1
ل ر (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) (މިއީ) ފޮތެކެވެ. އެ ފޮތް ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވީ، އެއުރެންގެ ވެރިރަސްކަލާނގެ إذن ފުޅާއެކު، އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ކަލޭގެފާނު، މީސްތަކުން ނެރުއްވުމަށެވެ. ގަދަފަދަވަންތަ، حمد ލިބިވޮޑިގެންވާ ރަސްކަލާނގެ (ދެއްކެވި) މަގަށެވެ.
2
اللَّه ގެ މަގެވެ. އެކަލާނގެއީ، އުޑުތަކުގައި ވާހާ އެއްޗަކާއި، ބިމުގައި ވާހާ އެއްޗެއް މިލްކުވެގެންވާ ރަސްކަލާނގެއެވެ. އަދި كافر ންނަށް ގަދަފަދަވެގެންވާ عذاب އަކުން ހަލާކު ހުށްޓެވެ.
3
އެއުރެންނީ، آخرة އަށްވުރެ ބޮޑަށް ދުނިޔޭގެ ދިރިއުޅުމަށް ލޯބިކުރާ މީހުންނެވެ. އަދި اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އެ މަގު ގުދުވުމަށް އެދޭ މީހުންނެވެ. އެއުރެންވަނީ، ދުރުވެގެންވާ މަގުފުރެދުމެއްގައެވެ.
4
ތިމަންރަސްކަލާނގެ އެއްވެސް رسول އަކު އެބޭކަލެއްގެ قوم ގެބަހުން މެނުވީ ނުފޮނުއްވަމެވެ. (އެއީ) އެއުރެންނަށް ސާފުކޮށް ބަޔާންކޮށްދެއްވުމަށްޓަކައެވެ. ފަހެ، اللَّه އިރާދަކުރައްވާ އަޅަކު، މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ތެދުމަގު ދައްކަވަތެވެ. އެކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.
5
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތަކާއިގެން، موسى ގެފާނު ފޮނުއްވީމެވެ. (އަދި އެންގެވީމެވެ.) ކަލޭގެފާނުގެ قوم ގެމީހުން އަނދިރިކަމުގެ ތެރެއިން، އަލިކަމުގެ ތެރެއަށް ނެރުއްވާށެވެ! އަދި އެއުރެންނަށް اللَّه ގެ ދުވަސްތައް ހަނދުމަކޮށްދެއްވާށެވެ! ހަމަކަށަވަރުން، ކެތްތެރިކަން ބޮޑު، شكر ވެރިވުން ގިނަ ކޮންމެ މީހަކަށް، އެކަންތަކުގައި ހެކިތަކެއްވާކަން ކަށަވަރެވެ.
6
موسى ގެފާނު އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންނަށް اللَّه ދެއްވި نعمة ތައް، ތިޔަބައިމީހުން ހަނދާންކުރާށެވެ! فرعون ގެ މީހުންގެ ކިބައިން އެކަލާނގެ ތިޔަބައިމީހުން ސަލާމަތް ކުރެއްވި ހިނދެވެ. އެއުރެން ތިޔަބައިމީހުންނަށް ގަދަފަދަވެގެންވާ عذاب ގެ ރަހަ ދައްކަމުން ގެންދެެތެވެ. އަދި އެއުރެން ތިޔަބައިމީހުންގެ ފިރިހެންދަރިން ކަތިލައި، އަދި ތިޔަބައިމީހުންގެ އަންހެންދަރިން ނުމަރައި ބައިތިއްބަތެވެ. އަދި އެކަންތަކުގައި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ ބޮޑު امتحان އެއް ވެއެވެ.
7
އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكر ނުކޮށް) كافر ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ.
8
އަދި موسى ގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނާއި، ބިމުގައި ވާހާ އެންމެން (شكر ނުކޮށް) كافر ވިޔަސް، ފަހެ، ހަމަކަށަވަރުން، اللَّه އީ، ފުދިވޮޑިގެންވާ، حمد ލިބިވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ.
9
ތިޔަބައިމީހުންގެ ކުރިން އުޅުނު މީހުންގެ خبر ތިޔަބައިމީހުންނާ ހަމަޔަކަށް ނާދޭހެއްޔެވެ؟ (އެއީ) نوح ގެފާނުގެ قوم ގެމީހުންނާއި، عاد ބާގައިމީހުންނާއި، ثمود ބާގައިމީހުންނާއި، އެއުރެންގެ ފަހުން އުޅުނު މީހުންނެވެ. اللَّه އަށް މެނުވީ، އެއުރެންނެއް ނޭނގެތެވެ. އެއުރެންގެ ގާތަށް އެއުރެންގެ رسول ން ބަޔާންވެގެންވާ ހެކިތަކާއިގެން ވަޑައިގަތެވެ. ފަހެ، އެއުރެންގެ އަނގަތަކުގައި، އެއުރެންގެ އަތްތައް އެޅޫއެވެ. އަދި އެއުރެން ބުނެފޫއެވެ. ހަމަކަށަވަރުން، ތިޔަބޭކަލުން އެކަމަކާއިގެން ފޮނުއްވެވި ކަންތަކަށް ތިމަންމެން كافر ވެއްޖައީމެވެ. އަދި ހަމަކަށަވަރުން، ތިޔަބޭކަލުން އެކަމަކަށް ތިމަންމެންނަށް ގޮވައިލައްވާ ކަމަކާމެދު، ހަމަކަށަވަރުން، ތިމަންމެންވަނީ ވަސްވާސްތެރިކަމުން ފުރިގެންވާ شك އެއް ގައެވެ.
10
އެއުރެންގެ رسول ން ވިދާޅުވޫއެވެ. އިސްވެދިޔަ مثال އަކާނުލައި އުޑުތަކާއި ބިން އުފެއްދެވި اللَّه އާމެދު، شك އެއް ވޭހެއްޔެވެ؟ އެކަލާނގެ ތިޔަބައިމީހުންނަށް ގޮވައިލައްވަނީ، ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވުމަށާއި، ކަނޑައެޅިގެންވާ މުއްދަތަކަށް ތިޔަބައިމީހުން ފަސްކުރެއްވުމަށްޓަކައެވެ. އެއުރެން ދެންނެވޫއެވެ. ތިމަންމެންކަހަލަ އިންސާނުން ކަމުގައި މެނުވީ ތިޔަބޭކަލުން ނުވަމުއެވެ. ތިޔަބޭކަލުން އެދިވަޑައިގަންނަވަނީ، ތިމަންމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތިން ތިމަންމެން ދުރުކުރެއްވުމަށެވެ. ފަހެ، ބަޔާންވެގެންވާ حجّة އެއް ތިމަންމެންނަށް ތިޔަބޭކަލުން ގެނެސްދެއްވަ ބައްލަވާށެވެ!
11
އެއުރެންގެ رسول ން އެއުރެންނަށް ވިދާޅުވޫއެވެ. ތިޔަބައިމީހުން ކަހަލަ އިންސާނުން ކަމުގައި މެނުވީ، ތިމަންމެން ނުވަމުއެވެ. އެހެނެއްކަމަކު، اللَّه، އެކަލާނގެ އަޅުންކުރެ އިރާދަކުރެއްވި ބަޔަކަށް نعمة ދެއްވަތެވެ. އަދި اللَّه ގެ إذن ފުޅާލައިގެން މެނުވީ، ތިޔަބައިމީހުންނަށް حجّة އެއް ގެނެސްދިނުމަކީ، ތިމަންމެންނަށް އޮތްކަމެއް ނޫނެވެ. އަދި مؤمن ތަކުން ހަމައެކަނި اللَّه އަށް وكيل ކުރާހުށިކަމެވެ!
12
އަދި ހަމަކަށަވަރުން، އެކަލާނގެ ތިމަންމެންނަށް ތިމަންމެންގެ މަގުތައް ދައްކަވާފައިވާއިރު، اللَّه އަށް ތިމަންމެން وكيل ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އަދި ތިޔަބައިމީހުން ތިމަންމެންނަށް ދިން އުނދަގޫތަކަށް ހަމަކަށަވަރުން، ތިމަންމެން ކެތްކުރާހުށީމުއެވެ. އަދި وكيل ކުރާމީހުން، ހަމައެކަނި اللَّه އަށް وكيل ކުރާހުށިކަމެވެ!
13
كافر ވި މީހުން، އެއުރެންގެ رسول ންނަށް ދެންނެވޫއެވެ. ހަމަކަށަވަރުން، ތިމަންމެންގެ ބިމުން ތިޔަބޭކަލުން ނެރެލާހުށީމުއެވެ. ނޫންނަމަަ ތިޔަބޭކަލުން ތިމަންމެންގެ دين އަށް އެނބުރިވަޑައިގަންނަވާހުށިކަމެވެ! ފަހެ، އެބޭކަލުންގެ ވެރިރަސްކަލާނގެ، އެބޭކަލުންނަށް وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަނިޔާވެރިން ހަލާކުކުރައްވާހުށީމެވެ.
14
އަދި ހަމަކަށަވަރުން، އެއުރެންގެ ފަހުގައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުން، ބިމުގައި ވަޒަންވެރި ކުރައްވާ ހުށީމެވެ. އެކަންއޮތީ، ތިމަންރަސްކަލާނގެ (މަތިވެރި) مقام އަށް ބިރުވެތިވެ، ތިމަންރަސްކަލާނގެ وعيد އަށް ބިރުވެތިވި މީހުންނަށެވެ.
15
އަދި އެބޭކަލުން نصر އަށް އެދި ދެންނެވޫއެވެ. އަދި ހަރުކަށި، ކޮންމެ جبّار އަކު ގެއްލި ހަލާކުވިއެވެ.
16
އޭނާގެ ކުރިމަތީގައިވަނީ، ނަރަކައެވެ. އަދި އޭނާއަށް ބޯންދެއްވާނީ، ފާ ދިޔަފަދަ ފެނަކުންނެވެ.
17
އޭނާ އެ ދިރުވައިލާނެތެވެ. އޭނާއަށް އެ ދިރުވައިލެވޭނީ، ވަރަށް އުނދަގުލުންނެވެ. އަދި ހުރިހާ ފަރާތަކުން އޭނާގެ ގާތަށް މަރު އަންނާނެތެވެ. (އެކަމަކު) އޭނާ މަރެއް ނުވާނެތެވެ. އަދި އޭނާގެ ކުރިމަތީގައިވަނީ، ގަދަފަދަވެގެންވާ عذاب އެވެ.
18
އެއުރެންގެ ވެރިރަސްކަލާނގެއަށް كافر ވި މީހުންގެ عمل ތަކުގެ مثال، އަޅިތަކެއް ފަދައެވެ. ވިއްސާރަގަދަ ދުވަހެއްގައި، އެއަށް ގަދަ ވައިޖެހި، އެ އަޅިތައް ބުރުއްސައިލިއެވެ. އެއުރެން ހޯދައިގަތް އެއްވެސްކަމެއްގެ މައްޗަށް، އެއުރެންގެ އެއްވެސް ބާރެއް ނެތެވެ. ދުރުވެގެންވާ މަގުފުރެދުމަކީ ހަމައެއީއެވެ.
19
ހަމަކަށަވަރުން، اللَّه، حق ގޮތުގައި އުޑުތަކާއި ބިން ހައްދަވާފައިވާކަން ތިބާއަކަށް ނޭނގޭ ހެއްޔެވެ؟ އެކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުން ނެތިކޮށްލައްވައި، އާ مخلوق ންތަކެއް ގެންނަވައިފާނެތެވެ.
20
އަދި އެކަންތައް اللَّه އަށް އުނދަގޫކަމަކަށް ނުވެތެވެ.
21
އެ އެންމެން (ކަށްވަޅުތަކުން) ނުކުމެ، اللَّه ގެ حضرة އަށް އަންނާނެތެވެ. އަދި (އޭގެތެރެއިން) ނިކަމެތިން ބޮޑާވެގަތް މީހުންނަށް ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެން މިތިބީ، ތިޔަބައިމީހުންނަށް تبع ވެގެންނެވެ. ފަހެ، ތިޔަބައިމީހުންނަށް اللَّه ގެ عذاب ން ކުޑަމިންވަރެއްނަމަވެސް ތިމަންމެންގެ ކިބައިން ދުރުކޮށްދެވިދާނެ ހެއްޔެވެ؟ އެއުރެން ބުނާނެތެވެ. اللَّه ތިމަންމެންނަށް ތެދުމަގު ދެއްކެވިނަމަ، ތިޔަބައިމީހުންނަށް ތިމަންމެން ތެދުމަގު ދެއްކީމުހެވެ. ތިމަންމެން ކެތްނުކުރިޔަސް، ނުވަތަ ކެތްކުރިޔަސް، ތިމަންމެންގެ މައްޗަށް ހަމަހަމަވެގެންވެއެވެ. ފިލަންދާނެ ތަނެއް ތިމަންމެންނަކަށް ނުވެއެވެ.
22
އަދި ކަންތައް ނިޔާކުރައްވައި ނިމޭހިނދު، شيطان އާ ބުނާނެތެވެ. ހަމަކަށަވަރުން، اللَّه، ތިޔަބައިމީހުންނަށް وعد ކުރައްވާފައިވަނީ، حق ތެދު وعد އެވެ. އަދި ތިމަންވެސް ތިޔަބައިމީހުންނަށް وعد ކުރީމެވެ. ފަހެ، ތިޔަބައިމީހުންނަށް ތިމަންކުޅަ وعد އާ خلاف ވީމެވެ. އަދި ތިޔަބައިމީހުންނަށް ތިމަން ގޮވައިލުން ފިޔަވައި، ތިޔަބައިމީހުންގެ މައްޗަށް އެއްވެސް ބާރެއް ތިމަންނާއަކަށް ލިބިގެނެއް ނުވެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންނާގެ ގޮވައިލުމަށް އިޖާބަދިނީއެވެ. ފަހެ، ތިޔަބައިމީހުން ތިމަން ކުށްވެރިކޮށް ވާހަކަ ނުދައްކާށެވެ! އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ކުށްވެރިކޮށް ވާހަކަ ދައްކާށެވެ! ތިޔަބައިމީހުންގެ އެހީތެރިޔަކަށް ތިމަން ނުވަމެވެ. އަދި ތިޔަބައިމީހުންވެސް ތިމަންގެ އެހީތެރިންނަކަށް ނުވަމުއެވެ. ހަމަކަށަވަރުން، މީގެކުރިން ތިޔަބައިމީހުން ތިމަން ބައިވެރިކުރި ކަންތަކަށް ތިމަން كافر ވީމެވެ. ހަމަކަށަވަރުން، އަނިޔާވެރިންނަށް ވޭންދެނިވި عذاب ހުށްޓެވެ.
23
إيمان ވެ صالح عمل ތައް ކުޅަމީހުން، އެތާނގެ ދަށުން ފެން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ވައްދަވާހުށްޓެވެ. އެއުރެންގެ ވެރިރަސްކަލާނގެ إذن ފުޅާއެކު، އެތާނގައި އެއުރެން ދެމިތިބެނިވި ގޮތުގައެވެ. އެތާނގައި، އެއުރެންގެ تحيّة އަކީ، سلام އެވެ.
24
اللَّه، ރަނގަޅު ބަހެއްގެ مثال ޖެއްސެވީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އެއީ، އެ ގަހެއްގެ މޫތައް (ބިމުގައި) ހަރުލާފައި ހުންނަ، އަދި އެ ގަހެއްގެ ގޮފިތައް (ބިޔަކޮށްހެދި) މައްޗަށް އުފުލިފައިވާ ގަހެއްގެ مثال އެވެ.
25
އެ ގަހުގެ ވެރިރަސްކަލާނގެ إذن ފުޅާއެކު، ހުރިހާ ހިނދެއްގައި އެ ގަހުގެ މޭވާ ލިބިދެއެވެ. اللَّه، މީސްތަކުންނަށް مثال ޖައްސަވަނީ، އެއުރެން ހަނދުމަކުރުމަށްޓަކައެވެ.
26
އަދި ނުބައި ބަހެއްގެ مثال އަކީ، ބިންމަތިން އުފުރާލި (އަދި) އެ ގަހަކަށް އެއްވެސް ސާބިތުކަމެއްނުވާ، ނުބައި ގަހެއްގެ مثال އެވެ.
27
ދުނިޔޭގެ حياة ގައްޔާއި، آخرة ގައި ސާބިތުވެގެންވާ (حق) ބަހުން إيمان ވި މީހުންނަށް، اللَّه ސާބިތުކަން ދެއްވަތެވެ. އަދި اللَّه، އަނިޔާވެރިން މަގުފުރައްދަވަތެވެ. އަދި اللَّه، އެކަލާނގެ އިރާދަކުރައްވާ ކަމެއް ކުރައްވަތެވެ.
28
اللَّه ގެ نعمة، كافر ކަމަށް ބަދަލުކޮށް، އެއުރެންގެ قوم ހަލާކުގެ ގޮވައްޗަށްލީ މީހުން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟
29
(އެއީ) ނަރަކައެވެ. އެއުރެން އެތަނަށްވަދެ އަނދާނެތެވެ. އަދި އެއީ، ތިބުމަށް ހާދަހާ ނުބައި ތަނެކެވެ!
30
އަދި އެއުރެން اللَّه އަށް شريك ން ލޫއެވެ. (އެއީ) އެއުރެން އެކަލާނގެ މަގުން މީސްތަކުން ފުރެއްދުމަށްޓަކައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ދުނިޔެމަތީގައި) އަރާމުކޮށްލަން ތިބޭށެވެ! ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން އެނބުރިދިއުންވަނީ ނަރަކައަށެވެ.
Sonraki 22 ayet →