1
ك هـ ى ع ص (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.)
2
މިއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލާނގެ އަޅާ زكريّا ގެފާނަށް ލެއްވި رحمة ގެ ވާހަކައެވެ.
3
އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، އެކަލޭގެފާނު ސިއްރުގައި دعاء ކުރެއްވި ހިނދެވެ.
4
އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ކަށިތައް ބަލިވެ ނިކަމެތިވެއްޖެއެވެ. އަދި ބޮލުގެ އިސްތަށިތައްވެސް އެކަށް ނުރަވެއްޖެއެވެ. އަޅުގެ ވެރިރަސްކަލާކޮ! މިއަޅާ އިބަރަސްކަލާނގެއަށް ކޮށްފި دعاء އަކުން، މިއަޅާ އަބާއްޖަވެރިޔަކު ކަމުގައި ނުވަމެވެ.
5
އަދި ހަމަކަށަވަރުން، އަޅުގެފަހަށް، އަޅުގެ ތިމާގެމީހުން (دين ގެ ކަންތައް ބެލެހެއްޓުމުގައި) ކަންތައް ކުރާނޭގޮތާމެދު އަޅު ބިރުގަނެއެވެ. އަޅުގެ އަނބިމީހާއަކީ، ދަރިމައިނުވާ އަންހެނެކެވެ. ފަހެ، އިބަރަސްކަލާނގެ رحمة ފުޅުން މިއަޅާއަށް وارث އަކު ދެއްވައިފާނދޭވެ!
6
ތިމަންއަޅާއާއި، يعقوب ގެފާނުގެ آل ވެރިންގެ ކިބައިން ވާރުތަވާނޭ وارث އެކެވެ. އަދި މިއަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ރުހިވޮޑިގެންވާ އަޅަކު ކަމުގައި، އޭނާ ލައްވައިފާނދޭވެ!
7
އޭ زكريّا ގެފާނެވެ! ހަމަކަށަވަރުން، ފިރިހެންދަރިޔަކު ލިބޭނެކަމުގެ އުފާވެރި خبر ތިމަންރަސްކަލާނގެ، ކަލޭގެފާނަށް ދެއްވަމެވެ. އޭނާގެ ނަމަކީ، يحيى އެވެ. މީގެކުރިން އޭނާގެ ނަމުން ނަންކިޔޭ މީހަކު ތިމަންރަސްކަލާނގެ ނުލައްވަމެވެ.
8
އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ކުއްޖަކު ލިބޭނީ ކިހިނަކުންތޯއެވެ؟ އަޅުގެ އަނބިމީހާއަކީ، ދަރިމައިނުވާ އަންހެނެކެވެ. އަދި އަޅާވެސް މިހުރީ، މުސްކުޅިކަމުގެ نهاية އަށް ފޯރާފައެވެ.
9
އެކަލާނގެ وحى ކުރެއްވިއެވެ. ކަންހުރީ އެފަދައިންނެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެކެވެ. މީގެކުރިން ކަލޭގެފާނަކީ، موجود ވެގެންވާ އެއްޗެއްކަމުގައި ނުވާ حال، ތިމަންރަސްކަލާނގެ ކަލޭގެފާނު ހެއްދެވީމެވެ.
10
އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އަޅާއަށް علامة އެއް ލައްވައިފާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. ކަލޭގެފާނަށް އޮތް علامة އަކީ ކަލޭގެފާނަށް (ސަލާމަތުން ހުންނަވައިމެ) ފުރިހަމަ ތިންރޭ ވަންދެން މީސްތަކުންނާ ވާހަކަ ނުދެއްކެވޭގޮތްވުމެވެ.
11
ފަހެ، އެކަލޭގެފާނު، ނަމާދުކުރައްވާތަނުން އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް ނުކުމެވަޑައިގަތެވެ. ދެން ހެނދުނާއި، ހަވީރު، تسبيح ކިޔަވައި އުޅުމަށް އެއުރެންނަށް إشارة ން އެންގެވިއެވެ.
12
އޭ يحيى ގެފާނެވެ! ކަލޭގެފާނު ފޮތުގައި ބާރަށް ހިފަހައްޓަވާށެވެ! ތިމަންރަސްކަލާނގެ، އެކަލޭގެފާނަށް ތުއްޕުޅުއިރު حكمة ދެއްވީމެވެ.
13
އަދި ތިމަންރަސްކަލާނގެ حضرة ން އޯގާވެރިކަމާއި، طاهر ކަން އެކަލޭގެފާނަށް ދެއްވީމެވެ. އަދި އެކަލޭގެފާނު تقوى ވެރިޔަކު ކަމުގައިވިއެވެ.
14
އަދި އެކަލޭގެފާނުގެ މައިބަފައިކަލުންނަށް ހެޔޮކޮށް ހިއްތަވާ ބޭކަލަކު ކަމުގައިވިއެވެ. އަދި ނުކިޔަމަންތެރި، جبّار އަކު ކަމުގައި އެކަލޭގެފާނު ނުވެއެވެ.
15
އަދި އެކަލޭގެފާނު އުފަންވި ދުވަހުގައްޔާއި، އަވަހާރަވާ ދުވަހުގައްޔާއި، އަލުން ދިރުއްވައި ފޮނުއްވާ ދުވަހުގައި، އެކަލޭގެފާނުގެ މައްޗަށް سلام ހުށްޓެވެ.
16
އަދި ކަލޭގެފާނު މި ފޮތުން مريم ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! އެކަމަނާ، އެކަމަނާގެ أهل ވެރިންގެ ކިބައިން އެކަހެރިވެ، އިރުމަތީ ފަރާތުގައިވާ ތަނަަކަށް ވަޑައިގަތްހިނދެވެ.
17
ފަހެ، އެއުރެންގެ ކިބައިން އެކަމަނާ ނިވައިވެ، ފަރުދާވެވަޑައިގަތެވެ. ދެން ތިމަންރަސްކަލާނގެ وحى ގެ ملائكة އާ، އެކަމަނާގެ އަރިހަށް ފޮނުއްވީމެވެ. އަދި އެ ملائكة އާ ފުރިހަމަ އިންސާނެއްގެ ސިފައިގައި، އެކަމަނާއަށް ފާޅުވިއެވެ.
18
އެކަމަނާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިބާގެ ކިބައިން ސަލާމަތް ކުރެއްވުމަށް، رحمن ވަންތަ ރަސްކަލާނގެ حضرة ން އަހުރެން ވާގިއެދި، ރައްކާތެރިކަން ލިބިގަންނަމެވެ. ތިބާއަކީ (اللَّه އަށް) ބިރުވެތިވާ މީހަކު ކަމުގައި ވަނީނަމައެވެ.
19
އެ ملائكة އާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންނާއަކީ، ކަމަނާގެ ވެރިރަސްކަލާނގެ ފޮނުއްވި رسول އަކީމެވެ. ހެޔޮލަފާ، صالح ފިރިހެން ދަރިކަލަކު ކަމަނާއަށް ދެއްވުމަށްޓަކައެވެ.
20
އެކަމަނާ ވިދާޅުވިއެވެ. ތިމަންނާއަށް ދަރިއަކު ލިބޭހުށީ ކޮންފަދައަކުންތޯއެވެ؟ ތިމަންގެ ގައިގައި އެއްވެސް آدم ގެދަރިޔަކު ބީހިފައެއްނުވެއެވެ. އަދި ތިމަންނާއީ، ކަސްބީއަކު ކަމުގައިވެސް ނުވަމެވެ.
21
އެ ملائكة އާ ވިދާޅުވިއެވެ. ކަންހުރީ އެފަދައިންނެވެ. ކަމަނާގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެކެވެ. އަދި ތިމަންރަސްކަލާނގެ حضرة ން މީސްތަކުންނަށް ފޮނުއްވި آية އެއް ކަމުގައްޔާއި، رحمة އެއްކަމުގައި، އެ ދަރިކަލުން ލެއްވުމަށްޓަކައެވެ. ކަނޑައެޅި ނިމިފައިވާ ކަމެއްކަމުގައި އެކަންތައްވިއެވެ.
22
ފަހެ، އެ ދަރިކަލުންނާއިގެން އެކަމަނާ އާލާސްވެ އިންނަވައި، ދުރުގައިވާ ތަނަކަށް އެ ދަރިކަލުންނާއިގެން އެކަމަނާ ވަޑައިގަތެވެ.
23
ދެން އެކަމަނާއަށް ރައްކާވުމުގެ ވޭންވަރު އައުމުން، ކަދުރު ރުކެއްގެ ގަސްގަނޑުގައި ލެނގިވަޑައިގެން އިންނަވަންޖެހުނެވެ. އެކަމަނާ ވިދާޅުވިއެވެ. އޭ ސަހަރޯއެވެ! މިކަންޖެހުމުގެ ކުރީގައި އަހުރެން މަރުވެ، ހަނދާންނެތިވެ، ނަންވެސް ފިލައިދިޔަނަމަ ކޮންފަދަހެއްޔެވެ!
24
ދެން އެކަމަނާ (އޮންނެވިތާނ) ގެ ދަށުން އެކަމަނާއަށް ملائكة އާ ގޮވައިލެއްވިއެވެ. ހިތާމަނުކުރައްވާށެވެ! ހަމަކަށަވަރުން، ކަމަނާގެ ވެރިރަސްކަލާނގެ، ކަމަނާ (ތިޔައޮންނެވިތާނ) ގެ ދަށުން ފެންއާރެއް ލެއްވިއެވެ.
25
އަދި ކަމަނާއާ ދިމާޔަށް ކަދުރުރުކުގެ ގަސްގަނޑު ހަލުވައިލައްވާށެވެ! އޭރުން ދޮންވެ ފައްކާވެފައިވާ ކަދުރުތައް، ކަމަނާގެ އަރިހަށް ފައިބާނެތެވެ.
26
ފަހެ، ކަމަނާ ފަރީއްކުޅުއްވައި، ފެންފޮދު ހިއްޕަވައި، އަދި ހިތްޕުޅު ހަމަޖައްސަވާށެވެ! ފަހެ، އިންސާނުންކުރެ އެއްވެސްމީހަކު ކަމަނާއަށް ފެނިވަޑައިގެންފިނަމަ، ވިދާޅުވާށެވެ! ހަމަކަށަވަރުން، رحمن ވަންތަ ރަސްކަލާނގެއަށްޓަކައި، ރޯދައަށް ހުރުމަށް (އެބަހީ: ހަނުހުރުމަށް) އަހުރެން ނަދުރުގެންފީމެވެ. ފަހެ، މިއަދު އަހުރެން އެއްވެސް އިންސާނަކާ ވާހަކައެއް ނުދައްކާހުށީމެވެ.
27
ފަހެ، އެކަމަނާގެ قوم ގެމީހުންގެ ގާތަށް އެ ދަރިކަލުން އުރުވަޑުވައިގެން އެކަމަނާ ވަޑައިގަތެވެ. އެއުރެން ބުނޫއެވެ. އޭ مريم ގެފާނެވެ! ހަމަކަށަވަރުން، ކަމަނާ ތިޔަވަޑައިގަތީ ވަރަށްބޮޑު ނުބައިކަމަކާއިގެންނެވެ.
28
އޭ هارون ގެ أخت އާއެވެ! ކަމަނާގެ ބައްޕާއަކީ، ނުބައިމީހެއްކަމުގައި ނުވެތެވެ. އަދި ކަމަނާގެ މަންމާއަކީ، ކަސްބީއަކު ކަމުގައިވެސް ނުމެވޭމެއެވެ.
29
ފަހެ، އެކަމަނާ އެ ދަރިކަލުންނަށް إشارة ކޮށްލެއްވިއެވެ. އެއުރެން ބުނެފޫއެވެ. ޅަފަތުގެ ދާނުގައިވާ ޅަކުއްޖަކާ ތިމަންމެން ވާހަކަދައްކާނީ ކިހިނަކުންހެއްޔެވެ؟
30
އެ ދަރިކަލުން ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެންނަކީ، اللَّه ގެ އަޅަކީމެވެ. އެކަލާނގެ މިއަޅާޔަށް ފޮތް ދެއްވިއެވެ. އަދި ނަބިއްޔަކު ކަމުގައި މިއަޅާ ލެއްވިއެވެ.
Sonraki 30 ayet →