1
ا ل ر (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) މިއީ ފާޅުވެ ބަޔާންވެގެންވާ، ފޮތުގެ آية ތަކެވެ.
2
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ފޮތް ބާވައިލެއްވީ، عرب ބަހުންއޮތް قرآن އެއް ކަމުގައެވެ. އެއީ ތިޔަބައިމީހުން ވިސްނައި ފިކުރުކުރުމަށްޓަކައެވެ.
3
އެންމެ ރިވެތި ވާހަކަތައް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވަމެވެ. (އެއީ) ތިމަންރަސްކަލާނގެ، ކަލޭގެފާނަށް މި قرآن وحى ކުރެއްވި ކުރެއްވުމުންނެވެ. އޭގެކުރިން، ކަލޭގެފާނު އެ ވާހަކަތައް ނުދަންނަ މީހުންގެ ތެރެއިން ވީނަމަވެހެވެ.
4
يوسف ގެފާނު، އެކަލޭގެފާނުގެ ބައްޕާއަށް ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! އޭ ބައްޕާއެވެ! ހަމަކަށަވަރުން، އެގާރަ ތަރިޔާއި، އިރާއި، ހަނދު، ތިމަންކަލޭގެފާނަށް ހުވަފެނުން ފެނިއްޖެއެވެ. ފެނުނީ، އެތަކެތި ތިމަންކަލޭގެފާނަށް سجدة ކުރާތީއެވެ.
5
އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ! ތިބާޔަށް ފެނުނު ހުވަފެން ތިބާގެ ބޭބޭމެންނަށް ކިޔައިނުދޭށެވެ! ފަހެ، އެއުރެން ތިބާޔަށް ނުބައި ރޭވުމެއް ރާވައިފާނެތެވެ. ހަމަކަށަވަރުން، شيطان އާއަކީ، އިންސާނާއަށްހުރި، ފާޅުވެގެންވާ عداوة ތެރިއެކެވެ.
6
އަދި ހަމައެފަދައިން، ތިބާގެ ވެރިރަސްކަލާނގެ، ތިބާ خيار ކުރައްވައި، ހުވަފެނުގެ ވާހަކަތައް، މާނަކުރުން ތިބާޔަށް ދަސްކޮށްދެއްވައި، އަދި ތިބާޔަށާއި، يعقوب ގެ ދަރިކޮޅަށް، އެކަލާނގެ نعمة ތައް ފުރިހަމަކޮށްދެއްވާނެތެވެ. (އެއީ) މީގެކުރިން، ތިބާގެ ދެކާފައިން ކަމަށްވާ، إبراهيم ގެފާނާއި، إسحاق ގެފާނަށް އެ نعمة ތައް ފުރިހަމަކޮށްދެއްވި ފަދައިންނެވެ. ހަމަކަށަވަރުން، ތިބާގެ ވެރިރަސްކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ.
7
يوسف ގެފާނާއި، އެކަލޭގެފާނުގެ أخ ންގެ ވާހަކައިގައި، سؤال ކުރާ މީހުންނަށް، ހެކިތަކެއްވާކަން ކަށަވަރެވެ.
8
އެ أخ ންތައް، ބުނިހިނދު، ހަނދުމަކުރާށެވެ! ތިމަންމެންނީ، ގަދަފަދަ جماعة އެއްކަމުގައި ވާހިނދުވެސް، يوسف ގެފާނާއި، އޭނާގެ أخ (بنيامين) ތިމަންމެންގެ ބައްޕާގެ އަރިހުގައި ލޮބުވެތިކަން މާބޮޑެވެ. ހަމަކަށަވަރުން، ތިމަންމެންގެ ބައްޕާވަނީ، ފާޅުވެގެންވާ މަގުއޮޅުމެއްގައެވެ.
9
ތިޔަބައިމީހުން يوسف ގެފާނު قتل ކޮށްލާށެވެ! ނުވަތަ، ދުރު ބިމަކަށް އެކަލޭގެފާނު އެއްލައިލާށެވެ! އޭރުން ތިޔަބައިމީހުންގެ ބައްޕާގެ ހެެޔޮކަން ތިޔަބައިމީހުންނަށް އެކަނި ލިބޭނެތެވެ. އަދި އެއަށްފަހު ތިޔަބައިމީހުން (توبة ވެ) صالح ރަނގަޅު ބައެއްކަމުގައި ވާނީއެވެ.
10
އެއުރެންގެ ތެރެއިން ބުނާ މީހަކު ބުންޏެވެ. ތިޔަބައިމީހުން يوسف ގެފާނު قتل ނުކުރާށެވެ! ތިޔަބައިމީހުން ކަމެއްކުރަންޏާ (އަނދިރި) ވަޅެއްގެ އަޑިޔަށް އެކަލޭގެފާނު އެއްލައިލާށެވެ! އޭރުން، ދަތުުރުކުރަމުންދާ ބަޔަކު، އެކަލޭގެފާނު ހޮވައިގެން ގެންގޮސްފާނެތެވެ.
11
އެއުރެން ދެންނެވޫއެވެ. އޭ އަހުރެމެންގެ ބައްޕާއެވެ! يوسف ގެފާނާމެދު، ކަލޭގެފާނު ތިމަންމެންނަށް އިތުބާރު ނުކުރައްވަނީ ކީއްވެތޯއެވެ. ހަމަކަށަވަރުން، ތިމަންމެންނީ، އެކަލޭގެފާނަށް ހެޔޮއެދޭ ބަޔަކީމުއެވެ.
12
ކައިބޮއި އުފާކޮށް، ކުޅެހެދުމަށްޓަކައި، ތިމަންމެންނާއެކުގައި، މާދަމާ އެކަލޭގެފާނު ފޮނުއްވާށެވެ! ހަމަކަށަވަރުން، ތިމަންމެން އެކަލޭގެފާނު ބަލަހައްޓައި ރައްކާތެރިކުރާހުށީމުއެވެ.
13
އެކަލޭގެފާނު ވިދާޅުވިއެވެ. އޭނާ ގޮވައިގެން ތިޔަބައިމީހުން ދިއުމަކީ، ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ހިތާމަ ލިބޭކަމެކެވެ. އަދި ތިޔަބައިމީހުން އޭނާގެ މަތިން غافل ވެގެންތިއްބައި، މިނިކާވަގު (އައިސް) އޭނާ ކައިފާނެތީ ތިމަންކަލޭގެފާނު ބިރުފުޅު ގަނެތެވެ.
14
އެއުރެން ދެންނެވޫއެވެ. ތިމަންމެންނީ ބާރުހުރި ބަޔެއްކަމަށްވާހިނދު، މިނިކާވަގު (އައިސް) އޭނާ ކައިފިނަމަ، ހަމަކަށަވަރުން، ތިމަންމެންވާހުށީ (ކަމެއްނުކުރެވޭ) ގެއްލެނިވިގެންވާ ބަޔަކު ކަމުގައެވެ.
15
ފަހެ، އެއުރެން އެކަލޭގެފާނު ގޮވައިގެން ދިޔަހިނދު، އަނދިރި ވަޅަކަށް އެކަލޭގެފާނު ލުމަށް އެންމެން އެއްބަސްވޫއެވެ. ތިމަންރަސްކަލާނގެ އެކަލޭގެފާނަށް وحى ކުރެއްވީމެވެ. އެއުރެންގެ މިކަންތަކުގެ ވާހަކަ، އެއުރެންނަށް ނޭނގިތިއްބައި، ހަމަކަށަވަރުން، ކަލޭގެފާނު އެއުރެންނަށް (ފަހުން) ކިޔައިދެއްވާނެތެވެ.
16
އަދި عشاء ވަގުތުގައި، އެއުރެންގެ ބައްޕާގެ އަރިހަށް ރޮމުން އެއުރެން އައޫއެވެ.
17
އެއުރެން ދެންނެވޫއެވެ. އޭ އަހުރެމެންގެ ބައްޕާއެވެ! ތިމަންމެންގެ ސާމާނުތަކުގެ ކައިރީގައި يوسف ގެފާނު ބަހައްޓާފައި، ތިމަންމެން ވާދަކުރުމަށް ދިޔައީމުއެވެ. ދެން މިނިކާވަގެއްއައިސް، އެކަލޭގެފާނު ކައިިފިއެވެ. ތިމަންމެން ތެދުވެރިންކަމުގައިވިޔަސް، ކަލޭގެފާނު ތިމަންމެންގެ ބަސް ތެދެއް ނުކުރައްވާނެތެވެ.
18
އަދި އެއުރެން އެކަލޭގެފާނުގެ ގަމީސްކޮޅުގައި ދޮގު ލެޔެއް އުނގުޅައިގެން ގެނައޫއެވެ. (يعقوب ގެފާނު) ވިދާޅުވިއެވެ. އެހެންނަކުންނޫނެވެ. ތިޔަބައިމީހުންގެ އަމިއްލަ نفس ތައް (ނުބައި) ކަމެއްކުރުމަށް، ތިޔަބައިމީހުންނަށް ތަންދިނީއެވެ. ފަހެ، (ތިމަންކަލޭގެފާނަށް އޮތީ) ރިވެތިވެގެންވާ ކެތްކުރުމެކެވެ. އަދި ތިޔަބައިމީހުން، ސިފަކޮށް ބުނާ އެއްޗެއްގެ މައްޗަށް (ކެތްކުރުމުގައި) އެހީދެއްވާ ފަރާތަކީ اللَّه އެވެ.
19
އެތަނަށް ދަތުރުކުރާ ބަޔަކު އައޫއެވެ. އަދި އެއުރެންނަށް ފެން ގެނެސްދޭމީހާ (ވަޅުކައިރިއަށް) ފޮނުވޫއެވެ. އަދި އޭނާ ބާލިދީ ވަޅަށް ތިރިކޮށްފައި (يوسف ގެފާނު ވަޅުން ނަގާފައި) ބުންޏެވެ. އޭ ހުރި އުފަލެއްގެ ބޮޑުކަމާއެވެ! މިހުރީ ކުޑަ ފިރިހެން ކުއްޖެކެވެ. ދެން ވިޔަފާރި މުދަލެއްގެ ގޮތުގައި، އެކަލޭގެފާނު ފޮރުވައި، ރައްކާކޮށްފޫއެވެ. اللَّه އީ، އެމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
20
އަދި ވަރަށް ކުޑަ އަގަކަށް، ގުނައިލެވޭ މަދު درهم ކޮޅަކަށް، އެއުރެން އެކަލޭގެފާނު ވިއްކާލައިފޫއެވެ. އަދި އެކަލޭގެފާނާމެދު، އެއުރެންވީ (މަދު އެތިކޮޅަކަށް ރުހޭ) زاهد ންގެ ތެރެއިންނެވެ.
21
مصر ން އެކަލޭގެފާނު ގަތް މީހާ، އޭނާގެ އަންހެނުންނަށް ބުންޏެވެ. ކަނބުލޭގެ، އެކަލޭގެފާނުގެ ހުންނެވުން ރަނގަޅުގޮތަކަށް ހަމަޖައްސާށެވެ! އެއީ އެކަލޭގެފާނު، ތިމަންމެންނަށް މަންފާއެއް ކުރޭތޯއެވެ. ނުވަތަ ތިމަންމެން އެކަލޭގެފާނު ދަރިއެއްކަމުގައި ހަދާނީއެވެ. އެފަދައިން، ތިމަންރަސްކަލާނގެ يوسف ގެފާނު (مصر ގެ) ބިމުގައި ބާރުވެރި ކުރެއްވީމެވެ. އަދި ހުވަފެނުގެ ވާހަކަތައް މާނަކުރެއްވުން އެކަލޭގެފާނަށް ދަސްކޮށްދެއްވުމަށްޓަކައެވެ. اللَّه އީ، އެކަލާނގެ ކަންތައްތައް ހިންގެވުމުގައި، ބާރުވެރިވަންތަ ރަސްކަލާނގެއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.
22
އެކަލޭގެފާނު ފުރާ ފުރިހަމަވީހިނދު، ތިމަންރަސްކަލާނގެ، އެކަލޭގެފާނަށް حكمة އާއި، علم ދެއްވީމެވެ. إحسان ތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ، އެފަދައިންނެވެ.
23
އަދި އެކަލޭގެފާނު އެކަނބުލޭގެ ގޭގައި ހުންނެވި ކަނބުލޭގެ، އެކަލޭގެފާނުގެ އަރިހުން ނުބައި ކަމަކަށް އެދުނެވެ. އަދި ދޮރުލައްޕައި، އެކަނބުލޭގެ ދެންނެވިއެވެ. ކަލޭގެފާނު (ތިމަންނާގެ ގާތަށް) ވަޑައިގަންނަވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. [معاذ اللَّه] އެވެ. (އެބަހީ: اللَّه ގެ ރައްކާތެރިކަމަށް އެދެމެވެ. خيانة ތެރިވުމަށް ކަނބުލޭގެ ތިޔަ އެދޭ މީހާ) އެއީ ހަމަކަށަވަރުން، ތިމަންގެ ސާހިބު މީހާއެވެ. އޭނާ ތިމަންކަލޭގެފާނު ބަހައްޓާފައިވަނީ، މާތް ރަނގަޅުގޮތަށެވެ. ހަމަކަށަވަރުން، އަނިޔާވެރިން ނުދިނޭނެތެވެ.
24
އަދި ހަމަކަށަވަރުން (އެދުމާއެކު) އެކަނބުލޭގެ އެކަލޭގެފާނާ ކުރިމަތިލިއެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ دليل ފެނިވަޑައިނުގެންނެވިނަަމަ، އެކަލޭގެފާނުގެ ހިތްޕުޅުވެސް އެކަނބުލޭގެ ފަރާތަށް ލެނބުނީހެވެ. އެފަދައިން (އެ دليل ދެއްކެވީ) ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ ކިބައިން ނުބައި عمل އާއި، ހުތުރުކަންބޮޑު ފާފަ ދުރުކުރެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލޭގެފާނު ވަނީ، ތިމަންރަސްކަލާނގެ خيار ކުރެއްވި އަޅުންގެ ތެރެއިންނެވެ.
25
އަދި އެ ދެމީހުންމެ ދޮރާ ދިމާއަށް އަވަސްވެގެންފޫއެވެ. އަދި އެކަނބުލޭގެ އެކަލޭގެފާނުގެ ގަމީސްކޮޅު ފުރަގަހުން (ހިފައި) ވީދައިލިއެވެ. އަދި ދޮރުކައިރިން އެކަނބުލޭގެ ފިރިމީހާ އެ ދެމީހުންނަށް ފެނުނެވެ. އެކަނބުލޭގެ ބުންޏެވެ. ތިބާގެ އަނބިމީހާއަށް ނުބައިކަމެއްކުރަން އުޅުނުމީހަކަށް، އެމީހާ ޖަލުގައި ހައްޔަރުކުރުން، ނުވަތަ ވޭންދެނިވި عقوبات ދިނުން ފިޔަވައި އޮތީ ކޮން ޖަޒާއެއް ހެއްޔެވެ؟
26
އެކަލޭގެފާނު ވިދާޅުވިއެވެ. ނުބައިކަންތަކަށް ތިމަންކަލޭގެފާނުގެ ކިބައިން އެދުނީ، އެކަނބުލޭގެއެވެ. އަދި (އެކަމާމެދު) އެކަނބުލޭގެ ތިމާގެ މީހުންކުރެ ހެކިވެރިޔަކު ހެކިދީ ބުންޏެވެ. އެކަލޭގެފާނުގެ ގަމީސްކޮޅު ވީދިފައިވަނީ، ކުރިމަތިންނަމަ، އެކަނބުލޭގެ އެބުނީ ތެދެވެ. އަދި އެކަލޭގެފާނު ވަނީ ދޮގުވެރިންގެ ތެރެއިންނެވެ.
27
އަދި އެކަލޭގެފާނުގެ ގަމީސްކޮޅު ވީދިފައިވަނީ، ފުރަގަހުންނަމަ، އެކަނބުލޭގެ އެހެދީ ދޮގެވެ. އަދި އެކަލޭގެފާނު އެވަނީ ތެދުވެރިންގެ ތެެރެއިންނެވެ.
28
ފަހެ، އެކަލޭގެފާނުގެ ގަމީސްކޮޅު ފުރަގަހުން ވީދިފައިވާތަން ފެނުމުން، އޭނާ (އެބަހީ: އެކަނބުލޭގެ ފިރިމީހާ) ބުންޏެވެ. ހަމަކަށަވަރުން، އެއީ ތިޔަކަނބަލުންގެ މަކަރުވެރިކަމުގެ ތެރެއިން ކަމެކެވެ. ހަމަކަށަވަރުން، ތިޔަކަނބަލުންގެ މަކަރުވެރިކަމަކީ، ބޮޑުވެގެންވާ ކަމެކެވެ.
29
يوسف ގެފާނެވެ! މިކަންތަކުން ދުރުހެލިވެވަޑައިގަންނަވާށެވެ! އަދި ކަނބުލޭގެ ކުރި ކުށަށް މާފު އެދޭށެވެ! ހަމަކަށަވަރުން، ކަނބުލޭގެވަނީ، ކުށްވެރިންގެ ތެރެއިންނެވެ.
30
(މިކަންތަކުގެ خبر ފެތުރިގެންދިޔުމުން) ރަށުތެރޭގެ އަންހެނުންގެ ބަޔަކު ބުނެފޫއެވެ. العزيز ގެ އަންހެނުން، އެކަނބުލޭގެ އަޅުކުއްޖާގެ ކިބައިން ނުބައިކަންތަކަށް އެދެނީއެވެ. ހަމަކަށަވަރުން، އެކަނބުލޭގެ ހިތްވަނީ، އެކުއްޖާގެ ލޯބިން ފުރިފައެވެ. ހަމަކަށަވަރުން، އެކަނބުލޭގެ ވާކަމަށް ތިމަންމެންދެކެނީ ބަޔާންވެގެންވާ ފުރެދުމެއްގައެވެ.
Sonraki 30 ayet →