮޑު އެއްޗަކުންވިޔަސް، އެއްވެސް ކަހަލަ މިސާލެއް ޖެއްސެވުމަކަށް اللَّه ލަދުވެތިިވެވޮޑިގެނެއް ނުވެތެވެ. ފަހެ، إيمان ވި މީހުން، އެ މިސާލަކީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން حق ގޮތުގައި ޖެއްސެވި މިސާލެއްކަން ހަމަކަށަވަރުން ދަނެތެވެ. އަދި كافر ވި މީހުން ބުނެތެވެ. ތިޔަ މިސާލުން، اللَّه އިރާދަކުރެއްވީ ކޮންކަމެއް ބާވައެވެ؟ އެ މިސާލުން، އެކަލާނގެ ގިނަބަޔަކު މަގުފުރައްދަވަތެވެ. އަދި ހަމަ އެ މިސާލުން، އެކަލާނގެ ގިނަބަޔަކަށް ތެދުމަގު ދައްކަވަތެވެ. فاسق ން މެނުވީ، އެއިން އެކަލާނގެ މަގެއް ނުފުރައްދަވަތެވެ.
27
އެއުރެންނީ، اللَّه އަށް عهد ކަށަވަރުކޮށް ގަދަކުރުމަށްފަހު އެކަލާނގެ عهد އުވައިލާ މީހުންނެވެ. އަދި އެއުރެންނީ، ގުޅުވައި ދެމެހެއްޓުމަށް اللَّه أمر ކުރެއްވި ކަންތައްތައް ކަނޑާލައި، ބިމުގައި ފަސާދަ އުފައްދާ މީހުންނެވެ. ގެއްލެނިވެގެންވާ މީހުންނީ، ހަމަ އެއުރެންނެވެ.
28
ތިޔަބައިމީހުން اللَّه އަށް كافر ވެގަންނަނީ، ކޮންގޮތަކުންހެއްޔެވެ؟ ތިޔަބައިމީހުން މަރުވެފައިވާ ބަޔެއްގެ ގޮތުގައި ތިއްބައި، ފަހެ އެކަލާނގެ ތިޔަބައިމީހުން (އުފައްދަވައި) ދިރުއްވިއެވެ. އެއަށްފަހު، އެކަލާނގެ ތިޔަބައިމީހުންގެ (أجل ހަމަވުމުން) މަރުގަންނަވާނެތެވެ. ދެން (قيامة ދުވަހުން) ތިޔަބައިމީހުން ދިރުއްވާނެތެވެ. ދެން އެކަލާނގެ حضرة އަށް ތިޔަބައިމީހުން رجوع ކުރައްވާނެތެވެ.
29
އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ބިމުގައިވާ އެންމެހައި ތަކެތި ހެއްދެވި ރަސްކަލާނގެއެވެ. ދެން އެކަލާނގެ އުޑު ހެއްދެވުމަށް އިރާދަކުރައްވައި، އެ އުޑުތަކުގެ ހެއްދެވުން ހަތް އުޑަށް ފުރިހަމަކުރެއްވިއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްމެ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
30
ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި خليفة އަކު ލައްވާހުށީމޭ ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! އެބޭކަލުން (އެހިނދު) ދެންނެވޫއެވެ. އަޅަމެން އިބަރަސްކަލާނގެއަށް حمد އާއެކު تسبيح ކިޔައި، އިބަރަސްކަލާނގެއަށް تقديس ކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެ ބިމުގައި ލައްވަނީތޯއެވެ؟ އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.
Sonraki 30 ayet →