1
ا ل م ر (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) މިއީ ފޮތުގެ آية ތަކެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވި حق ތެދެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެ ފޮތަކަށް) إيمان އެއް ނުވެތެވެ.
2
اللَّه އީ، ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި، އުޑުތައް އުފުއްލެވި ރަސްކަލާނގެއެވެ. ދެން عرش ގެ މައްޗަށް އެކަލާނގެ استواء ވެވޮޑިގަތެވެ. އަދި އިރާއި، ހަނދު خدمة ތެރި ކުރެއްވިއެވެ. (އެއިން) ކޮންމެ އެއްޗެއް ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގަހިނގާ ހުރެތެވެ. ހުރިހާ ކަމެއް އެކަލާނގެ تدبير ކުރައްވަތެވެ. آية ތައް تفصيل ކޮށްދެއްވަތެވެ. (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނޭކަން، ތިޔަބައިމީހުން يقين ކުރުމަށްޓަކައެވެ.
3
އަދި އެކަލާނގެއީ، ބިން ފަތުރުއްވައި، އެ ބިމުގައި ހަރުލައި ހުންނަ ފަރުބަދަތަކާއި، ކޯރުތައް ލެއްވި ރަސްކަލާނގެއެވެ. އަދި އެއީ، ހުރިހާ ބާވަތެއްގެ މޭވާތައް، ޖޯޑުޖޯޑަށް (ދެވައްތަރުން ދެވައްތަރުން) ލެއްވި ރަސްކަލާނގެއެވެ. (އަދި) އެކަލާނގެ ރޭގަނޑުން ދުވާލު ނިވައިކުރައްވަތެވެ. ހަމަކަށަވަރުން، އެ (ހުރިހާ) ކަންތަކުގައި ފިކުރުކުރާ ބަޔަކަށް، ހެކިތަކެއް ވާކަން ކަށަވަރެވެ.
4
އަދި ކައިރިކައިރީގައިވާ ތަފާތު ބައިތައް، އެ ބިމުގައިވެއެވެ. އަދި މޭބިސްކަދުރާއި، ގޮވާމާއި، ކަދުރުރުއްތަކުގެ ބަގީޗާތައް ވެއެވެ. އެއްތަނޑަކަށް ހުންނަ ގަހާއި، އެއްތަނޑަކަށް ނުހުންނަ ގަހެވެ. އެ ހުރިހާ ތަކެއްޗަށް ދެވެނީ، އެއް ފެނެކެވެ. އަދި ތިމަންރަސްކަލާނގެ އޭގެ އެއްބާވަތް އަނެއް ބާވަތަށްވުރެ ކެއުމަށް މޮޅުކުރައްވަމެވެ. ހަމަކަށަވަރުން، އެ (ހުރިހާ) ކަންތަކުގައި، ވިސްނާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.
5
ކަލޭގެފާނު ކަމަކާމެދު عجائب ވެވަޑައިގަންނަވާނަމަ، އެއުރެން އެބުނާ ބަހުގެ މައްޗަށް عجائب ވެވަޑައިގަންނަވާށެވެ! ތިމަންމެން (މަރުވެ) ވެއްޔަށްވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެން އަލުން އުފެދިދާނެހެއްޔެވެ؟ އެއުރެންނަކީ، އެއުރެންގެ ވެރިރަސްކަލާނގެއަށް كافر ވީ މީހުންނެވެ. އަދި އެއުރެންނަކީ އެއުރެންގެ ކަނދުރާތަކުގައި، ކަސްތަޅުއެޅިގެންވާ މީހުންނެވެ. އަދި އެއުރެންނަކީ، ނަރަކައިގެ أهل ވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭހުށްޓެވެ.
6
އަދި ރަނގަޅު ކަންތަކުގެ ކުރިން، ނުބައިކަންތައް އަވަސްވުމަށް، ކަލޭގެފާނުގެ ކިބައިން އެއުރެން އެދެތެވެ. އަދި އެއުރެންގެ ކުރިން عبرة ލިބެނިވި عقاب އިސްވެގޮސްފައިވާކަން ކަށަވަރެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، މީސްތަކުން އަނިޔާވެރިވުމާއެކުވެސް، އެއުރެންނަށް ފާފަފުއްސެވުމުގެ ވެރިރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عقاب ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ.
7
އަދި كافر ވިމީހުން ބުނެތެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ހެތްކެއް (އެބަހީ: معجزة އެއް) އެކަލޭގެފާނުގެ މައްޗަށް ބާވައިނުލެއްވީ ކީއްވެގެން ބާވައެވެ! ކަލޭގެފާނު ވާކަންކަަށަވަރީ، إنذار ކުރައްވާ ބޭކަލަކު ކަމުގައެވެ. އަދި ކޮންމެ قوم އަކަށްމެ ތެދުމަގު ދައްކަވާ رسول އަކު ވެއެވެ.
8
ކޮންމެ އަންހެނަކުގެ މައިބަނޑުގައި ގަރުބަގަންނަ އެއްޗަކާއި، رحم ތައް އުނިކުރާ އެއްޗަކާއި، އިތުރުކުރާ އެއްޗެއް، اللَّه ދެނެވޮޑިގެންވެތެވެ. އަދި ކޮންމެ އެއްޗެއް އެކަލާނގެ حضرة ގައި ވަނީ މިންވަރު ކުރައްވާފައެވެ.
9
(އެކަލާނގެއީ) ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ބޮޑުވެގެންވާ މަތިވެރިވަންތަ ރަސްކަލާނގެއެވެ.
10
ތިޔަބައިމީހުންކުރެ ބުނާ ބަސް ސިއްރުކުރާ މީހާއާއި، އެ ބަސް ފާޅުކުރާ މީހާއާއި، ރޭގަނޑު (އަނދިރީގައި) ފޮރުވިގެންވާ މީހާއާއި، ދުވާލު އެތަންމިތަނަށް ހިނގާމީހާ (އެކަލާނގެ ދެނެވޮޑިގަތުމުގައި) ހަމަހަމަވެގެންވެތެވެ.
11
އޭނާއަށް (އެބަހީ: އިންސާނާއަށް) އޭނާގެ ކުރިމަތީގައްޔާއި، އޭނާގެ ފަހަތުގައި، ބަދަލުވަމުންދާ ގޮތުގައި ތިއްބަވާ ملائكة ން ވެއެވެ. اللَّه ގެ أمر ފުޅަށް، އެބޭކަލުން އޭނާ ރައްކާތެރިކޮށް ބަލަހައްޓަވަތެވެ. ހަމަކަށަވަރުން، ބަޔަކުމީހުންގެ حالة އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށްދާނދެން، اللَّه، އެ حالة ބަދަލެއް ނުކުރައްވާނެތެވެ. ހަމަކަށަވަރުން، اللَّه، ބަޔަކުމީހުންނަށް ނުބައިކަމަކަށް އިރާދަކުރައްވައިފި ހިނދަކު، އެކަން ދުރުކުރާނޭ އެއްވެސް ބާރެއް ނުވެތެވެ. އަދި އެކަލާނގެ ފިޔަވައި، އެއުރެންނަށް އެހީތެރިވާނޭ ފަރާތެއް ނުމެވޭމެއެވެ.
12
އެކަލާނގެއީ، ތިޔަބައިމީހުންނަށް ބިރުވެރިކަމާއި، اميد ލިބެނިވިގޮތުގައި ވިދުވަރު ދައްކަވާ އަދި (ފެނުން) ބަރުވެފައިވާ ވިލާ އުފައްދަވާ ރަސްކަލާނގެއެވެ.
13
އަދި ގުގުރިވެސް އެކަލާނގެއަށް حمد އާއެކު تسبيح ކިޔަތެވެ. އަދި ملائكة ން ވެސް އެކަލާނގެއަށް ބިރުވެތިކަމާއެކު تسبيح ކިޔަތެވެ. އަދި ހޮނުއަޅުއްވައި، އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެ ޖައްސަވަތެވެ. އަދި އެއުރެން اللَّه އާމެދު ޖަދަލުކޮށް ހަދަތެވެ. އަދި އެކަލާނގެއީ، ހިއްޕެވުން ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ.
14
حق ވެގެންވާ دعاء ކުރުންވަނީ، ހަމައެކަނި އެކަލާނގެއަށެވެ. އަދި އެކަލާނގެ ފިޔަވައި، އެހެން ފަރާތްފަރާތަށް دعاء ކުރާ މީހުންނަކަށް އެފަރާތްތަކަކުން އެއްވެސް ކަމަަކަށް އިޖާބައެއް ނުދޭނެތެވެ. ފެންގަނޑަކާދިމާޔަށް އެއިން ފެންފޮދެއް އަނގަޔަށް އެޅުމަށް (ދުރުގައި ހުރެގެން) ދެއަތްތިލަ ފަތުރާމީހެއްގެ مثال ގައި މެނުވީއެވެ. އޭނާޔަކަށް އެއިން ފެންފޮދެއް އަނގަޔަކަށް ނޭޅޭނެތެވެ. كافر ވީ މީހުންގެ دعاء، ގެއްލުމެއްގައި މެނުވީ ނުވެތެވެ.
15
އަދި އުޑުތަކާއި، ބިމުގައިވާހާ ބަޔަކާއި، އެއުރެންގެ ހިޔަނިތައްވެސް، ރުހުމުގައްޔާއި، ނުރުހުމުގައި، ހެނދުނާއި ހަވީރު، اللَّه އަށް (ކިޔަމަންވެ) سجدة ކުރެތެވެ.
16
ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުގެ ވެރިރަސްކަލާނގެއަކީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ ތަކެތީގެ އަމިއްލަ نفس ތަކަށް މަންފާއެއް، ނުވަތަ ގެއްލުމެއް ދިނުމުގެ ބާރު ލިބިގެންނުވާ ތަކެތި، އެކަލާނގެ ފިޔަވައި އެހީތެރިންކަމުގައި ތިޔަބައިމީހުން ހިފަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ލޯކަނުމީހާއާއި، ލޮލަށް ފެންނަ މީހާއާ ހަމަހަމަވާނޭ ހެއްޔެވެ؟ ނުވަތަ އަނދިރިކަމާއި، އަލިކަމާ ހަމަހަމަވާނޭ ހެއްޔެވެ؟ ނުވަތަ އެއުރެން اللَّه އަށް ބައިވެރިންތަކެއްލައި، އެ ބައިވެރިންތައް އެކަލާނގެ ހައްދަވާފައިވާކަހަލަ އެއްވެސް އެއްޗެއް ހަދައި، އެ (ދެފަރާތުގެ) مخلوق ން އެއުރެންނަށް އެއްގޮތްވެ، އޮޅިގެން އުޅެންޖެހުނުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އީ، ހުރިހާ އެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، އެއްކައުވަންތަ، ބާރުވެރިވަންތަ ރަސްކަލާނގެއެވެ.
17
އެކަލާނގެ އުޑުން ފެން ބާވައިލެއްވިއެވެ. ދެން ވާދީތަކުގައި ފެންބޮޑުވެ، އެއަށް ކަނޑައެޅިގެންވާ މިންވަރުގެމަތިން އޮހޮރިގެންދިޔައެވެ. ފަހެ، އެފެނުގެ މައްޗަށް އަރާ ފޮނުތައް، އެއާއެކު އުފުލައިގެން ގެންދިޔައެވެ. އަދި ގަހަނާއެއް ނުވަތަ ހިފައިގެންގުޅޭ އެއްޗެއް ހެދުމަށް އެއުރެން އަލިފާނަށްލައި ވިރުވާ معدن ގެ މައްޗަށްވެސް އެފަދަ ދަގުއިއަރައެވެ. އެފަދައިން، اللَّه، حق އާއި باطل ގެ مثال ޖައްސަވަތެވެ. ފަހެ، މައްޗަށްއަރާ ފޮނު ދަންނާށެވެ! ބޭނުންނެތް ގޮތުގައި، އެ އުކައިލެވި، ގެއްލިދަނީއެވެ. އަދި މީސްތަކުންނަށް ފައިދާހުރި ކަންތައް ދަންނާށެވެ! ފަހެ، ބިމުގައި އެ، ހަރުލައި ހުންނާނެތެވެ. އެފަދައިން اللَّه مثال ޖައްސަވަތެވެ.
18
އެއުރެންގެ ވެރިރަސްކަލާނގެއަށް އިޖާބަދިން މީހުންނަށް، ހުރީ، އެންމެ ހެޔޮ ދަރުމައެވެ. އަދި އެކަލާނގެއަށް އިޖާބަ ނުދިން މީހުންނަށް މުޅި ބިމުގައި ވާހައި ތަކެއްޗެއް އޭގެ ދެގުނަޔަށް ލިބުނުކަމުގައިވިޔަސް، އެ ހުރިހާ އެއްޗަކުން އެއުރެން فدية ދިނީހެވެ. އެއުރެންނަށްހުރީ، ނުބައިކަންހުރި حساب ބެއްލެވުމެކެވެ. އަދި އެއުރެން ތިބެނިވި ތަނަކީ، ނަރަކައެވެ. އަދި އެ ތަންމަތީގެހުރި ނުބައިކަމާއެވެ!
19
ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވީ، حق ތެދުކަން ދަންނަ މީހާ، ލޯއަނދިރި މީހަކާ އެއްފަދަ މީހެއްކަމުގައި ވާނޭހެއްޔެެވެ؟ نصيحة ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ أهل ވެރިންނެވެ.
20
އެއުރެންނަކީ، اللَّه އަށް ވެފައިވާ وعد ފުއްދާ، އަދި ކަށަވަރުވެގެންވާ عهد އުވައިނުލާ މީހުންނެވެ.
21
އަދި އެއުރެންނަކީ، ގުޅިފައިވުމަށް اللَّه أمر ކުރައްވާފައިވާ ކަންތައްތައް ގުޅުވާ، އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާ، އަދި حساب ބެއްލެވުމުގެ ނުބައި ނަތީޖާއަކަށް ބިރުގަންނަ މީހުންނެވެ.
22
އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ وجه ފުޅު އަދައިގެން ކެތްތެރިވެ، ނަމާދު قائم ކޮށް، އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން، ސިއްރާއި ފާޅުގައި ހޭދަކޮށް، އަދި ހެޔޮކަންތަކުން ނުބައިކަންތައް ދުރުކުރާ މީހުންނެވެ. އެއުރެންނަށް آخرة ގައި އުފާވެރި ގޮވަތި ހުށްޓެވެ.
23
(އެއީ) عَدْنُ އޭ ކިއުނު ސުވަރުގެތަކެވެ. އެ ސުވަރުގެތަކަށް އެއުރެންނާއި، އެއުރެންގެ މައިންބަފައިންނާއި، އެއުރެންގެ އަނބިންނާއި، އެއުރެންގެ ދަރިންކުރެ صالح ވި މީހުން ވަންނާނެތެވެ. އަދި އެތާނގެ ހުރިހާ ދޮރަކުން، ملائكة ން އެއުރެންގެ ގާތަށް ވެދެވަޑައިގަންނަވާނެތެވެ.
24
(އެބޭކަލުން ވިދާޅުވާނެތެވެ.) ތިޔަބައިމީހުން ކެތްތެރިވިކަމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް سلام ހުށްޓެވެ. ފަހެ، آخرة ގެ އުފާވެރި ގޮވަތީގެ މޮޅުކަމާއެވެ!
25
އަދި اللَّه އަށް عهد ކަށަވަރުކުރުމަށްފަހު، އެ عهد އުވާލައި، އަދި ގުޅިފައިވުމަށް اللَّه أمر ކުރައްވާފައިވާ ގުޅުންތައް ކަނޑާލައި، އަދި ބިމުގައި ފަސާދަކުރާ މީހުންނާމެދު (ދަންނާށެވެ!) އެއުރެންނަށް لعنة ހުށްޓެވެ. އަދި آخرة ދުވަހުން އެއުރެންނަށް ނުބައިވެގެންވާ ގޮވަތި ހުށްޓެވެ.
26
اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزق ތަނަވަސްކޮށްދެއްވައި، އަދި (އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزق) ދަތިކުރައްވަތެވެ. އަދި ދުނިޔޭގެ ދިރިއުޅުމާމެދު އެއުރެން އުފާކުރޫއެވެ. އަދި ދުނިޔޭގެ ދިރިއުޅުމަކީ، آخرة ގެ ދިރިއުޅުމާ އަޅައިބަލާއިރު، ވަގުތީ އުފަލެއްކަމުގައި މެނުވީ ނުވެތެވެ.
27
كافر ވި މީހުން ބުނެތެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ހެތްކެއް އެކަލޭގެފާނުގެ މައްޗަށް ބާވައިނުލެއްވީ، ކީއްވެގެން ބާވައެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، اللَّه އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ حضرة އަށް އެނބުރި އަންނަ މީހަކަށް ތެދުމަގު ދައްކަވަތެވެ.
28
އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟
29
އެއުރެންނީ، إيمان ވެ، صالح عمل ތައްކުޅަ މީހުންނެވެ. އެއުރެންނަށް އުފާވެރިކަމާއި، އަދި އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ.
30
އެފަދައިން ތިމަންރަސްކަލާނގެ ކަލޭގެފާނު أمّة އެއްގެތެރެއަށް ފޮނުއްވީމެވެ. އެ أمّة ގެ ކުރީގައި، އެތައް أمّة ތަކެއް ނިމިގޮސްފައިވެއެވެ. (އެއީ) ތިމަންރަސްކަލާނގެ ކަލޭގެފާނަށް އިއްވެވި وحى އެއުރެންނަށް ކަލޭގެފާނު ކިޔައިދެއްވުމަށްޓަކައެވެ. (ނަމަވެސް) އެއުރެން رحمن ވަންތަ ރަސްކަލާނގެއަށް كافر ވެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ ފިޔަވައި، އެހެން إله އަކު ނުވެއެވެ. ތިމަންކަލޭގެފާނު وكيل ކުރައްވަނީ، އެކަލާނގެއަށެވެ. އަދި ތިމަންކަލޭގެފާނު އެނބުރި ދިއުންވަނީ އެކަލާނގެ حضرة އަށެވެ.
Sonraki 13 ayet →